ޕީއެޗްޑީ ނުވަތަ ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމްގެ އެހީ ސާޅީހަކަށް މީހުންނަށް ދެއްވާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހަމަވީ، ފުވައްމުލައް ސިޓީގައި ހޯމަ ދުވަހު ބޭއްވި ގައުމީ ކެންޑިޑޭޓް ޤާސިމްގެ ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަފުޅުންނެވެ.
ޤާސިމް އިބްރާހީމަކީ ތައުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަން ޑރ. ވަހީދު ވަނީ ފާހަގަކުރައްވާފައެވެ. ހާއްސަކޮށް ތައުލީމީ ޖީލެއް ބިނާކުރުމަށް ޤާސިމްގެ އެހީ އާއި މަދަދު އެތައް ބަޔަކަށް ދެއްވާފައިވާކަން ރައީސް ވަހީދު ފާހަގަކުރެއްވިއެވެ.
ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނު ބެލިބެލުމުން ހަމައެކަނި ޕީއެޗްޑީ ހާސިލްކުރުމަށް ޤާސިމްގެ އެހީ ސާޅީހަކަށް މީހުންނަށްވަނީ ދެއްވާފައެވެ.
ޕީއެޗްޑީއަކީ ތައުލީމީ އެންމެ މަތީ ފާސް ނުވަތަ ސަނަދެވެ.
ޑރ. ވަހީދު މިމޭރުމުން ވާހަކަފުޅުދެއްކެވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވެރިކަމެއްގައި، ދިވެހި ދަރިންނަށް ދައުލަތުގެ ޚަރަދުގައި މާސްޓާސް ޑިގްރީއާ ހަމައަށް މަތީ ތައުލީމް ހާސިލް ކުރެވޭނެކަން ވަނީ އިއުލާންކޮށްފައެވެ.
މިކަން އިޢުލާންކުރެއްވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެކުލަވާލި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރިޔާސީ މެނިފެސްޓޯ އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޤާސިމް އިބްރާހީމެވެ.
މިހާރުވެސް "ހިލޭ ޑިގްރީ" ޕްރޮގުރާމްގެ ދަށުން ރާއްޖޭގައި، ދިވެހިންނަށް ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔެވެއެވެ. އެކަމަށް އިޝާރާތްކުރައްވައި ޤާސިމް ވިދާޅުވީ، ފުރަތަމަ ޑިގްރީ އެކަނި ނޫން ކަމަށާއި މާތްﷲ އިރާދަކުރެއްވިއްޔާ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މާސްޓާސް ޑިގްރީގެ ސަނަދާ ހަމައަށްވެސް ދާނީ ދައުލަތުގެ ޚަރަދުގައި ކަމަށެވެ.
ޤާސިމް ވިދާޅުވީ، ދައުލަތުން ނަގާފައިހުރި ހުރިހާ ސްޓޫޑެންޓް ލޯނެއްވެސް އެމަނިކުފާނުގެ ވެރިކަމެއްގައި މައާފުކޮށްދެއްވާނެ ކަމަށެވެ.
ޤާސިމް ވިދާޅުވީ އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޖެއްޔާ ފަސްޓް ޑިގްރީއެއް ނޫން، މާސްޓަރސް ޑިގްރީއާ ހަމައަށްވެސް ދާނީ ދައުލަތުގެ ޚަރަދުގަ އިރާދަކުރެއްވިއްޖެއްޔާ. އަދި ކީއްކުރަންތޯ؟ މިހާރު ނަގާފައި ހުރި ހުރިހާ ލޯނެއްވެސް މާފު. އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ އެއްވެސް ދަރިއަކު ކިޔަވަން ނަގާފައި އޮތް އެއްވެސް ލޯނެއް ދައްކާކަށް ނުޖެހޭނެ. އެންމެ ލާރިއެއްވެސް." ކަމަށެވެ.
ޤާސިމް މިފަދައިން ވިދާޅުވިއިރު، އެމަނިކުފާނަކީ އަމިއްލަ ގޮތުންވެސް ގިނަ އަދަދެއްގެ މީހުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯއްދަވައިދެއްވި ބޭފުޅެކެވެ. އަދި ސްކޮލަރޝިޕާއި ލޯނު އުސޫލުންވެސް ވަނީ އެތައް ބަޔަކަށް އެފުރުސަތު ހޯއްދަވައިދެއްވާފައެވެ.
ޤާސިމްވަނީ އެހުރިހާ ލޯނެއްވެސް މައާފުކޮށްދީފައިވާކަން އިއުލާންކޮށްފައެވެ.
އެންމެ ފުރަތަމަ، ކޮވިޑުގެ ދުވަސްވަރު، ވިލާ ފައުންޑޭޝަނުންނާއި ވިލާ ކުންފުނިން އަދި ޤާސިމް އިބްރާހީމްގެ އަމިއްލަ ހަރަދުގައި، އެކިއެކި ސިއްހީ ދާއިރާތަކުން ތައުލީމު ހާސިލްކޮށްފައިވާ އަދި ކުރަމުންދިޔަ ދަރިވަރުންގެ ސްޓޫޑެންޓު ލޯނު މައާފުކޮށްދެއްވިއެވެ.
ރިޔާސީ ކެމްޕެއިންގެ ތެރެއިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވަނީ، އެމަނިކުފާނުގެ އަމިއްލަ ޚަރަދުގައްޔާއި، ވިލާ ކުންފުނި އަދި ވިލާ ފައުންޑޭޝަނުންދޭ ސްޓޫޑެންޓު ލޯނުގެ އެހީގައި، ކޮންމެ ދާއިރާއަކުން ވިޔަސް ތައުލީމު ހާސިލްކޮށް، މިހާތަނަށް އައިއިރު ލޯނު އަނބުރާ ދެއްކިފައި ނުވާ އަދި މިހާރު ވެސް ލޯނު އެހީގެ ދަށުން ކިޔަވަމުން ގެންދަވާ ހުރިހާ ދިވެހިންގެ ސްޓޫޑެންޓު ލޯނުތައް މަޢާފުކޮށްދެއްވިކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.
ޤާސިމްގެ އެހީގައި ތައުލީމު ހޯދާފައިވާ އަދި ހޯދަމުންދާ ކުދިންގެ ޖުމްލަ އަދަދު 8،000 އާ ގާތްކުރެއެވެ. ޤާސިމްގެ ވާހަކަފުޅުގައި ހާމަކުރެއްވި ގޮތުގައި މިއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް ބިލިއަނެއްހައި ރުފިޔާއެވެ.
ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ. އަދި، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވާރލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، އެމަނިކުފާނަށް އަރުވާފައެވެ. ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީ ޤާސިމް އިބްރާހީމްކަންވެސް ފާހަގަކުރެވެއެވެ.
ހަބަރު: ވީނިއުސް