އެންމެ ގާތް އެކުވެރިންނާއިވެސް ޙިއްޞާ ކޮށްގެން ނުވާނެ އެއްކަމަކީ ތިބާއަށް ލިބޭ އާމްދަނީއެވެ. ވަރަށް ގިނަ މީހުންނަށް ލިބޭ މުސާރައިގެ އިތުރުން އެމީހުން ދެން އިތުރަށް ކުރާ މަސައްކަތްތަކުންވެސް ޢާމްދަނީ ލިބޭނެއެވެ. ގިނަ މީހުންނަކީ ޢާމްދަނީ ހޯދަން އެއް މަސައްކަތަށްވުރެ ގިނަ މަސައްކަތްކުރާ ބައަކަށްވާތީއެވެ.
އިންސާނުންގެ ހިތަކީ ފުރޭނެ އެއްޗެއް ނޫނެވެ. ކިތަންމެ ގިނައިން ލިބޭ ބައެއް މީހުންނަކީވެސް އެހެން މީހުންނަށް ތަނަވަސްކަން ލިބެން އެދޭ ބައެއް ނޫނެވެ. އެހެން މީހުންނަށް ތަނަވަސްކަން ލިބެން އެދޭނެ މީހުންނެއް ނޫނެވެ. އެފަދަ މީހުން އެދޭނީ އެހެން މީހުންނަކީ ދަތިޙާލުގައި އުޅޭ މީހުންނަށްވުމެވެ.
މިއީ ދީނީ ގޮތުން ބެލި ނަމަވެސް ވަރަށް ނުބައި ސިފައެކެވެ. އަބަދުވެސް އެދެން ޖެހޭނީ ތިމާއަށްވުރެ ގިނައިން އަނެކުންނަށް ލިބުމަށެވެ. އެހެން މީހުންނަށްވެސް އުފަލުގައި ދިރިއުޅެވުމަށެވެ. އީމާންކަން ފުރިހަމަވާނީވެސް އެއިރުންނެވެ. އެހެނަސް އެކަމަށް ވިސްނައިލަނީ ވަރަށް މަދު ބައެކެވެ.
މިއަދު ވިސްނަންޖެހޭނީ މިއަދުގެ ޙާލަތަށެވެ. ކަންކަން ހިނގަމުން މިދާ ގޮތަށެވެ. މީސްތަކުންގެ މިޡާޖަށާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަށް ވިސްނަންވާނެއެވެ. އެހެންކަމުން އޮތީ ބަސްމަދުކުރުމާއި ޢަމަލުތައް ގިނަކުރުމެވެ.