ޙިޖާބް އަޅައި ނިވާ ނުވެތިބި އަންހެނުންނާއި، ޙިޖާބް އަޅައިގެން ތިބެފައިވެސް ނަގަން ވިސްނާ އަންހެނުން ވިސްނާލަންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޙިޖާބް އަޅައި ނިވާ ނުވެތިބި އަންހެނުންނާއި، ޙިޖާބް އަޅައިގެން ތިބެފައިވެސް ނަގަން ވިސްނާ އަންހެނުން ވިސްނާލަންޖެހޭ ކަންކަން-

އެކިއެކި ސަބަބުތަކަށްޓަކައި ޙިޖާބް އަޅައި ނިވާ ނުވާ އަންހެނުންނާއި އަދި ޙިޖާބް އަޅައިގެން ތިބެފައިވެސް ނަގަން ވިސްނަމުންދާ އަންހެނުންވެސް ތިބޭނެއެވެ. އެއެންމެންނަށްޓަކައި އަހުރެންގެ ވިސްނުން ހާމަކޮށްލާނަމަވެ. 

އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުން އުޅެން އޮތީ ނަފްސް އެދޭ ގޮތަކަށް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ޢަމަލުކުރަންވީ ނަފްސް ބޭނުންވާހައި ގޮތަކަށް ނޫނެވެ. އަދި ގިނަބއަކު ރުހޭނެ ގޮތަކަށްވެސް ނޫނެވެ. ހަމައެކަނި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. 

ދެން ވިސްނާލަންވީ ކޮންމެ ވަޤުތެއްގައިވެސް މަރުވެ ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހިދާނެކަން ޔަޤީންކުރެވޭއިރު ތިމާ ﷲ ތަޢާލާގެ ޙަޟްރަތަށް ދާނީ ﷲ ތަޢާލާއަށް ކިޔަމަންތެރި، ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯއެވެ. 

މިކަންކަމަކީ އެއްވެސް މުސްލިމަކަށް އޮޅިފައިވާނެ ކަންކަމެއް ނޫނެވެ. މުސްލިމް އަންހެނުން ފޭރާންލައި ނިވާކުރަންޖެހޭ މިންވަރު ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވަވައިފައެވެ. ވީމާ ނިވާކުރަންޖެހޭ މިންގަނޑާއި ނިވާކުރަންޖެހޭ ޙާލަތު ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. 

އެކުވެރި އުޚުތުންނޭވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރާނަމަ އުފުލަންޖެހޭ ތަކްލީފްތަކެއް ހުންނާނެއެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ޢަމަލުކުރުމުން ޘަވާބު ދެއްވަވަނީ އެތަކްލީފްތައް އުފުލާތީއެވެ. ތިބާ ތަކްލީފް އުފުލަން ބޭނުން ނުވާނަމަ ތިބާއަށް ޘަވާބު ޙައްޤުވާންވީ ކީއްވެގެން ހެއްޔެވެ؟ 

ބަލަންވީ ޙިޖާބް އެޅުމުން ކުރިމަތިވާ ތަކްލީފްތަކަކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުންލިބިގަތުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަތުމަށެވެ. ވީމާ ޙިޖާބް ނާޅައި ތިބި އަންހެނުންވެސް އަދި ޙިޖާބް ނަގަން ވިސްނާ އަންހެނުންވެސް މިކަންކަމަށް ވިސްނައިލުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން