ދަރިންގެ ގާތުގައި ނަމާދުކުރަން ބުނުމުގެ ކުރިން މައިންބަފައިން ކުރަންޖެހޭ އެންމެ މުހިންމު ކަންތައް- ގިނަ ބައަކު އިހްމާލްވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދަރިންގެ ގާތުގައި ނަމާދުކުރަން ބުނުމުގެ ކުރިން މައިންބަފައިން ކުރަންޖެހޭ އެންމެ މުހިންމު ކަންތައް- ގިނަ ބައަކު އިހްމާލްވާ ކަމެއް!

ދަރިންގެ ހިތުގައި ނަމާދުކުރުމަށް ލޯބި ޖައްސުވަން އެދޭނަމަ ފުރަތަމަ ކަމަކަށް ދަރިންނަށް ލޯބިދީ ތިމާއަކީ ދަރިން ލޯބިވާ އަދި އިތުބާރުކުރާ މީހަކުކަމުގައިވާށެވެ. ސަބަބަކީ މީހުން ބުނާ ބަސް ޤަބޫލުކުރުމަށް ޝައުޤުވެރިވާ ފުރަތަމަ ކަމަކީ ބަސްބުނާ މީހާއަކީ އެމީހަކު ލޯބިވާ މީހަކު ކަމުގައިވުމެވެ. އެމީހަކު ލޯބިވާ މީހުން ދޭ ނަޞޭޙަތްވެސް ޤަބޫލުކުރަން ފަސޭހަވެގެންދަނީ އެސަބަބަށްޓަކައެވެ. 

ދަރިންގެ ލޯތްބާއި އިތުބާރު ނުހޯދައި އެކުދިންގެ ގާތުގައި ކަންކަން ކުރަން ބުނުމުން މަޖުބޫރުވެގެން ކުރި ނަމަވެސް ކުރާނީ ނަފްރަތާއިއެކުގައެވެ. ކުރާހިތަކުން ނޫނެވެ. އެކަމުން ނުކުންނަ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. އަދި އެއީ ނަމާދުކުރަން ފޫހިވާ ސަބަބަކަށްވެ ފަހުން ނަމާދުކުރުމާއި ދުރުހެލިވެސްވެދާނެއެވެ. އެއިރުން ވެގެންދާނީ ދެރަގޮތެކެވެ. 

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ފުރަތަމަ ހޯއްދެވީ މުޝްރިކުންގެ ލޯތްބާއި އިތުބާރެވެ. ދީނަށް ގޮވާލައްވަވަން ފެށްޓެވީ އެއަށްފަހުގައެވެ. ދީނަށް ގޮވާލައްވަވަން ފެށްޓެވުމުން މީސްތަކުން ތަބަޢަވެ ދީނަށް ޢަމަލުކުރަން ފެށި އެންމެ ބޮޑު އެއް ސަބަބަކީވެސް އެމީހުންގެ ހިތްތަކުގައި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އޮތް ލޯތްބާއި އިތުބާރެވެ. އެމީޙުންނަށް ފައިދާކުރާނެ ކަމަކަށް މެނުވީ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގޮވައި ނުލައްވަވާނެ ކަމުގެ ޔަޤީންކަން އެމީހުންނަށް އޮތުމެވެ.

އަދި މިއަދު ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތަށްވެސް ބަލާށެވެ. ދުވަހަކު ބައްދަލުނުވިނަމަވެސް އެމީހަކު ލޯބިވާ، ތާއީދުކުރާ މަޝްހޫރު މީހުން އުޅޭ ގޮތާއި ކުރާ ކަންކަން ކޮޕީކުރަނީ އެމީހުންދެކެ ލޯބިވާތީއެވެ. 

އަހުރެމެންގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ ދީނަށް ލޯބިކުރާ ބައެއްގެ ގޮތުގައި ބޮޑުކުރަން ބޭނުންނަމަ އެންމެ މުހިންމު ކަމަކީ ކުދިން އެންމެ ކުޑައިރުންސުރެ އެކުދިންނަށް އަޅާލައި ލޯބިދިނުމެވެ. މައިންބަފައިންނަކީ އެކުދިން އިތުބާރުކުރާ ބައަކު ކަމުގައިވުމެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން