ފުރަތަމަކަމަށް ވިސްނައިލާށެވެ! މުސްލިމުން ލޯބިވާންވީ ވަކިމީހަކު ދެކެއެއް ނޫނެވެ. ކޮންމެ މުސްލިމަކީ އަޚެކެވެ. އުޚުތެކެވެ. ވީމާ އޮތީ އެންމެން ދެކެވެސް މުސްލިމެއްގެ ޙައިޞިއްޔަތުން ލޯބިވާންވާނެއެވެ. އެހެންކަމުން ހެޔޮ ނަޞޭޙަތްދިނުމަކީ ހަމައެކަނި އެކަމަށް ޚާއްޞަ ވަކިބައަކު ނުވަތަ ހަމައެކަނި ދީނީ ޢިލްމުވެރިން ކުރަން އޮތް ކަމެއް ނޫނެވެ.
އެއީ ހަމަ ކޮންމެ މީހަކުވެސް ކުރަން އޮތްކަމެކެވެ. ދީނުގައި އޮތީ ނަޞޭޙަތްދިނުމެވެ. ހަދާންކޮށްދިނުމެވެ. ދީނަކީ ނަޞޭޙަތްކަމަށް އޮތީ އެހެންވެގެންނެވެ. ނަޞޭޙަތް ދީ ރަނގަޅު ގޮތް ބުނެދިނުމަކީ ކޮންމެ މުސްލިމަކުވެސް އަދާކުރަންޖެހޭ ވާޖިބެކެވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް އެއީ މައްސަލައެއް ނޫނެވެ. ނަޞޭޙަތް ދިނުމުން އެމީހާގެ ވާޖިބު އެއޮތީ އަދާކުރެވިފައެވެ. އެހިސާބުން އެމީހާއަށް ޙައްޤު މިންވަރަށް އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
ތިމާއެމީހަކަށް ހެޔޮއެދޭ މީހަކު ނުރަނގަޅު އެއްވެސް ކަމެއް ކުރާނަމަ އެކަމަކުން އެމީހަކު ސަލާމަތްކުރަން މަސައްކަތްކުރުމަކީ އޭނާއަށް ހެޔޮ އެދޭ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކަމެއް ކުރާނަމަ ނުވަތަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން އެއްކިބާވެދާނެ އަމަލެއް ކުރާނަމަ އެކަން ހުއްޓުވަން މަސައްކަތްކުރަންޖެހޭނެއެވެ.
"ބައެއް ފަހަރު ރަނގަޅީ އަނގައިން ނުބުނެ މަޑުން ހުރުމެވެ. ނަމަވެސް ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ކީރިތި ޤްރްއާނާއި އިސްލާމް ދީނުގެ އިންތަކުން ބޭރުވާނަމަ އެމީހުން ހަލާކުގެތެރެއަށް ވެއްޓި މަގުފުރެދުމުން ސަލާމަތްކުރުމަށްޓަކައި އެމީހުންނަށް ހައްޤު މަގު އަނގައިދީ ނަޞޭޙަތްތެރިވުމަކީ ޢިލްމުވެރިންނަށް ކުރަންޖެހޭނެ ކަމެކެވެ. އަދި އެއީ ޢިލްމުވެރިންގެ ޒިންމާއެކެވެ. އަދި ހަމަ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.
އެއީ އެމީހުން ދެކެ ލޯބިވާތީއެވެ. އެމީހުންނަށް ސަމާލުކަންދޭތީއެވެ. ދުނިޔޭގެ ދިރިއުޅުން ނިމުނު ނަމަވެސް އެއީ ޙަޔާތުގެ ނިމުމެއް ނޫނެވެ! އެކަން އަބަދުވެސް ކޮންމެ މުސްލިމަކުވެސް އަނެކާއަށް ހަނދާންކޮށްދޭންޖެހޭނެއެވެ. ހެޔޮއެދުމަކީއެއީއެވެ.
ތަކުރާރުކޮށް މީހަކަށް ނަޞޭޙަތްދޭން ޖެހުނު ނަމަވެސް ހިތްހެޔޮކަމާއި އޯގާތެރިކަމާއިއެކު ނަޞޭޙަތް ދޭށެވެ. ފޫހިވެ ބުރަބަސް ނުބުނާށެވެ. އަދި އެއީ ނަޞޭޙަތް ޤަބޫލުނުކުރާނެ މީހަކު ކަމަށް ނަމަނަމަ ނުބުނާށެވެ. އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ. އެހެނީ ކަންކަން މީހުންނަށް ވިސްނޭނީ އެކިވަރަށެވެ. ޢަމަލުކުރެވޭނީވެސް އެކިވަރަށެވެ. ކަންކަން އިޞްލާޙްކުރެވޭނީވެސް އެކި މުއްދަތުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން