މިކިޔައިދެނީ ޚާއްޞަ ބައަކަށް ނޫނީ ﷲ ތަޢާލާ ނުދެއްވަވާނެ ފުރުޞަތެއް! ދެއްވަވައިފިނަމަ ނަމަނަމަ ބޭނުންހިފާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މިކިޔައިދެނީ ޚާއްޞަ ބައަކަށް ނޫނީ ﷲ ތަޢާލާ ނުދެއްވަވާނެ ފުރުޞަތެއް! ދެއްވަވައިފިނަމަ ނަމަނަމަ ބޭނުންހިފާތި!

ދިރިއުޅެމުންދނިކޮށް ބައިވެރިޔާ ތިބާ ދޫކޮށްލައިފާނެއެވެ. ހުރިހާ އެކުވެރިން ތިބާ ދޫކޮށްލައިފާނެއެވެ. ޢާއިލާގެ މީހުންވެސް ތިބާ ދޫކޮށްލައިފާނެއެވެ. އެހެންކަމުން ތިބާ އެވަޤުތު ހުންނާނީ ވަރަށް ބޮޑަށް އެކަނިވެފައި ނޫންހެއްޔެވެ؟ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ނޫންހެއްޔެވެ؟ 

އެކަމަކު އެއީ ތިބާއަށް ﷲ ތަޢާލާ ދެއްވެވި ކިހައި ބޮޑު ޚާއްޞަކަމެއްކަން، ނުވަތަ ރަނުގެ ފުރުޞަތެއްކަން ވިސްނިއްޖެނަމަ ހިތާމައެއް ނުކުރާނެއެވެ. އުފަލުން ހޭނީއެވެ. އެ ބޮޑު އުފާވެރިކަން ލިބެން ބޭނުންވާ މީހާ އެކަން މިގޮތަށް ވިސްނައިލާށެވެ! 

"އަހުރެން އެބައަކު ދެކެ ލޯބިވީ އެންމެން އަހުރެން ދޫކޮށްލައި އަހުރެން އެކަނިވެރިކޮށްލީ ދުވަހު އަހުރެން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާވަރު ބޮޑުކަމާއެވެ! އަހުރެންނަށް ﷲ ތަޢާލާ މިވަނީ ވަރަށް ޚާއްޞަ ދަޢުވަތެއް ދެއްވަވައިފައެވެ. އެއީ ވީހައި ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށެވެ. 

މިހާރު ބައިވެރިއެއް، އެކުވެރިއެއް ނެތެވެ. ހެޔޮއެދޭ އެކަކުވެސް ނެތެވެ. ހުރިހާ އެންމެންހެން މިވަނީ އަހުރެން ދެރަކޮށް ނިކަމެތިކޮށްލައިފައެވެ. ދުނިޔެއަށް ބިކަކޮށް ގިނަކޮށްލައިފައެވެ. 

މިއީ މުޅި ޙަޔާތުގައިވެސް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ލިބުނު އެންމެ އަގުހުރި ފުރުޞަތެވެ. އެކަމަށް ހުރަސްއަޅާނެ ހަމައެކަކުވެސް ނެތިއެވެ. ވީމާ މިފުރުޞަތުގެ ބޭނުން އަހުރެން ހިފާނީ ވީހައި ގިނަ ވަޤުތުތަކެއް ﷲ ތަޢާލާއަށް ޛިކުރުކުރުމާއި އެހެންވެސް އަޅުކަންކުރުމުގައި ހޭދަކުރާށެވެ! މިއީ ﷲ ތަޢާލާ އަހުރެން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު ބޮޑުކަމުން އަހުރެންނަށް ދެއްވެވި ޚާއްޞަ ފުރުޞަތެކެވެ. 

ކުރިއަށް އޮތްތަނުގައި އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަންދޭނީ އެއެންމެން މިނިކަމެތި ޙާލުގައި އަހުރެން ދޫކޮށްލާފައި ދިއުމުންވެސް އަހުރެން އެކަނިވެރިވާން ދޫކޮށް ނުލެއްވެވި ﷲ ތަޢާލާއަށެވެ. އަހުރެންގެ ހިތް ފުރާނީ ﷲ ތަޢާލާއަށް ލޯބިންނެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލުތައް ކުރުމުންނެވެ. އެއިރުން އަބަދުވެސް ހުރެވޭނީ އުފަލުގައެވެ. އިން ޝާ ﷲ" 

ދުނިޔޭގެ އެންމެން ތިބާ ދޫކޮށްލައި އެކަނިވެރިކޮށްލިނަމަވެސް ﷲ ތަޢާލާ ތިބާ ދޫކޮށް ނުލައްވަވާނެތެވެ. ވީމާ އެކަނިވެރިކަން އިޙްޞާޞްކުރެވޭނަމަ މިމޭރުމުން ވިސްނާށެވެ. ޢަމަލުކުރާށެވެ. އެކަމަށް ހިތްވަރު ލިބިއްޖެ މީހަކު ބަލިކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން