އިސްލާމް ދީނުގައި ވަނީ އެންމެ ފުރިހަމަ އުޞޫލުތަކާއި ހަމަތައް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. އެކަމަކުވެސް ދީނުގައި ބަޔާންވެގެންވާ ގޮތް ނޫން އެހެން ގޮތްތަކަށް އެބަ ޢަމަލުވެސް ކުރަމުއެވެ. ކާފިރުން ތަޢާރަފްކުރާ އައު ގޮތްތައް އެބަ ބަލައިގަންނަމުއެވެ. ދީނުގެ ކަންކަންވެސް އެބަ ބަދަލުކުރަމުއެވެ. ޤާނޫނުތައްވެސް ބަދަލުކުރަމުއެވެ.
މިއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެއްކަން ބަޔާން ކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެއް ފާހަގަކޮސްލާނަމެވެ.
މިއަދު މިފެންނަނީ ކޮންމެވެސް ޖަމިއްޔާއަކުން ނުވަތަ ނުފޫޒުގަދަ ކޮންމެވެސް މީހަކު ބުނާއިރަށް ދީނުގެ ޙުކުމްތައް ކޮޅުކޮޅަށް ބަދަލުކުރަމުން ގެންދާ ތަނެވެ. ކޮންމެ ކަމެއް ކުރަންވީމާވެސް ކޮންމެވެސް ބަހަނާއެއް ދައްކައެވެ. އިސްލާމް ދީނުގެ ރިވެތި ސިފަތައް ދޫކޮށްލުވަން ބާރު އަލަމުން ގެންދެވޭ ތަނެވެ.
"ﷲ ތައާލާ އާއި ރަސޫލާ ﷺ ގެ އެއްވެސް އަމުރުފުޅަކާ ފުށޫއަރާގޮތަށް ކުރެވޭ އެއްވެސް އަމުރަކަށް ކިޔަމަންތެރިވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ އަމުރަކަށް ކިޔަމަންތެރިވުމަކީވެސް ފާފައެކެވެ. ސަލާމަތާއި ރައްކައުތެރިކަން އޮތީ ﷲ ތައާލާ އާއި ރަސޫލާ ﷺ ގެ މަގަށް ރުޖޫޢަވެގެންނެވެ."
ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރެއްވެވިއެވެ.
"ﷲ ގެދީނަށް އަލަށް ވެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކައިގައެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް