ހިތްދަތިވެ ކަރުނައަޅަން ޖެހިފައިވާ މީހަކަށް ކެތްތެރި ނުވެވެނީކަމަށް ބުނެ އިތުރަށް ހިތްދަތި ކުރުވުމަކީ ކުރެވޭ ބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހިތްދަތިވެ ކަރުނައަޅަން ޖެހިފައިވާ މީހަކަށް ކެތްތެރި ނުވެވެނީކަމަށް ބުނެ އިތުރަށް ހިތްދަތި ކުރުވުމަކީ ކުރެވޭ ބޮޑު އަނިޔާއެއް!

ހތްދަތިވާ ކަމެއް މެދުވެރިވުމުން ހިތާމަކުރުމާއި ކަރުނައެޅުމަކީ އިންސާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމެކެވެ. އެކަން އެހެން ގޮތަކަށް ބަދަލެއްވެސް ނުކުރެވޭނެއެވެ. ވީމާ ހިތްދަތިކަމެއް ކުރިމަތިވުމުން ރޮއެ ކަރުނައަޅަން ހުރި މީހަކަށް އޭނާއަކީ ކެތްތެރިއެއް ނޫން ކަމަށްވެސް ބުނެގެން ނުވާނެއެވެ. އެއީ އޭނާއަށް ބުނެވޭ ދެރަބަހެކެވެ. ކުރެވޭ ފުރައްސާރައެކެވެ.

އެފަދަ ޙާލަތުގައި ފުރަތަމަވެސް ވިސްނައިލަންވީ އޭނާއަށް ކުރިމަތިވެފައިވާފަދަ ޙާލަތެއް ތިމާއަށް ކުރިމަތިވެއްޖެ ނަމަ ތިމާއަށް ކުރާނެ އަސަރަށެވެ. ތިމާއަށް ޢަމަލުކުރެވޭނެ ގޮތަށެވެ.

ކަންކަމުގައި އެކި މީހުންނަށް އަސަރުކުރާނީ އެކި މިންވަރަށެވެ. ކެތްތެރިކަންވެސް އެކި މީހުންގެ ކިބައިގައި ހުންނާނީ އެކިވަރަށެވެ. ވީމާ އެއްވެސް މީހަކާއި ދިމާއަށް އޭނާއަކީ ކެތްތެރިއެއް ނޫންކަމަށް ބުނެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ބުނެގެންނުވާނެއެވެ. ބުނަންވާނީ ހިތްވަރު ދިނުމުގެ ބަސްތަކެވެ. އެފަދަ ޙާލުގައި ހުރި މީހަކަށް ހިތްވަރުދިނުމަކީވެސް ހަމަ ކުރެވޭ އަޅުކަމެކެވެ.

މާޔޫސްވެ އަމިއްލައަށް މަރުވާ ޙާލަތުގައި ތިބޭ މީހުންނަށްވެސް ހިތްވަރުދިނުމުން ހިތްވަރު ލިބި އަލުން ހަމަ އުފަލުގައި އެބަ ދުނިޔޭގައި އުޅެއެވެ. ވީމާ ހިތްދަތިކަމުގައި ހުންނަ މީހަކަށް ހިތްވަރުދިނުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުން ފަދަ މަތިވެރި ކަމެކެވެ.

ހިތާމަ އާއި ހިތްދަތިކަން ކުރިމަތިވުމުން ރޯށެވެ! ހިތާމަކުރާށެވެ! ކަރުނައަޅާށެވެ! އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެފަދަ ވަގުތެއްގައި ކަރުނަ ނުއަޅަން މަސައްކަތްކޮށްފިނަމަ ދެން ކުރިމަތިލާންޖެހިދާނެ މުޞީބާތްތައް މާ ބޮޑުވެދާނެ ކަމަށްޓަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން