ކައިވެނިކުރުމަށްފަހު މައްސަލަ ޖެހުން ގިނަވަނީ ކީއްވެ؟ ޙައްލު ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކައިވެނިކުރުމަށްފަހު މައްސަލަ ޖެހުން ގިނަވަނީ ކީއްވެ؟ ޙައްލު ބޭނުންތަ؟

ކައިވެނިކުރުމަށްފަހު މައްސަލަ ޖެހުން ގިނަވަނީ ކީއްވެތޯ؟ ގިނަ ބައަކު ސުވާލުކުރެއެވެ. 

އަހުރެންގެ ވިސްނުމުގައި މިސުވާލަކީވެސް އެއިގެ ޒާތަށް ބަލައިފިނަމަ ރަނގަޅު ސުވާލެއް ނޫނެވެ. މިއީ ކަންކަން މެދުވެރިވާ ސަބަބަށް ވިސްނާ ނުލައި ކުރެވޭ ސުވާލެކެވެ. އެކަން އަހުރެންނަށް ވިސްނޭ ގޮތަށް ބުނެލާނަމެވެ.  

ކޮންމެ ދެމީހަކު ނަމަވެސް ކައިވެނިކުރުމުގެ ކުރިން ލޯބިވެގެން އެކުގައި އުޅޭއިރުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ބައްދަލުނުކޮށް ހަމައެކަނި ފޯނުން ވާހަކަދައްކައި އުޅުނަސް މައްސަލަތައް ޖެހޭނެއެވެ. ބައްދަލުކުރާނަމަ ޖެހޭ މައްސަލަތައް ގިނަވެސްވާނެއެވެ. 

މައްސަލަތައް ޖެހުނު ނަމަވެސް އެކަކުވެސް އެއިރު އެކަންކަން އެއީ ބޮޑު ކަމަކަށް ނުހަދައި އަޅާނުލައި ތިބެނީއެވެ. އެހެން ތިބެ ކައިވެނިކުރުމަށްފަހު ވާގޮތަކީ ޖެހޭ ކުދިކުދި ކަންކަންވެސް އެއީ ބޮޑު މައްސަލައެއް ކަމަށް ދެކެވެނީއެވެ. 

އެކަން އެގޮތަށް ވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ކައިވެނިކުރުމަށްފަހު ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިގެންވާނެކަމަށް ޤަބޫލުނުކުރެވޭ ކަމެވެ. އެއީ ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ؟ އެއްވެސް މައްސަލައެއް ނުޖެހި ދުނިޔޭގައި އުޅެވުމަކީ ދުނިޔޭގައި އުޅުމުގެ ޤާނޫނާއިވެސް ޚިލާފްކަމެކެވެ. 

ވީމާ ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. ޚިޔާލުތަފާތުވާ ކަންކަން ކުރިމަތިވާނެއެވެ. އެފަދަ ކަމެއް މެދުވެރިވުމުން އެއީ އެހައި ބޮޑު ކަމަކަށް ނުހަދާށެވެ. ދެމީހުންގެ މެދުގައި ލޯތްބާއި އެކުވެރިކަމާއިއެކު މަޝްވަރާކޮށްލާށެވެ! އެއިރުން ޙައްލު ފެންނާނެއެވެ. ޖެހުނު ކަންތައް އެއީ މައްސަލައަކަށް ނުވެ އެކަން ނެތިގެން ހިނގައިދާނެއެވެ. 

އެއިގެ ބަދަލުގައި ކޮންމެ ކަމަކީ މައްސަލައަކަށް ހަދަން ބޭނުންވާ މީހަކަށް އަބަދުވެސް އުޅެން ޖެހޭނީ މައްސަލަތަކުން ސަލާމަތްނުވެވިގެންނެވެ. އެއިރުން ދެމަފިރިން ދެބަސްވުން ނޫންކަމެއް ނުއޮންނާނެއެވެ. 

ކައިވެންޏަށްފަހު ކުރިމަތިވާ ކަންކަން ޙައްލުކުރަން މިފަދަ ގޮތަކަށް ވިސްނައި ޢަމަލުކުރަން މަސައްކަތްކުރާނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ގިނަވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- އަލަފް 

 

މިއަދު އޮންލައިން