މިހާރަކަށް އައިސް މީހުން ތިބެނީ އެމީހުންގެ ގާތުގައި މީހަކު ކަމަކު އެދިފާނެ ކަމަށްވެސް ބިރުންނެވެ. އެދިއްޖެނަމަ ފުރަތަމަވެސް ވިސްނަނަނީ އެކަމެއް ކޮށްނުދީ ބޮލުން ނައްތައިލާނެ ގޮތަކާއިމެދުގައެވެ. ނަމަވެސް މިއީ ސުްނނަތާއި މުޅިން ޚިލާފް ކަންކަމެވެ.
ވިސްނާށެވެ! ތިބާގެ ގާތަށް ކަމަކު އެދިގެން މީހަކު އަތުވެއްޖެނަމަ އޭނާގެ ބޭނުން ފުއްދައި ދެވެން ނެތްކަމަށް ބުނެ ދޫކޮށްލުމަކީ ނުވަތަ އެވަރުން ފުއްދައިލުމަކީ ސުންނަތުގައި އޮތްގޮތެއް ނޫނެވެ.
މީހަކު ކަމަކު އެދިގެން އަތުވެއްޖެނަމަ އޭނާގެ ބޭނުން އަމިއްލަފުޅަށް ފުއްދަވައި ދެއްވެވެން ނެތްނަމަ އެކަންކޮށްލައި ދެއްވެވޭނެ ޞަޙާބީއަކު ހުންނެވިތޯ ސުވާލުކުރައްވަވައެވެ. އެކަމަށް ޞަޙާބީއަކު އެއްބަސްވެޑައިގެންފިނަމަ އެކަމެއް ކޮށްދެއްވުމަށް ޙަލާލުކުރައްވަވަތެވެ.
މިސާލަކަށް ކާނެއެއްޗަކަށް ބޭނުންވެގެން މީހަކު އަތުވެއްޖެނަމަ އަނބިއަނބި ކަނބަލުންގެ ގަނޑުވަރުކޮޅު ތަކުގެތެރެއިން އެއްވެސް ގަނޑުވަރެއްގައި އޭނާއަށް ދެއްވަވާނެ އެއްޗެއް ހުރިތޯ ބައްލަވައެވެ. ހުރިނަމަ ދެއްވަވައެވެ. ނެތްނަމަ ޞަޙާބީން ގާތު ސުވާލުކުރައްވަވައި އޭނާއަށް އެއްޗެއް ހޯދަވައި ދެއްވަވައެވެ.
ޞަޙާބީން ވަނީ މިކަމުގައި ނަމޫނާ ދައްކަވައިފައެވެ. އިތުރު މީހަކަށް ކާންދެއްވާނެ އެއްޗެއް ނެތް ދަތިޙާލުކޮޅުގައިވެސް ވަނީ އެމީހާއަށް ކާން ދެއްވަވައި މެހްމާންދާރީ އަދާކުރައްވަވައެވެ. އަދި މިކަމުގެ ސަބަބުން ޞަހާބީއަކަށްވަނީ ﷲ ތަޢާލާ ރުހިވޮޑިގަތުމުގެ ބަސްފުޅު ވަޙީކުރައްވަވައިފައެވެ.
މިއީ ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟ އަހަރެމެންވެސް ޢަމަލުކުރަންއޮތީ ހަމައެފަދައިންނެވެ. ކަމަކު އެދިގެން މީހަކު އަތުވެއްޖެނަމަ އެކަން ކޮށްދެވެން ނެތް ޙާލުގައި އެހެން މީހެއްގެ ކިބައިން އެކަން ފުއްދައިދޭން މަސައްކަތްކޮށްނުދީ ދޫކޮށްލަން ހެޔޮނުވާނެއެވެ. ސުންނަތުގައި އޮތީ އެގޮތެވެ! އެގޮތަށް ޢަމަލުކުރުމުން އެމީހަކަށް ވެސް އޭނާގެ ބޭނުން ފުއްދައިދިން ކަމުގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Wisdom and Teaching Of Prophet Muhammad (saws):
Narrated Abu Musa:
Whenever a beggar or a person in need of something came to the Prophet (ﷺ), he used to say (to his companions), "Intercede (for him) and you will be rewarded for that, and Allah will fulfill what He will through His Apostle's tongue."
Sahih al-Bukhari 7476