ޕީޕީއެމް އަދި އެމްޑީޕީގެ ވެރިކަންކުރާ ވައްޓަފާޅި މިފަދަ ތައުލީމީ ޖީލަކަށް ނުފެތޭ: ޑރ. އަމީން

ކިޔުމަށް ހޭދަވާނީ 2މ 24ސ
ޕީޕީއެމް އަދި އެމްޑީޕީގެ ވެރިކަންކުރާ ވައްޓަފާޅި މިފަދަ ތައުލީމީ ޖީލަކަށް ނުފެތޭ: ޑރ. އަމީން

ރާއްޖޭގައި މިފަހުން އުފެދުނު ސަރުކާރުތަކުން ފެނިގެންދިޔައީ މިފަދަ ތައުލީމީ ޖީލަކަށް ނުފެތޭ ވެރިކަމުގެ ވައްޓަފާޅިއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ރަނިންގމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޑރ. އަމީން އިބްރާހީމް މިފަދައިން ވިދާޅުވީ، ވިލާ ޓީވީ (ވީޓީވީ) އިން ގެނެސްދިން 'ހާސްކަނޑާލާ ހަމަޖެހޭނެ' ޕްރޮގްރާމުގައި ހުކުރު ދުވަހުގެ ހަވީރު ވީޓީވީގެ ސްޓޫޑިއޯގައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ، އަމީންގެ ވާހަކަފުޅުގައި އެއިޝާރާތްކުރެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނުވަތަ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ވެރިކަމުގެ އިތުރުން، މިހާރު މިއޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހިންގަވާ އެމްޑީޕީ އިސްކޮށް އޮތް ކޯލިޝަން ސަރުކާރަށެވެ.

ޑރ. އަމީން ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރެއްވީ ގޮށްމުށުގެ ބާރުން ކަމަށެވެ. އެވެރިކަމުގައި ރައީސް ޔާމީނާ ދެކޮޅަށް ބަހެއް ބުނަން ލާހިކު ކުޅާދާނައެއް ނޫން ކަމަށާއި އެމަނިކުފާނާ ދެކޮޅަށް ބަސްބުނާ މީހާއަށް ނުވަތަ ބަޔަކަށް ކޮންމެވެސް ކަހަލަ ނުސިޔާނުކަމެއް އަންނަނާނެ ކަމަށް ޑރ. އަމީން ވިދާޅުވިއެވެ.

ޑރ. އަމީން ވިދާޅުވީ މިއީ ޒާތީވެގެން ވިދާޅުވާ ވާހަކައެއް ނޫން ކަމަށާއި މިއީ އެދުވަހުގެ ހަގީގަތް ކަމަށެވެ. މިއަދު އަނެއްކާވެސް އާ ބާބެއް ފަށަން އުޅޭއިރު ރައްޔިތުންނަށް އެކަން ހަނދާންކޮށްދޭން އެބަޖެހޭ ކަމަށް ޑރ. އަމީން ފާހަގަކުރެއްވިއެވެ.

ޑރ، އަމީންވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖޭގެ މީޑިއާތައް އޮތް ހާލަތާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އަދި ވިދާޅުވީ އެދުވަހު މީޑިއާތައް އޮތީ ކަސްތޮޅު އަޅުވާފައި ކަމަށާއި ނޫސްވެރިޔަކަށް ޚިޔާލުފާޅުކޮށް ސަރުކާރުގެ ނުރަނގަޅު ކަންކަން ހާމަކުރަން ލާހިނުވާނެ ކަމަށެވެ.

އެމަނިކުފާނުވަނީ އެ ސަރުކާރުގައި މީޑިއާތަށް މިލިއަނުންމިލިއަނުން ޖޫރިމަނާކުރިކަން ހަނދާނަށް ގެންނަވާފައެވެ. އެދުވަހު ސަރުކާރުން ދައްކަމުންދިޔައީ ނޭއްގާނީ ކަމަށާއި ބާރުވެރިކަން ކަމަށް ޑރ. އަމީން ތަކުރާރުކުރެއްވިއެވެ.

އެއަށްފަހު ދެން ވިދާޅުވީ، މިހާރު މިއޮތް ސަރުކާރުގެ ވެރިކަމުގެ ވަށްޓަފާޅިއެވެ.

ޑރ. އަމީން ވިދާޅުވީ، ރައީސް ޞާލީހްގެ ސަރުކާރުން ފެނިގެންދާ ހަގީގަތަކީ ރައްޔިތުން މުޒާހަރާ ކުރުމުން ނޫނީ ރަނގަޅު ނިންމުމެއް ނިންމަން ނޭނގުން ކަމަށެވެ.

ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކާއެކު ރައްޔިތުންނަށް ބޯޑު ހިފައިގެން މުޒާހަރާކުރަން މަގުމައްޗަށް ނުކުންނަންޖެހޭ ކަަމަށާއި އަނެއްކާ މުޒާހަރާކުރުމުން ސަރުކާރުގެ ނިންމުން ބަދަލުވާކަންވެސް ޑރ. އަމީން ފާހަގަކުރެއްވިއެވެ.

އެހެން ނޫންކަމަށް ވިއްޔާ ރައްޔިތުން ނުކުމޭތޯ ބަލަން އެމީހުން [ސަރުކާރުން] ހުރިހާ އެއްޗެއް [މަޝްރޫއުތަކާއި ނިންމުންތައް ނިންމުން] "ސްލޯކުރާނީ" ކަމަށް ވިދާޅުވެ ޑރ، އަމީންވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ޑރ. އަމީންވަނީ ޕީޕީއެމް އަދި އެމްޑީޕީވެސް ވެރިކަން ކުރުމުގައި ބޮޑުތަނުން ފެއިލްވެފައިވާތީ މިފަހަރު ވިސްނެވުމަށްފަހު ކެންޑިޑޭޓް ނަމްބަރު 5، ޤާސިމް އިބްރާހީމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން