ދެމަފިރިންނަށް ވަރަށް ޚާއްޞަ!: ތިބާގެ ހަޔާތުގަ މިހައިތަނަށް ކޮށްފައިވާ ހުރިހާ ކަންކަމުގެ ފިލްމެއް ޢާއިލާއާއިއެކު އިނދެ ބަލައިލަން ކެރިދާނެތަ؟: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދެމަފިރިންނަށް ވަރަށް ޚާއްޞަ!: ތިބާގެ ހަޔާތުގަ މިހައިތަނަށް ކޮށްފައިވާ ހުރިހާ ކަންކަމުގެ ފިލްމެއް ޢާއިލާއާއިއެކު އިނދެ ބަލައިލަން ކެރިދާނެތަ؟: ޝައިޚް ޢަލީ ހައްމުދާ

މިއުޅެނީ މާގިނަ ވާހަކަތަކެއް ދައްކާކަށް ނޫނެވެ. އެންމެ ސުވާލެއްކޮށްލާށެވެ! 

އެސުވާލަކީ ތިބާގެ ޙަޔާތުގައި މިހައިތަނަށް ކޮށްފައިވާ ހުރިހާ ކަމެއް، އެއްވެސް ކަމެއް، ދައްކާފައިވާ އެއްވެސް ވާހަކައެއް ސެންސަރުނުކޮށް ފިލްމެއްގެ ގޮތުގައި ހަމައެކަނި އަނބިދަރިންނާއިއެކުގައި އިނދެގެން ބަލަންކެރިދާނެހެއްޔެވެ؟ އެފިލްމުގައި ތިބާ ބޭޒާރުވެ ލަދުން ފިލަން ދުވަންޖެހޭނެ ކަންކަމެއް ނުހުންނާނެ ހެއްޔެވެ؟ 

ޚުދު އަހުރެންގެ އަމިއްލަ ނަފްސަށްވެސް ބުނަންޖެހޭނީ އެފަދަ ފިލްމެއް ބަލަން ނުކެރޭނެ ކަމަށެވެ. 

ދެން ނިކަން ވިސްނައިލަބަލާށެވެ! ތިބާ ދުނިޔޭގައި ހުރެ ކުޅަ ހުރިހާ ކަންކަމާއިމެދު ޤިޔާމަތް ދުވަހު އެންމެހައި މީސްތަކުންގެ ކުރިމަތީގައި ސުވާލުކުރައްވަވާ ވަޤުތު އަންނާނެކަން އެބައެނގެއެވެ. އެޢަމަލުތައް ތިބާއަށް މާފުރިހަމައަށް ﷲ ތަޢާލާ ދައްކަވާނެތެވެ. ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓިހުރެ ބަލަން ކެރޭނެ ހެއްޔެވެ؟ ލަދުން މީހާ ހަލާކެއް ނުވާނެ ހެއްޔެވެ؟ ފިލަން ދާނީ ކޮންތަނަކަށް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދުލުން ބުނާ ބަސްތަކާއި ކުރާ ޢަމަލުތަކުގައި ތެދުވެރިވާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުގެ އިތުރުން އަމިއްލަ ޢާއި މީސްތަކުންގެ ކުރިމަތީގައި ލަދުގަންނަން ޖެހޭނެ ފަދަ އެއްވެސް ޢަމަލެއް ނުކުރާށެވެ! އެއްވެސް މީހަކަށް މަކަރެއް ޙީލަތެއް ނުހަދާށެވެ! ﷲ ތަޢާލާއަށް ނުކިޔަމަންތެރިނުވާށެވެ! ފާފައެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! 

އެންމެ ކުޑަމިނުން ބައިވެރިޔާއަށް ބޭވަފާތެރިވެސް ނުވާށެވެ! ކޮންމެ ދެމަފިރިއަކަށްވެސް މިކަންކަން ވަރަށް ޚާއްޞަކަމަށް މިބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ތެދުވެރިކަން ނެތިގެންދާތީއެވެ. މަކަރުހެދުމާއި އޮޅުވައިލުން ޢާންމުކަމަކަށް ވެގެންގޮސްފައި އޮތީމައެވެ. ތެދުވެރި ރިވެތި ސުލޫކަސް އިންތިހާއަށް ބޭނުންޖެހިފައި އޮތްވަރުންނެވެ. 

ދުނިޔެއާއި އާޚިރަތުގައިވެސް ސަލާމަތްކަމެއް ކިރިޔާވެސް ލިބެން އޮތީ އެއިރުންނެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން