ޑޮކްޓަރު އެންމެފަހު އިންޒާރު ދިނުމުން ނުކުމެ އެންމެ ފަހު ފަހަރަށް ބަނގުރާފޮދެއް ބޯން ބޭނުންވި މީހާއަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޑޮކްޓަރު އެންމެފަހު އިންޒާރު ދިނުމުން ނުކުމެ އެންމެ ފަހު ފަހަރަށް ބަނގުރާފޮދެއް ބޯން ބޭނުންވި މީހާއަށް ޖެހުނު ޙާލުގެ ވާހަކަ-

މީސްތަކުންނޭވެ! ބައެއް މީހުންނަށް ފާފަކުރުމުން ސަލާމަތް ނުވެވެނީ އެމީހަކު އަމިއްލައަށް ހޮރެއް ކޮނެގެން އެހޮރުގެ އެންމެ އެތެރެއަށް އެރެވޭތީއެވެ. 

ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެތަނަވަސްކަމުން ޚަރަދުކޮށްގެން ފާހިޝް ޢަމަލުތައް ކުރަން ފަށައިފާނެއެވެ. ފާފަކުރަމުންދާއިރު ހިތަށް އަރާނީ އަހަރެން އެކަމަށް މިޚަރަދުކުރަނީ ލިބޭ ފައިދާގެ ވަރަށް މަދު މިންވަރެއް ކަމަށެވެ. އެކަމުން ވިޔަފާރިއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. މިވިސްނުމުގައި ހުއްޓައި އެކަމަށް ދެވިހިފައިފާނެއެވެ. 

ފާހިޝް ޢަމަލުކުރުން ފަދަ ނުބައި ކަންކަން ކުރާއިއރު ހިސާބު ޖަހަންޖެހޭނީ އެކަމަށް ކުރާ ޚަރަދެއް ނޫނެވެ! އެކަމަށް ﷲ ތަޢާލާ ލައްވަވައިފާނެ ކޯފާއަކުން ލިބިދާނެ ބޮޑު ގެއްލުމަކަށެވެ. އެކަމަށް ނުވިސްނައި ހުއްޓައި ﷲ ތަޢާލާގެ ކޯފާ އައިސް އަރައިހަމަކޮށްފާނެއެވެ. ވިޔަފާރީގައި ބޮޑެތި ގެއްލުންތައް ލިބެން ފަށައިފާނެއެވެ. އެހާލަތަށް ދިއުމުން ކުރަމުން އައި ފާފަތައް ހަނދާންވެ ހުއްޓާލަން ބަލާއިރު މީހާ ހުންނަނީ ބަނދެވި ތާށިވެފައެވެ. ހަފުސްވެފައެވެ. ޝައިޠޯނާ ވަނީ ހިތަށް ވެރިވެގެންފައެވެ. 

އަހަރެންގެ ލޯމަތީގައި ހިނގައިދިއަ ކަމެއް ބުނެފާނަމެވެ. އޭނާއަކީ ބަނގުރާ ބުއިމަށް ދެވިހިފާފައި ހުރި މީހެކެވެ. ތަނަވަސް މީހެކެވެ. ބަނގުރާ ބޮމުންގޮސް އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުން ލިބެން ފަށާފައިވާ މީހެކެވެ. 

އެއްދުވަހަކު ޑޮކްޓަރަށް ދެއްކުމުން ބުނީ ދެން އިތުރަށް އެންމެ ތިއްކެއްވެސް ނުބުއިމަށެވެ. ފުރާނައަށް ގެއްލުންވެދާނެ ކަމަށެވެ. ޑޮކްޓަރު ކައިރިން ނުކުމެގެން ފުރަތަމަވެސް ދިއައީ ކްލަބަކަށެވެ. އެންމެ ފަހު ފަހަރަށް އެތިފޮދެއް ބޮއެލުމުގެ ނިޔަތުގައެވެ. 

އެތަނުގައި އިންދާ ސްޓރޯކެއް ނެހުނީއެވެ. ހޮސްޕިޓަލަށް ގެންދިއަތާ މާގިނައިރުތަކެއް ނުވެ ދުނިޔެ ދޫކޮށްފިއެވެ. 

މިއީ ކުރިން މިބުނި ގޮތަށް ފާފަކުރަންފެށި އަމިއްލައަށް ހޮރުކޮނެވި އެހޮރުގެ ތެރެއިން ނުނުކުމެވި، ސަލާމަތް ނުވެވޭކަމުގެ ވަރަށް ފުރިހަމަ މިސާލެކެވެ. ވީމާ ދުނިޔެއިން އަބަދުހެން ފެންނަމުން މިދާ މިދާ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ފާފައިގެ ކަނޑުގައި ފީނާ މީހަކަށް ނުވާށެވެ! ފާފަތަކާއި ދުރުހެލިވާން މަސައްކަތްކުރާ މީހަކަށްވާށެވެ! 

ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ދުޢާއެއް ވެއެވެ. އެއީ ދެކަމަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިއެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިނުގަތުމާއި ކޯފާއެވެ. ދެވަނަ ކަމަކީ ކުރާ ދުޢާ ޢިޖާބަ ކުރައްވަވާނެ އަޅެއް ކަމުގައި ލައްވަވައި ދެއްވެވުންއެދިއެވެ. ދުޢާ ޢިޖާބަ ނުކުރައްވަވާނެ ކިތަންމެ ކުޑަ ޢަމަލެއް ވެސް ކުރެވުމަށް އިރާދަ ނުކުރެއްވެވުން އެދިއެވެ. 

އަހަރެން ދެކޭ ގޮތުގައި މިދުޢާއަކީ ކޮންމެ ދުވަހަކުވެސް ދުވަސްފަށަމުން ވެސް އަދި އެއިގެ ފަހުންވެސް ވީހައި ގިނައިން ކުރަންޖެހޭ ދުޢާއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން