ކޮންމެ މީހަކަށްވެސް ޖެހޭ އެންމެ ނުބައިކަންބޮޑު ބައްޔަކީ ހިތުގައި އުފެދޭ ޙަސަދަވެރިކަން ކަމަށް ބުނެފިނަމަ ގިނަ ބައަކަށް ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެވެ. ޙަސަދަވެރިކަމަކީ ޖެހޭނެ، ތިމާއަށް އެންމެ ބޮޑަށް ގެއްލުން ދޭނެ ބަލިކަން ބުނެދޭން އެއްވެސް އުނދަގޫކަމެއް ނެތެވެ.
އިބްލީހުގެ ހިތުގައި އާދަމްގެފާނަށް ޙަސަދަވެރިކަން އުފެދުނީ ﷲ ތަޢާލާ މަލާއިކަތް ބޭކަލުންނާއި ކުރެއްވެވި މުޢާމަލާތުތަކުންނެވެ. އާދަމްގެފާނު އުފައްދަވައި ފުރާނައަޅުއްވަވާނީ ﷲ ތަޢާލާގެ ރޫޙުފުޅުންކަމާއި ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތިވެރި ދަރަޖަ ދެއްވަވާނީ އިންސާނުންނަށްކަން އެނގުމުންނެވެ. އިބްލީހުގެ ޝަކުވާއަކަށްވީ އޭނާއަށް އެންމެ މަތީ ދަރަޖަ ނުދެއްވަވައި އިންސާނުންނަށް ދެއްވެވުމެވެ. އޭނާއަށްވުރެ އާދަމްގެފާނު މަތިވެރިކުރެއްވެވުމެވެ.
މިއަދު އަހުރެމެންނަށްވެސް ވެގެން މިއުޅެނީ ހަމަ އެފަދަ ގޮތެކެވެ. ތިމާގެ ބައިވެރިޔާއަށްވުރެ އަނެކާގެ ބައިވެރިޔާ ރީތިވުން، ތިމާއަށްވުރެ އަނެކާ ތަނަވަސްވުން، މަޤާމުގެ ގޮތުން މަތިވުން، ޢިލްމު ލިބުމުގައި އަނެކާ ކުރިއަރައި ދިއުން، މީސްތަކުންގެ ރުހުމާއި ލޯބި އަނެކާއަށް ލިބޭ މިންވަރު ބޮޑުވުން ފަދަ ﷲ ތަޢާލާ އެހެން މީހުންނަށް ދެއްވަވާ ނިޢުމަތްތަކަށް ޙަސަދަވެރިވެވެނީއެވެ.
މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ހަމަ އިބްލީސް ކުރި ކަންތަކެވެ. ދެވެނީ އިބްލީސް މަގުފުރެދިގެން ދިއަ މަގުންނެވެ. އަދި ކީއްހެއްޔެވެ؟ އިބްލީސް ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވާން މެދުވެރިވި ސަބަބަކީ އޭނާގެ ހިތުގައި ޙަސަދަވެރިކަން ބާއްވައިގެން ހުރިހުރުމެވެ.
އަހުރެމެންނަށްވެސް މިއަދު ކަންކަން މިކުރެވެނީ ހަމައެގޮތަށެވެ. އަނެކާއަށް ދެއްވެވި ނިޢުމަތްތަކަށް ހަސަވެރިވެ އެކަން ހިތުގައި ސިއްރުކޮށްގެން ތިބެނީއެވެ. އެހެންވީމާ މިކުރެވެނީ ހަމަ އެއްކަމެކެވެ. ޙަސަދަވެރިވުމެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ އިބްލީސަށް ނުދެއްވެވި ފުރުޞަތުތައް އަހުރެމެންނަށް ވަނީ ދެއްވަވައިފައެވެ. އެއީ ތައުބާވުމުގެ ފުރުޞަތާއި ސަޖިދަކުރުމުގެ ފުރުޞަތެވެ. އެއީ އިންސާނުން ދެކެ ލޯބިވެވޮޑިގަންނަވާ މިންވަރު ބޮޑުކަމުންނެވެ. ވީމާ ހިތުގައި ހަމަ އެއްވެސް މީހަކަށް ޙަސަދަވެރިކަން ނުބާއްވާށެވެ. ހިތްސާފުކުރާށެވެ! ތައުބާވާށެވެ! ސަޖިދަކުރުން ގިނަކުރާށެވެ!
- މަޢުލުމާތު: ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން