ޤާސިމް ރިޔާސީ ބަހުސް ކާމިޔާބު ކުރައްވައިފި: އަލީ ވަހީދު

ކިޔުމަށް ހޭދަވާނީ 2މ 7ސ
ޤާސިމް ރިޔާސީ ބަހުސް ކާމިޔާބު ކުރައްވައިފި: އަލީ ވަހީދު

ސަންގުޓީވީން ގެނެސްދިން ރިޔާސީ ބަހުސް ޤައުމީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ކާމިޔާބު ކުރައްވައިފިކަމަށް އެމަނިކުފާނުގެ އިންތިޚާބީ އެޖެންޓު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައިވަނީ ގައުމީ ކެންޑިޑޭޓަށް މަރުހަބާ ވިދާޅުވެ މާތް ﷲގެ އިރާދަފުޅުން ރިޔާސީ ބަހުސް ޤާސިމް ކާމިޔާބު ކުރައްވައިފިކަމަށް ވިދާޅުވެފައެވެ. އަދި ރިޔާސީ ބަހުސްގައި ޤާސިމް ދެއްކެވި ތެދުވެރިކަމާ ސާބިތުކަމަށް އަލީ ވަހީދުވަނީ އައްސަރިބަހާއި ސާބަސް އަރިސްކޮށްފައެވެ.

އަލީ ވަހީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޢެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޕޯސްޓެއްގައި ވަނީ ޤާސިމް އިބްރާހީމް ރިޔާސީ ބަހުސްގެ ސުވާލު ތަކަށް ދެއްވި ޖަވާބުތަކަށް ސާބަހާ ތަޢުރީފު އަރިސް ކުރައްވާފައެވެ.

އަދި އެފަދަ ތަޖްރިބާ ހުރި އަދި ހައްލު ހޯއްދެވޭނޭ އެހެން ކެނޑިޑޭޓެއް މި ރޭހުގައި ނެތްކަން ޤާސިމް ޔަޤީން ކޮށްދެއްވައިފިކަމަށް ވެސް ނިހާން ވިދާޅުވިއެވެ. އަންނަ 2026 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން، 600 މިލިއަން ޑޮލަރު ގްރާންޓް އެހީގެ ގޮތުގައި ހޯއްދަވާނެކަމަށް ގާސިމް ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވައި ނިހާން ވިދާޅުވީ މި ޔަޤީން ކަން ދެއްވި ހަމައެކަނި ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށެވެ.

ބަހުސްއަށްފަހު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ސްޕެޝިއަލް އެޑްވައިޒަރު އަބްދުﷲ ނަވާޒް ކުރެއްވި ޕޯސްޓެއްގައި ވަނީ ވެރިކަމެއްގައި އެމަނިކުފާނު ޤައުމު ހަމައަކަށް އަޅުވާނެ ފުރިހަމަ އުފާވެރި ތަސައްވުރެއް ރިޔާސީ ބަހުސައިން ފެނިގެން ހިގައްޖެކަަމަށެވެ. އަދި ޤާސިމް ހޮވަންޖެހޭ ސަބަބު ރިޔާސީ ބަހުސްގައި އެމަނިކުފާނު ބަޔާން ކޮށްދެއްވައިފިކަން ނަވާޒު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވީ ބުނަން ނުކެރިފައި ޖެހިލުންވެފައި ޤާސިމް ނުހުންނަވާކަން ވަރަށް ސާފުކޮށް ބަހުސްއިން ސާބިތުކޮށްދެއްވައިފިކަމަށެވެ.

އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން