ރައީސްއަކަސް ކަތީބަކަސް އަދި މުދިމަކަށް ވިޔަސް ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ވެރިކަމެއް ނުކުރެވޭނެ ކަމަށް ގައުމީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިފަދައިން ވިދާޅުވީ ގއ. ވިލިގިނލީގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމްވަނީ މި ސަރުކާރުން ގަވާއިދާއި ގާނޫނާއި ހިލާފަށް އެތައް ކަމެއް ކުރަމުން ގެންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބުގެ އިން ކަނޑައެޅުމުގެ މައްސަލާގައި ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ބުނެ އެ ގައުމުން ކުރާ ދައުވާއަށް ރާއްޖެއިން މީގެކުރިން ފާޅުގައި އިންކާރުކޮށް، އދ.ގައި އެކަމާ ދެކޮޅަށް ވޯޓު ދެމުންއައި ނަމަވެސް މިކަމާ ގުޅިގެން އިޓްލޮސްގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ބަލައިގަންނަން ނިންމި ނިންމުމަކީ ގަވާއިދާއި ހިލާފަށް ކުރިކަމެއްކަން ގާސިމް ފާގަހަކުރެއްވިއެވެ.
އެސިޔާސަތު ބަދަލުވިކަން ދިވެހިންނަށް ހާމަނުކުރައްވައި އެކަން ސިއްރިއްޔާތުގައި މޮރިޝަސްއަށް އަންގައި ސަރުކާރުން ފޮނުވި ސިޓީ ހާމަކޮށްފައި ނުވާއިރު އެ ސިޓީ މަޖިލީހުގެ 241 ކޮމިޓީއަށްވެސް ސަރުކާރުން ދައްކާފައެއް ނުވެއެވެ.
މީގެ އިތުރުން ދެން ގާސިމް ފާހަގަކުރެއްވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ މައްސަލައެވެ. ރާއްޖޭގެ 5 ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭއިރު ރާއްޖޭގައި ބޭރުގެ ސިފައިން ބައިތިއްބަން މަޖިލީހުން ނަގަންޖެހޭ ހުއްދަ ސަރުކާރުން ނަގާފައިނުވާ ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން ގާނޫނު ތައް މުގުރާލުމަށްފަހު މަޖިލީހުގައި "މަރުތަޅު" އަޅުވައި މަޖިލީހުގެ މަސައްކަތް ހުއްޓުވައިގެން އުޅޭ މައްސަލަވެސް ގާސިމްވަނީ ފާހަގަކޮށްފައެވެ.
ގާސިމް ވިދާޅުވީ "ގާނޫނު އަސާސީއާ ހިލަފާށް ވެރިކަންކުރުމުގެ ބާރު އެއްވެސް މީހަކަށް ނުލިބޭނެ. ކަތީބަކަށްވިޔަސް މުދިމަކަށް ވިޔަސް ކާތިބަކަށް ވިޔަސް ރައްޔިތަކަށްވިޔަސް. އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަށް. އޭނަ ޖެހޭނެ އަޒުލުކުރަން". ކަމަށެވެ.
ގާސިމްވަނީ ގާނޫނުއަސާސީއާ އެއްގޮތައް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވެރިކަން ކުރެއްވިިއިރު ޑރ. ވަހީދު ކުރެއްވި ރަނގަޅު ކަންކަން "ފަސްއަޅައި ފޮރުވުމަށް" ޕީޕީއެމްއާއި އެމްޑީޕީން މަސައްކަތްކުރަމުން ދާކަމަށެވެ.
ގާސިމްވަނީ ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން އޮތް މިންވަރު ބެލުމަށްފަހު މި މަހުގެ 9ވަނަ ދުވަހު ވޯޓުލުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ހަބަރު: ވީނިއުސް