މިހާރަކަށް އައިސް ބައެއް މައިންނަކީ ވަރަށް "ބިޒީ" ބައެކެވެ. އެމީހުންގެ "ބިޒީކަން" އެހައި ބޮޑުވަނީ ގޭތެރޭގެ މަސައްކަތާއި ދަރިންގެ ކަންކަން ކުރަމުން ފޯނުން ކުރަންޖެހޭ ކަންކަން ގިނަވުމުންނެވެ.
މިބުނަނީ ކޮންމެހެން އެމީހުން ފިރިންނަށް ބޭވަފާތެރިވެ ނުބައި ގުޅުންތަކެއް ހިންގާ ވާހަކައެއް ނޫނެވެ. މިބުނަނީ ސޯޝަލް މީޑިއާބެލުމާއި އެހެންވެސް އެފަދަ ކަންކަން ކުރަން ގިނަ ވަޤުތުތަކެއް ހޭދަކުރާވާހަކައެވެ.
އެމަސައްކަތުގައި އުޅެނިކޮށް ދަރިފުޅު އައިސް ކަމަކު ބުނި ނަމަވެސް ވާހަކަދައްކަން ބޭނުންވި ނަމަވެސް ނިކަން ފަސޭހައިން ރުޅިގަދަވެވެއެވެ. ދަރިފުޅާއި ދިމާއަށް ބުނެގެން ނުވާނެ ބަސްތައް ބުނެވެއެވެ. އަދި ކީއްހެއްޔެވެ؟ ތުއްތު ދަރިފުޅު ރޯއަޑުއިވުނަސްމެއެވެ.
އަންހެނުންނަށް ނިޞްބަތްކޮށް މިހެން ބުނީމާ ފިރިހެނުން ހޭނެކަމެއް ނެތެވެ. އެމީހުންވެސް ކަންކަން ކުރަނީ ހަމަ އެއްގޮތަކަށެވެ. ފިރިހެނުން ޓީވީބަލަން، ގޭމްކުޅެން، އަދި ހަމަ ސޯޝަލް މީޑިއާ ބޭނުންކުރަން އިނދެފައިވެސް ހަމަ އެފަދަ ބަސްތައް ބުނެއެވެ.
ބައެއް މައިން ބަފައިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ދަރިފުޅު ކުޑަވުމުން ތިމާ ބުނިބަސް ދެނެގަންނަން ނުއެނގޭނެ ކަމަށެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެފަދަ ބަހެއް ބުނުމުން ދެރަވާން ނުވަތަ ރުޅިއަންނަށް ދަރިފުޅަށް އެނގޭނަމަ އަޑުއިވުނު ބަހުގެ އަސަރު ކުއްޖާއަށް ކުރާނެއެވެ. އެކަން ސިކުނޑީގެ ކޮންމެވެސް ދިމާއެއްގައި ހަރުލާނެއެވެ.
ބައެއް ކުދިން ފަހުން ހަނދާން ނެތެއެވެ. އަނެއްބައި ކުދިން ހަނދާނެއް ނުނެތެއެވެ. އެހެންކަމަށްވާއިރު ތިބާގެ ދަރިފުޅު ހިމެނެނީ ކޮންބައެއްގައިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟
އެކުވެރި މައިންބަފައިންނޭވެ! މިބަޔާންކުރި ކަންކަމަށް ފުންކޮށް ވިސްނާށެވެ! ދަރިންނަކީ އުނދަގުލެއް ކަމަށް އޮޅިގެންވެސް ނުބުނާށެވެ. ފޯނުންކުރާ ކަންކަމާއި ކޯލުތަކަށްވުރެ ދަރިންގެ ބޭނުންތަކަށް އިސްކަންދޭށެވެ! ލޯބިދޭށެވެ. ބަލަންވީ ދަރިންނަށް ލޯބިދިނުމުން އެދަރިންގެ ކިބައިން ލިބޭނެ ބަދަލަކަށް ނޫނެވެ. އުންމީދުކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށެވެ.
- އަލަފް