ޙަޔާތުގަ ކުރިމަތިވާ ކަންކަމުގެ ވާހަކަ ދައްކައި ފަތުރާއިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިދާނެކަމަށް ބިރުވެތިވާންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޙަޔާތުގަ ކުރިމަތިވާ ކަންކަމުގެ ވާހަކަ ދައްކައި ފަތުރާއިރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިދާނެކަމަށް ބިރުވެތިވާންޖެހޭނެ!: މުފްތީ މެންކް

ބައެއް މީހުން އެމީހުން އިސްލާމް ދީނަށް ޢަމަލުކުރާ ކަމާއި ޢަމަލުކުރަމުން ދަނިކޮށްވެސް މިވެނި އެވެނި ކަންތައްތަކެއް ކުރިމަތިވިކަން މީސްތަކުންނަށް ކިޔައިދެއެވެ. ދުނިޔެއަށްވެސް ހާމަކުރެއެވެ. 

އިސްލާމް ދީނަށް ޢަމަލުކުރަމުން ދަނިކޮށްވެސް ކޮންމެ ކަމެއްވެސް ކުރިމަތިވެދާނެއެވެ. އެއީ ޙައިރާންވާންޖެހެންވީ ކަމެއް ނޫނެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށާއި ޞަޙާބީންނަށްވެސް މާބޮޑެތި ކަންތައްތައް ކުރިމަތިވެވަޑައިގެންނެވިއެވެ. އެއީ އެބޭކަލުން އިސްލާމް ދީނަށް ޢަމަލުނުކުރައްވަވާތީހެއްޔެވެ؟ 

އެކަން ބާއްވާށެވެ! އިސްލާމް ދީނާއި އަޅުވައިގެން އެފަދަ ވާހަކަތައް ދެއްކުމެއް ނެތެވެ. އަދި ހެދޭ އެންމެ ބޮޑު އެއް ގޯހަކީ އިސްލާމް ދީނަށް ޢަމަލުކުރާވާހަކަ އެކަނި ހާމަކުރާކަމެވެ. އެމީހާއަށް ކުރެވޭ ކުށްތައް ސިއްރުކުރާކަމެވެ. 

ވީމާ ތިމާއަށް ކުރިމަތިވާ ކަންކަމުގެވާހަކަ ދައްކަންވާނީ ދީނަށް ޢަމަލުކުރާ މީހުންގެ ހިތްވަރު އެލޭނެ ގޮތަކަށް ނޫނެވެ. ދީނަށް ޢަމަލުކުރަން މީސްތަކުންނަށް ހިތްވަރު ލިބޭނެ ގޮތަށެވެ. ދީނާއިމެދު މީސްތަކުން މާޔޫސްވާނެ ގޮތަށް ވާހަކަތައް ނުދައްކާށެވެ. އެފަދަ ވާހަކަތައް ނުފަތުރާށެވެ. 

އަދި މިގޮތަށްވެސް ވިސްނާށެވެ! ތިބާއަށް ކުރިމަތި ކުރެއްވެވި ކަންކަން ކުރިމަތިކުރެއްވެވީ ތިބާއަށް ކިހައި ބޮޑު ފައިދާއަކަށްޓަކައިކަން އެނގޭނީ ކިހިނަކުންހެއްޔެވެ؟ ޔަޤީންކުރަންވީ ތިމާއަށް ދެރައެއް ނުވަތަ ގެއްލުމެއް ލިބޭނެ ގޮތަކަށް އެއްވެސް ކަމެއް އިރާދަ ނުކުރައްވަވާނެ ކަމެވެ. 

ވީމާ ޙަޔާތުގައި ކުރިމަތިވާ ކަންކަމުގެ ވާހަކަ ދައްކައި ފަތުރާއިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ނޫންނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެން ހިނގައިދާނެ ކަމަށް ބިރުވެތިވާށެވެ! 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން