އެމަނިކުފާނުގެ ވެރިކަމެއްގައި، ދުނިޔޭގެ މަތީފެންވަރުގެ ގައުމުތަކުން ބޭސް އެތެރެކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ޤައުމީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަންގު ޓިވީގެ "ރިޔާސީ ބަހުސް" ގައި ވާހަކަފުޅުދައްވަމުންނެވެ.
ޤާސިމް ވަނީ ސިއްހީ ފަރުވާގައި އެމަނިކުފާނު ވިސްނަވާފައިވާ ގޮތަކީ، އެކަމަށް އެދިގެން އަންނަ ފަރާތްތަކަށް ސިއްހީ ފަރުވާ ފަސޭހަކަމާއެކު ހަމަޖައްސަވައިދެއްވުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ "މިހާރު އޮތް ގޮތަށް ބަލާއިރު ވަރަށް ތަކްލީފްތައް ބޮޑު ކަމެއް އެއީ. އެހެންވީމާ އަޅުގަނޑުމެން އެކަން ހާމަނައިޒްކޮށް އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން އެކަން ހަމަޖެއްސޭނެ އުސޫލުތަކެއް ހަމަޖައްސާނަން. ހަމައެހެންމެ ދުނިޔޭގެ މަތީފެންވަރުގެ ގައުމުތަކުން ބޭސް އެތެރެކުރެވޭނެ ގޮތަށް އުސޫލުބަދަލުކޮށް ގަވައިދުތައް ހަމަޖައްސައި ރާއްޖެ އެތެރެކުރެވޭނެ މަގުފަހިކޮށްދޭނަން." ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ދުނިޔޭގެ މަތީފެންވަރުގެ ގައުމުތަކުން ބޭސް އެތެރެކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ޤައުމީ ކެންޑިޑޭޓް ވިދާޅުވިއިރު، ރާއްޖޭން ލިބެން ހުންނަ ބޭސްތަކުގެ ފެންވަރާ މެދު ސުވާލު އުފައްދައި ސަރުކާރު އޮތީ ސިއްހީ ދާއިރާގެ ވިޔަފާރި ކުރާ މީހުންގެ ދަށުވެފައިކަމަށް ގިނަ ބަޔަކު ބުނެއެވެ.
ބޭސް ވިއްކާ ބައެއް ފަރާތްތަކުން ބުނާ ގޮތުން ރާއްޖެއިން ފެންވަރު ދަށް ބޭސް ލިބެން ހުންނަނީ ބޭހާ ގުޅޭ ކަންކަން ރެގިއުލޭޓް ކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އުސޫލުތަކުގެ ދޯހަޅި ކަމުންނެވެ.
އެމްއެފްޑީއޭ އިން 1،600 އަށްވުރެ ގިނަ ބޭސް އެތެރެކުރުމަށް ހުއްދަދީފައިވާއިރު، ބޭސްތަކުގެ 60 އިންސައްތަ ހިއްސާ ކުރަނީ އިންޑިއާއިންނެވެ. ކަމާބެހޭ އިދާރާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެއަށް ބޭސް އެތެރެކުރުމާ ހަމައަށް އެ އެއްޗެހި ރައްކާކޮށްފައި ހުންނަގޮތް ކަށަވަރު ކުރެވޭނެ ގޮތެއް ނެތުމެވެ. މިކަމުގެ ހައްލަކަށް އޮންނަނީ އަސްލު މެނުފެކްޗަރާ އަތުން ލިބުންކަމަށާއި އެހެންނަމަވެސް ކުޑަ ގައުމަކަށް މެނުފެކްޗަރާ އަތުން ކުޑަ ވޮލިއުމެއްގައި ބޭސް ނުލިބޭނެކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ.
މިކަމުގެ ހައްލަކީ އެމްއެފްޑީއޭގެ ކެޕޭސިޓީ އިތުރުކޮށް، ފާމަސީތަކުން ރެންޑަމްކޮށް ބޭސް ނަގައިގެން ކޮލިޓީ ޓެސްޓް ހެދުމާއި މި ސަރަހައްދުގެ ގައުމުތަކުން ގެންނަ ބޭސްތަކުގެ ފެންވަރު ދަށްނަމަ، އެއަށްވުރެ ދުރުން ފެންވަރު ރަނގަޅު ބޭސް ގެނައުމުގެ "ހާއްސަ ސިޔާސަތެއް" ނަމަވެސް އެކުލަވާލައި އެކަމަށް ބާރު އެޅުމަކީ ރަނގަޅު މިސްރާބަކަށް ދެވޭނެ ކަމެއްކަން ތަޖުރިބާކާރުން ފާހަގަކޮށްފައިވެއެވެ.
މީގެކުރިން ޤާސިމް ވަނީ، ބޮޑެތި ބަލިތައް ދިމާވާ މީހުންނަށް އެމަނިކުފާނުގެ ވެރިކަމެއްގައި ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެކަމަށާއި، ރާއްޖޭން ބޭރަށް ދާނަމަ ހުރިހާ ހަރަދެއް ސަރުކާރުން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކީގައި ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހަށްދެއްގައި ހުރިހާ ބަލިބައްޔަށް ބޭސްފަރުވާކުރެވޭނެ ނިޒާމު ހަމަޖެއްސަވާދެއްވާނެކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. އަދި އެ ވަސީލަތްތައް ގާއިމްކޮށް، ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތުން ސަލާމަތްކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ހަބަރު: ވީނިއުސް