އަހުރެމެން ކިތަންމެ ގިނައިން ހެޔޮ ޢަމަލުކުރިނަމަވެސް ސުވަރުގެ ވައްދަވާނީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން ކަމަށް އޮންނަ ޙަދީޘްފުޅަށް ވިސްނާނަމަ އެނގޭނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.
ފުރަތަމަ ކަމަކަށް އަހުރެމެންނަށް ފާފަވެސް ކުރެވޭކަމާއި ﷲ ތަޢާލާގެ ޙަޟްރަތުން ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދެންޖެހޭ ކަމެވެ. ދެވަނަ ކަމަކަށް އަހުރެމެންނަށް ކުރެވޭ ހެޔޮ ޢަމަލުތައް ކުރުމުގައިވެސް އުނި ކަންތައްތަކެއް ހުންނާނެކަމެވެ.
ވީމާ ހެޔޮ ޢަމަލުތައް ކުރަންފަސްޖެހެންވީއެއް ނޫނެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަން މަސައްކަތްކުރަންވީއެވެ. އަދި އިޚްލާޞްތެރިކަން ކުރިއަށް ނެރެ ވީހައި ފުރިހަމައަށް ޢަމަލުތައް ކުރަން މަސައްކަތްކުރަންވީއެވެ.
ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދޭމީހާ ފުރަތަމަ ކަމަކަށް ފަތިހު ހޭލައި ފަތިސްނަމާދުކުރާށެވެ. ފަތިސްނަމާދުން ދުވަސް ފަށައި ދުވަހުގެ ދެންހުރިނަމާދުތައްވެސް ކުރާށެވެ. ރޭގަނޑުވުމުން ރޭއަޅުކަންވެސް ކުރާށެވެ.
ހަމައެއާއިއެކު ފުރަތަމަ ކަންތައް ކަމަށް ބުނި ކަންތަކަށްވެސް ސަމާލުކަންދޭށެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން 100 ފަހަރު އަސްތަޣްފިރުﷲ ކިޔައި ތައުބާވާށެވެ. ފާފައެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ. މަސައްކަތް ކުރަނިކޮށްވެސް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ.
ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ހެޔޮރަޙްމަތްފުޅުން ސުވަރުގެ ވަނުމަށް އެދޭމީހާ މިކިޔައިދިން ގޮތަށް ޢަމަލުތައް ބަހައްޓާށެވެ! އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން