މައްކާގައި އުޅުނު މޮޔަ އަންހެނާފަދަ ބައަކަށް ނުވާން ކީރިތި ޤުރްއާނުގަ އޮތުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
މައްކާގައި އުޅުނު މޮޔަ އަންހެނާފަދަ ބައަކަށް ނުވާން ކީރިތި ޤުރްއާނުގަ އޮތުން-!

ރަމަޟާންމަހު ގިނަ ބައަކު ވަރަށް ގިނައިން އަޅުކަންކުރެއެވެ. ފަރުޟުނަމާދުތަކާއި ރަވާތިބު ސުންނަތުގެ އިތުރުން ރޭގަނޑުވުމުން ތަރާވީޙް ނަމާދާއި ވިތުރި އާއި އަދި ތަހައްޖުދު ނަމާދުވެސް ކުރެއެވެ. މިއަހަރުގެ ރަމަޟާން މަހަށްފަހު އަދި މިއުޅެނީ އަހަރު ދެބައި ނުވެގެންނެވެ. މިހައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އައިސްފައިވާ ބަދަލާއިމެދު ވިސްނައިލުމުން ކަރުނަ ނުއޮހޮރޭނީ ކޮން ލޮލަކުން ހެއްޔެވެ؟ 

މިސްކިތްތައް ފުރި ބާރުވެގެން މަގުމައްޗާއިއެކު ތަރާވީހްކުރި މީހުން މިހާރު ކޮބައިހެއްޔެވެ؟ ޢިޝާ ނަމާދަށްފަހު ވިތުރިކޮސްލާތަން މިފެންނަނީވެސް ހާދަ މަދު މީހެކެވެ. ރަމަޟާން މަހު އަޅުކަން ކުރެވުނު މިންވަރާއި މިހާރު އަޅުކަންކުރެވޭ މިންވަރު އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހަކަށެވެ. 

ހޭލުންތެރިކަން އިތުރު ކުރުމަށް މިއަދުނޫހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިގެނެސްދެނީ ޝައިޚް ޢަލީ ރިޟާ ދެއްވާފައިވާ ވަރަށް މުހިންމު ދަރުސެކެވެ. 

"އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: ޢަހްދު ތަކުގެ ބާރު ލިބިގަތުމަށްފަހު، އެ ޢަހްދުތައް އުވައިލާ ބައަކު ކަމުގައި ތިއަބައިމީހުން ނުވާށެވެ!) ތިއަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިއަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބައަކު، އަނެއްބައަކަށްވުރެ ގިނަބައަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، اللَّه، ތިއަބައިމީހުން އެކަމުން އިމްތިޙާން ކުރައްވަތެވެ. އަދި ތިއަބައިމީހުން، ޚިލާފްވެ އުޅުނުކަންތައް، ޤިޔާމަތް ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ." (ނަޙްލް ސޫރަތުގެ 92) 

މިއީ މައްކާގައި އުޅުނު މޮޔަ އަންހެނެއްގެ ވާހަކައެވެ. އޭނާ ކުރާ ކަމަކީ އޭނާ ގެންގުޅޭހައި ތަކެތި ރޮދިފަށަކުން ބަންނަނީއެވެ. ބަނުމަށްފަހު މޮހެލައި އަލުން އަތުރައި ތަރުތީބުކުރުމަށްފަހު އަނެއްކާވެސް ބޮނޑިކޮށްލުމަށްފަހު ރޮދިފަށުން ބަންނަނީއެވެ. 

މިއާޔަތުގެ ތަފްސީރު ހާމަކުރައްވަމުން ޢިލްމްވެރިން ބަޔާން ކުރައްވަވަނީ އަޅުކަމުގައި ދެމިތިބުމަށް ﷲ ތައާލާ އަށް ޢަހްދުވުމަށްފަހު ޢަހްދު އުވާލައި ފަހަތަށް ދިއުން ކަމަށެވެ. ﷲ ތައާލާ އަންގަވާފައި އެވަނީ އެގޮތަށް އެކަން ނުކުރުމަށް ކަމަށެވެ. 

ނަމާދުގައި ކިޔާ ދުޢާއުލްއިފްތިތާޙްގައި އަޅުގަނޑުމެން އެތައް ވައުދުތަކެއް ވަމުއެވެ. ނަމަވެސް އަމަލުތަކުން އެކަމެއް ނުދެއްކެއެވެ. ރަމަޟާން މަހު ވީ ވަޢްދުތައް ކޮބައިހެއްޔެވެ؟ އެ ވަޢްދުތަކަށް އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟ ވީއިރު މިއާޔަތަށް އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟ 

ﷲ ތައާލާއަށް އަޅުކަންކުރަން އިއްޔެ ހުރި ރޫޙް މިއަދު ނެތްކަމަށް ބުނެވިދާނެއެވެ. އެހެނީ ރަމަޟާން މަހު މިސްކިތްތައް ފުރި ބާރުވެގެންދިއައެވެ. އަދި މިއުޅެނީ ޝައްވާލް މަސް ނުނިމިގެންނެވެ. މިއަދު މިފެންނަނީ ރަމަމާން މަހު ފެނުނު މަންޒަރެއް ނޫނެވެ. ރަމަޟާން މަހު ހުރި ރޫޙާއި ގާތަކަށްވެސް އަޅުކަން ކުރެވެމުންދާތަނެއް ނުފެއެވެ. 

މިހައި އަވަހަށް މިފަދަ ބޮޑު ބަދަލެއް އައިސްފައި މިވަނީ އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ޢިލްމުވެރިން ނަޞޭޙަތް ދެއްވަމުން ދެންދަވަނިކޮށް އިލްތިމާސްކުރައްވަމުން ގެނަދަވަނިކޮށެވެ. އެހެންކަމުން މިހައި އަވަހަށް މިހައި ބޮޑު ބަދަލެއް އައުމުން އުފެދޭ ސުވާލަކީ ރަމަޟާންމަހު ކުރި އަޅުކަމުން ލިބުނު އެއްވެސް މިންވަރެއް ޢާޚިރަތަށް ގެންދަން ލިބޭނެ ހެއްޔެވެ؟ ނޫނީ ދާނީ ހަމަ ބާކީވެގެން ހެއްޔެވެ؟ 

މީސްތަކުންނޭވެ! އަޅުގަނޑުމެންނަކީ ރޯދަމަހުގެ ކަލާނގެއަކަށް ނުވަތަ ހުކުރު ދުވަހުގެ ކަލާނގެއަކަށް އަޅުކަންކުރާ ބައަކަށް ވެގެންނުވާނެއެވެ. އަޅުގަނޑުމެން ވާންޖެހޭނީ ހުރިހާ ދުވަސްތަކެއްގައި، ހުރިހާ ޒަމާނެއްގައި އަހަރެމެންގެ ހުރިހާ އަމަލުތަކަށް ބައްލަވައިވޮޑިގެންވާ ކަލާނގެއަށް އަޅުކަންކުރާ ބައަކަށެވެ. އެހެންކަމުން އަޅުކަން ކުރަން ޖެހޭނީ ވަކި މަހެއްގައި، ވަކި ދުވަހެއްގައެއް ނޫނެވެ. ހުރިހާ ދުވަހަކުއެވެ. 

މިފަދަ ވާހަކަތައް އަބަދުވެސް ދެއްކެއެވެ. ހުރިހާ ޢިލްމުވެރިންވެސް ދައްކަވައެވެ. އެއީ މީސްތަކުންނަށް ހަނދުމަކޮށްދީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަން ކުރުންމަތީގައި ދެމިތިބުމަށް މީސްތަކުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ހަނދާންކޮށްދިނުމަކީ އަބަދުވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ. 

- ޝައިޚް ޢަލީ ރިޟާގެ ދަރުސަކުން

 

މިއަދު އޮންލައިން