ފުވައްމުލައް ސިޓީއާމެދު ސަރުކާރުތަކުން އިހުމާލުވެފައިވާތީ ރިޔާސީ ކެންޑިޑޭޓް އަދި ގައުމީ ކެންޑިޑޭޓް ޤާސީމް އިބްރާހީމް އިންތިހާއަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
އެމަނިކުފާނު ނުރުހުންފާޅުކުރެއްވީ ރިޔާސީ ކެމްޕެއިނަށް ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ވަޑައިގެން ހޯމަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް ވިދާޅުވީ، ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި ފުވައްމުލަކަށް މާބޮޑު ތަރައްގީއެއް އައިސް، ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.
އެސިޓީގެ ރައްޔިތުންނަށް އަމިއްލަ ވަޒަނުގައި ތިބެގެން ޖީބަށް ފައިސާ ވަންނާނެ މާގިނަ މަގުތަކެއް ކޮށައިދެވިފައި ނުވާ ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހެދި ބަނދަރު ވެސް އޮތީ ތަރައްގީނުވެ ކަމަށް ޤާސިމް ވިދާޅުވިއެވެ.،
ޤާސިމް ވަނީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވާއިރު އެއީ ކޮންކަހަލަ ސިޓީއެއްތޯ، މަޖާޒީ ގޮތެއްގައި ސުވާލު ކުރައްވާފައެވެ.
ޤާސިމް ވިދާޅުވީ "މިއީ ކޮން ކަހަލަ ސިޓީއެއްތޯ؟ ބޭސް ސިޓީއެއްތޯ؟ ސިޓީއެއް ވިއްޔާ ތަފާތުތަކެއް ހުންނަން ވަނާނެ ދެއްތޯ؟ ކެޕިޓަލްއާއި ތަރައްގީވެސް. ސިޓީގެ ދަރަޖަ ދިނުމަކީވެސް ބައެއް ބޭފުޅުން ވޯޓު ހޯދަން އަޅުވާ އަނދުނެއް. އަޅުގަނޑު ނުދަންނަވާނަން ވަކި ބޭފުޅެކޭ." ކަމަށެވެ.
ސިޓީއެއް ވިއްޔާ ތަފާތުތަކެއް ހުންނަން ވަނާނެ ކަމަށާއި ކެޕިޓަލްއާއި ތަރައްގީވެސް ރަށްރަށާއި ޚިލާފަށް އިތުރުވާން ޖެހޭނެ ކަމަށް ޤާސިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޤާސިމް ވަނީ ސިޓީއެއްގެ ދަރަޖަ ދިނަސް އެކަހެރިކޮށް އޮންނަ ފުވައްމުލަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަން ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.
ޤާސިމް ވިދާޅުވީ ސިޓީގެ ދަރަޖަ ދިނުމަކީވެސް ބައެއް ބޭފުޅުން ވޯޓު ހޯދަން އަޅުވާ އަނދުނެއް ކަމަށެވެ. އަދި ސިޓީގެ ދަރަޖަ ދީފައި އެއީ ވަރަށް މޮޅު ކަމެއް ކަމަށް ސިކުނޑިތަކަށް ވައްދަން މަސައްކަތްކުރާ ކަމަށާއި އެހެން ނަމަވެސް މޮޅުތަކެއް ވެއްޖެތޯ ފުވައްމުލަކުގެ ރައްޔިތުން ކުރެން ޤާސިމް އެއްސެވިއެވެ.
ޤާސިމް ވިދާޅުވީ އެސިޓީގެ ތަރައްގީ ކެއްޗާ ހަމައަށް ދާންޖެހޭ ކަމަށެވެ. ދީނީ ގޮތުންނާއި ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރަންޖެހޭ ކަމަށާއި އިންސާނީ ވަސީލަތް ތަރައްގީކުރަންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑުތަކާއި ޝަރުޠުތައް ޏ. ފުވައްމުލަކުގައި ފުރިހަމަވެފައިވާތީ، ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި 4 ޖޫން 2017 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްވަނީ ގަރާރަކުން ކަނޑައަޅުއްވާފައެވެ.
ހަބަރު: ވީނިއުސް