ދޭ ހެޔޮ ނަޞޭޙަތް ޤަބޫލުނުކުރާނަމަ އޮތީ އަވަހަށް ދެމީހުން ވަކިވުން- ގާތީ މުޅި ޢުމުރަށްވެސް ހިތާމަކުރަންޖެހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދޭ ހެޔޮ ނަޞޭޙަތް ޤަބޫލުނުކުރާނަމަ އޮތީ އަވަހަށް ދެމީހުން ވަކިވުން- ގާތީ މުޅި ޢުމުރަށްވެސް ހިތާމަކުރަންޖެހުން-

ބައެއް ފިރިހެނުންނަކީ އެމީހުން ދިރިއުޅެމުން ގޮތް ބަދަލުކޮށް އިޞްލާޙްވާން ބޭނުންވާ ބައެއް ނޫނެވެ. ވީމާ އެމީހުންގެ ބައިވެރިޔާ، އޭނާގެ ކަންކަން އިޞްލާޙްކުރަން ބުނާނަމަ ރުޅިއަންނާނެއެވެ. އަދި ވަރިވެސް ކޮށްފާނެއެވެ. 

އިޞްލާޙްވާން ބުނާ އަނބިމިހާ ވަރިކޮށްފައި ކައިވެނިކުރާނީ އޭނާ އުޅޭ ގޮތަށް ރުހޭ އަނހެނަކާއިއެވެ. އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ލިބޭ ގެއްލުމާއިމެދު ވިސްނައިލެވޭނީ ސަލާމަތް ނުވެވޭ ހިސާބަށް ކަންކަން ދިއުމުންނެވެ. 

އެޙާލަތަށް ދިއުމުން ކުރީ އަނބިމީހާ ދިން ނަޞޭޙަތްތަކާއިމެދު ވިސްނި އޭނާއަށް ތަޢްރީފްކުރާނެއެވެ. އެއަނބިމީހާ އަނބުރައި ހޯދަންވެސް ބޭނުންވާނެއެވެ. ނަމަވެސް ގިނަ ފަހަރު އޮންނާނީ އެފުރުޞަތު ގެއްލިފައެވެ. 

އަނބިންނަށް ބުނެލަން ބޭނުންވަނީ ފިރިންގެ ކިބައިގައި އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއް ހުރުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ. އެކަންކަން ވިސްނައިދީ އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. އެކަމުގައި ކާމިޔާބު ނުވާނަމަ އޮތީ ވަޤުތު ފާއިތުނުކޮށް ދެމީހުން ވަކިވުމެވެ. 

މިމައްސަލަ އަނބިންގެ ކިބައިންވެސް ކުރިމަތިވެއެވެ. އަނބިމީހާގެ ކިބައިގައި ހުންނަ އިޞްލާޙްކުރަންޖެހޭ ކަންކަމުގެ ވާހަކަ ބުނާނަމަ ވަރިވެ އޭނާ އާއި އެއް މިޒާޖުގެ ފިރިއަކު ހޯދައެވެ. މިކުރެވުނީ ގޯސްކަމެއްކަން އެނގެނީ ދަރިންތަކެއް ދީފައި ފިލީމައެވެ. ނުވަތަ އަނިޔާ ލިބެން ފެށުމުންނެވެ. ޙާލުގައި ޖެހި ނިކަމެތިވުމުންނެވެ. 

އެހިސާބުން ކުރީގެ ފިރިމީހާއަކީ ރަނގަޅު މީހެއްކަން ޤަބޫލުކުރެވެއެވެ. އަލުން އޭނާއާއި ގުޅެންވެސް ބޭނުންވެއެވެ. ނަމަވެސް ވަރަށް މަދުން ނޫނީ އެފުރުޞަތެއް ނުލިބެއެވެ. 

ޚުލާޞާއެއްގެ ގޮތުން ބުނެލަން ބޭނުންވަނީ ބައިވެރިޔާގެ ކިބައިގައި ހުންނަ އިޞްލާޙްކުރަންޖެހޭ ސިފަތަކުގެ ވާހަކަ ދައްކާނަމަ އޮތީ ބައިވެރިޔާ ދޫކޮށްލުމެއް ނޫނެވެ. ދެމީހުން ވަކިވުމެއް ނޫނެވެ. އެދައްކާ ވާހަކަތައް އަޑުއަހައި އިޞްލާޙްވުމެވެ. ނޫންނަމަ އެކަމުގެ ހިތާމަ ފަހުން ކުރަންޖެހޭނެއެވެ. މުޅި ޢުމުރަށްވެސް ކުރަންޖެހިދާނެއެވެ. 

- އަލަފް

މިއަދު އޮންލައިން