ތިމާއަށް އެންމެ ފައިދާކުރާނެ ޕެންޝަން ފަންޑު- ގިނަބައަކަށް މިވަނީ ހަނދާންވެސް ނެތިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިމާއަށް އެންމެ ފައިދާކުރާނެ ޕެންޝަން ފަންޑު- ގިނަބައަކަށް މިވަނީ ހަނދާންވެސް ނެތިފަ!

މީހުންގެ ދިރިއުޅުމަށާއި އަދި ބޭނުންތަކަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއިގެ ތެރެއިން އެއްބަދަލަކީ މުސްކުޅިވާނެ ދުވަހަށް ތައްޔާރުވުމެވެ. މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު ބޭނުންކުރާނެ ފައިސާ އެކައުންޓަށް ޖަމާކުރުމެވެ. ޕެންޝަން ފަންޑުން ލިބޭނެ ފައިސާ ގިނަކުރުމެވެ. 

މިކަންކަމަކީ އިސްލާމް ދީން ހުއްދަކުރާ ޙަލާލު ގޮތުގައި ކުރެވޭ ކަންކަން ކަމުގައިވާނަމަ އަހުރެންގެ އެއްވެސް މައްސަލައެއް ނެތެވެ. އަހުރެންގެ މިއޮތީ އެއަށްވުރެ މާބޮޑު މައްސަލައެކެވެ. އެހެންވެ އަހުރެން ސުވާލެއް ކޮށްލާނަމެވެ. 

އެސުވާލަކީ މުހިންމީ މުސްކުޅިވާ ދުވަހު ބޭނުންކުރާނެ ފައިސާ އެކައުންޓަށް ޖަމާކުރުންތޯ ނޫނީ އާޚިރަތް ދުވަހަށްޓަކައި ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުންތޯ؟ އެވެ. 

މިސުވާލު ކުރަންމިޖެހެނީ ޒުވާން ޢުމުރުން ފެށިގެން ހެޔޮ ޢަމަލުކުރަން ދެވޭ ސަމާލުކަން ކުޑަވީމައެވެ. ހެޔޮ ޢަމަލުކުރުން ގިނަކުރާނީ މުސްކުޅިވުމުން ކަމަށް ބަލައިގެން ހުއްޓައި ޢުމުރުހަމަވެ ދުނިޔެ ދޫކުރަންޖެހޭ މީހުން ގިނަވާތީއެވެ. 

އެމީހަކަށް ލިބޭ އާމްދަނީން މިންވަރެއް ފަހަށް ރައްކައު ނުކުރަން ބުނަނީއެއް ނޫނެވެ. އެކަންވެސް ކުރާށެވެ. ނަމަވެސް އެއީ އެންމެ ބޮޑަށް ސަމާލުކަންދޭ ކަންތައް ކަމަށް ހަދައި އަޅުކަންކުރުމާއި ދުރުހެލިނުވާށެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ބޮޑަށް ސަމާލުކަންދޭކަމަކީ އެންމެ ޒުވާން އިރުން ފެށިގެންވެސް ވީހައި ގިނައިން ހެޔޮ ޢަމަލުކުރުން ކަމުގައި ހަދާށެވެ. 

އެއީ މާމުހިންމު ޕެންޝަން ފަންޑެކެވެ. އެފަންޑުގެ ބޭނުންކުރަންޖެހޭނީ ކޮން ވަޤުތަކު ކަމެއް އެއްގޮތަކަށްވެސް ނުއެނގޭނެއެވެ. މަރުވާ ހިނދުން ފެށިގެން އެއޮތީ އެފަންޑުގެ ބޭނުންކުރަންޖެހިފައެވެ. މަރުވެ ވަޅުލެވުމުން ކައްވަޅުގައިވެސް ސަލާމަތްކަމެއް ލިބުން އޮތީވެސް އަދި ކައްވަޅަކީ އަރާމު ތަންމައްޗެއްކަމަށް ހެދޭނީވެސް އެފަންޑަށް ހެޔޮ ޢަމަލުތައް ޖަމާކުރެވިފައި ހުރިވަރަކުންނެވެ. 

ޔަޤީންކުރާށެވެ! މަރުވުމުން އެފަންޑަށް ޖަމާކުރުމުގެ ދޮރުތައް ބަންދުވީއެވެ. އިތުރަސް ޖަމާވާނީވެސް ޖަމާކުރެވޭނެ ފަދަ ހެޔޮ ޢަމަލުތަކެއް ކުރެވިފައިވާނަމައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން