ސިޔާސީ ޕާޓީތައް އުފެއްދީ ގަބީލާތައް ހަދާކަށް ނޫން: ޑރ. ވަހީދު

ކިޔުމަށް ހޭދަވާނީ 2މ 21ސ
ސިޔާސީ ޕާޓީތައް އުފެއްދީ ގަބީލާތައް ހަދާކަށް ނޫން: ޑރ. ވަހީދު

ސިޔާސީ ޕާޓީތައް އުފެއްދީ ގަބީލާތައް ހަދަން ނޫން ކަަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ވިލިގިނލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދީ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރަން ނޫން ކަމަށާއި ޕާޓީތައް އުފެއްދީ ގައުމު ކުރިއަރުވަން ކަމަށެވެ.

ރާއްޖޭގެ ސަލާމަތް ބަލަހައްޓަންޖެހޭ މިންވަރަށް އެކަން ނުވާނަމަ ވިސްނަން ޖެހެނީ ތިމަންނަ ތާއީދުކުރާ ޕާޓީއަކަށް ނޫން ކަމަށާއި މިއަދު ވިސްނަން ޖެހޭނީ ވޯޓުދޭން ހުރީ ކޮން ބޭފުޅަކަށްތޯ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ އަޅުގަނޑުގެ އުންމީދަކީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނާފަ މިފަހަރު ގާސިމް އިބްރާހީމަށް ވޯޓު ދެއްވާނެ ކަމަށް. އެއީ އަޅުގަނޑު ދަންނަވަން އޮތްހާވެސް ވާހަކައަކީ. އަޅުގަނޑު ދެކޭކަށް ބޭނުމެއްނޫން ރާއްޖެ އަޅުވެރިކަމަށްދާތަން ދެކޭކަށް. އަޅުގަނޑު ދެކެން ބޭނުމެއްނުވޭ ރާއްޖެ ދަރައިގެންގޮސް ބަނޑަށް ޖެހޭތަން ބަލަން." ކަމަށެވެ.

ރާއްޖޭގެ ދަރަނި މައްޗަށް ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޑރ. ވަހީދު ވާހަކަފުޅު ދެއްކެވިއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖުލައި މަހު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 594.1 މިލިއަން ޑޮލަރެވެ. މިއީ މި އަހަރުގެ ޖޫން މަހު ރަސްމީ ރިޒާވްގައި ހުރި އަދަދަށްވުރެ 108.1 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޔޫޒަބަލް ރިޒާވްގައި ޖުލައި މަހު ހުރީ 125 މިލިއަން ޑޮލަރެވެ. މިއީ ޖޫން މަހު ޔޫޒަބަލް ރިޒާވްގައި ހުރި 168.1 މިލިއަން ޑޮލަރަށް ވުރެ 43.1 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މީގެ ކުރިން ދައުލަތުގެ ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް އެންމެ ދަށަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ރަސްމީ ރިޒާވްގައި ހުރީ 499.6 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 105.1 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ވެސް ދައުލަތުގެ ރިޒާވް މިހާ ދަށަށް ގޮސްފައެއް ނުވެއެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޖުލައި މަސް ނިމުނު އިރު ޖުމްލަ ރިޒާވްގައި 728 މިލިއަން ޑޮލަރު ހުއްޓެވެ.

ދައުލަތުގެ ރިޒާވް މި މިންވަރަށް ދަށަށް ގޮސްފައިވާއިރު، އެކި ފަރާތްތަކުން މީގެކުރިންވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިޒާވް ދަށަށް ގޮސްފައި ވަނީ ސަރުކާރުން އެކި ކަންކަމަށް ބޮޑެތި އަދަދުން ފައިސާ ޚަރަދު ކުރަމުންދާތީއެވެ.

ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 18.8 ބިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި ދައުލަތުގެ ޚަރަދުތައްވަނީ 25.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން