ދެމަފިރިންގެ މެދުގަ ހުންނަ މައްސަލަތަކަށް މަޝްވަރާކުރަން އެންމެ ރަނގަޅު ވަޤުތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދެމަފިރިންގެ މެދުގަ ހުންނަ މައްސަލަތަކަށް މަޝްވަރާކުރަން އެންމެ ރަނގަޅު ވަޤުތު-

ބައެއް ޢާއިލާތަކުގައި ދެމަފިރިންވެސް މަސައްކަތުދާނެއެވެ. އަނެއްބައި ޢާއިލާތަކުގައި މަސައްކަތުދާނީ ފިރިމީހާއެވެ. މިއިން ކޮންމެ ގޮތެއްގައި ނަމަވެސް ދެމަފިރިން ގެއިން ބައްދަލުވާ ވަޤުތަކަށްވާނީ ހަވީރެވެ. ނުވަތަ ރޭގަނޑެވެ. 

އެވަޤުތު އެކަކު އަނެކަކަށް ބުނެވޭ ބަސްތަކާއި ޢަމަލުކުރެވޭ ގޮތް އެއީ ވަރިއާއި ދިމާއަށް ވިސްނުން މިސްރާބުޖަހާ ސަބަބެވެ. މިޘާލަކަށް އަނބިމީހާ ގޭގައި އިނދެގެން ކުރި މަސައްކަތުގެ އަގު ފިރިމީހާ ވަޒަން ނުކުރަނީއެވެ. ފިރިމީހާ ވަޒީފާގައި ކުރި މަސައްކަތުގެ އަގު އަނބިމީހާ ވަޒަންނުކުރަނީއެވެ. 

އެގޮތަށް ކަންކަން މެދުވެރިވާނަމަ ބުނެވޭނީ ރަނގަޅު ބަސްތަކެއް ނޫނެވެ. ކަންކަން ކުރެވޭނީވެސް ރަނގަޅަކަށް ނޫނެވެ. އެކަކު އަނެކަކަށް ދޭންޖެހޭ އަޅައިލުމާއި ލޯތްބެއްވެސް ނުދެވޭނެއެވެ. އެހީތެރިކަމެއްވެސް ފޯރުކޮށެއް ނުދެވޭނެއެވެ. ދުވަހުގެ ބާކީ އޮތް ވަޤުތާއި ޜޭގަނޑުގެ ވަޤުތުތައް ދާނީ ހިތްހަމަނުޖެހުމުގައެވެ. 

މިޙާލަތު މެދުވެރިވާނަމަ ވަޤުތުން ކައިވެނި ރޫޅައި ނުލެވުނަސް އެކުގައި އަހަރުތަކެއް ފާއިއތުވިނަމަވެސް އެކައިވެނި ދެމިއޮންނާނެ ކަމުގެ އުންމީދު އެދަނީ ނެތެމުންނެވެ. ކޮންމެވެސް ހިސާބަކުން ކައިވެނި ރޫޅުން އޮންނާނީ ދާދިގާތުގައެވެ. 

އަހުރެންގެ ނަޞޭޙަތަކީ ހަވީރު ދެމީހުން ބައްދަލުވާ ވަޤުތަކީ ކުރިމަތިވެފައި ހުންނަ މައްސަލަތަކުގެ ވާހަކަ ދައްކާ ވަޤުތަކަށް ނުހެދުމެވެ. ޝަކުވާކުރާ ވަޤުތަކަށް ނުހެދުމެވެ. ދެމީހުންގެ މެދުގައި މަޝްވަރާކުރަން ހުންނަ މައްސަލަތަކަށް ފަހުން ހަމަޖެހިލައިގެން މަޝްވަރާކުރުމެވެ. 

އަހުރެންނަށް ވިސްނޭ ގޮތުން އެކަންކަމަށް މަޝްވަރާކުރަން އޮތް އެންމެ ރަނގަޅު ވަޤުތަކީ ޜޭގަނޑުގެ ކެއުމަށްފަހު ނިދުމުގެ ކުރިން ހޭދަކުރާ ވަޤުތެވެ. އެއިރުން ނިދަންދާންވާއިރަށް ތިބޭނީ މައްސަލަތައް ޙައްލުކުރެވި ހިތްހަމަޖެހިގެންނެވެ. 

- އަލަފް

މިއަދު އޮންލައިން