ޤާސިމްގެ ފަސް އަހަރު ވެގެންދާނީ އެންމެ ދީލަތި ފަސް އަހަރަށް: އަމީން

ކިޔުމަށް ހޭދަވާނީ 3މ 22ސ
ޤާސިމްގެ ފަސް އަހަރު ވެގެންދާނީ އެންމެ ދީލަތި ފަސް އަހަރަށް: އަމީން

ޤާސިމް އިބްރާހީމަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، އެމަނިކުފާނުގެ ފަސް އަހަރު ވެގެންދާނީ އެންމެ ދީލަތި ފަސް އަހަރަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ތަރުޖަމާން އަދި ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގައި ބޭއްވި ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަމީން ވަނީ ގާސިމްގެ މެނިފެސްޓޯގައި ރައްޔިތުންނަށް ފައިދާހުރި ގޮތައް އެކަށައަޅާފައިވާ ވައުދުތަކުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި ވާހަަކަ ދައްކަވާފައެވެ. އަމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި ބޮޑު ޕާޓީ ކުޑަޕާޓީގެ ފިކުރު ދޫކޮށް ތަރައްޤީއާ ތަހުޒީބު ހޯދާއިދެވޭ ވަރުގެ ގާބިލް ރައީސަކު ގެންނަން ޖެހޭ ކަމަށެވެ.

އަދި އެފަދަ ރައީސަކަށް ވާނީ ގާސިމް އިބްރާހިމްކަން އަމީން ފާހަގަކުރެއްވިއެވެ. އަމީން ވިދާޚުވީ ޒުވާނުންނަށް ހިލޭ 18،000 ފްލެޓް، އުފަންވާ ދަރިންނަށް 5،000، ފެންވަރު ރަގަޅު ތައުލީމު، ވަޒީފާގެ ފުރުސަތު، ވިޔަފާރިއަށް އިންވެސްޓްކުރެވޭނެ މަގު، ހިލޭ ލޯން، ލުއި ލޯން ލިބި ވިޔަފާރީގައި ކުރިއަށްދެވޭނެ ފަސޭހަ މަގުކޮށާދޭނީ ގާސިމް އިބްރާހިމް ކަމަށެވެ.

އަމީން ވިދާޅުވީ ރައްޔިތުންނަށް ހާސްކަމެއް ނެތް ދިރުއުޅުމެއް ގާއިމުކޮށްދެއްވާނީ ގާސިމް އިބްރާހިމް ކަމަށާއި އުމުރުންދުވަސްވީ މީހުންގެ އެލަވަންސް 5،000 އިން 7000އަށް ބޮޑު ކޮށްދެއްވާނީ ގާސިމް ކަމަށެވެ.

ގައުމީ ކެންޑިޑޭޓްގެ ގާބިލްކަމާމެދު ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ސަރުކާރު ހިންގުމުގެ ތަޖްރިބާއާ، ވިޔަފާރީގެ ތަޖްރިބާއާ، އިޖުތިމާއީ ގުޅުންތަކުގެ ތަޖްރިބާ، އަދި އެންމެ ދީލަތި ޝަހްޝިއްޔަތެއްގެ ގޮތުގައި ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލިބޭނެ އެންމެ ފުރިހަމަ ކެންޑިޑޭޓަކީ ގާސިމް ކަމަށެވެ.

އަމީން ވިދާޅުވީ "ރައްޔިތުންނަށް އެންމެ ނަފާކުރާ ފަސް އަހަރަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ފަސް އަހަރަށް، ދިވެހިރާއްޖޭގަ އެންމެ ގިނަ ވިޔަފާރި އުފެދޭނެ ފަސް އަހަރަށް، ދިވެހިރާއްޖޭގަ އެންމެ ގިނަ މުއްސަނދިން ތާރަފްކުރެވޭނެ ފަސް އަހަރަށް، އެންމެ ފަސޭހައިން ސިއްހީ ފަރުވާ ލިބޭނެ ފަސް އަހަރަށް، ދިވެހިންނަށް އެންމެ ރަނގަޅު ތައުލީމް ލިބޭނެ ފަސް އަހަރަށް، ދިވެހިންނަށް ހާސްކަމެއް ނެތް ދިރިއުޅުމެއް ލިބޭނެ ފަސް އަހަރަށް." ކަމަށެވެ.

އަމީން ވިދާޅުވީ ދެކުނުގެ މިސަރަހައްދުގެ ފަތުރުވެރިކަން ތަރައްގީކޮށްދެއްވާ ދެމިލިއަން ފަތުރުވެރިން މިސަރަހައްދަށް ޒިޔާރަތްކުރާ މިންވަރަށް ވަސީލަތްތައް ތަރައްޤީކޮށްދެއްވާ، މިސަރަހައްދުގައި 10،000 އެނދާއެކު އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށްދެއްވާއި ރަށު ފަތުރުވެރިކަން ފުޅާކޮށްދެއްވާއި ބައިނަލް އަގްވާމީ ވައިގެ ބަދަރެއް މިސަރަހައްދުގައި ތަރައްޤީކޮށްދެއްވާނީ ގާސިމް އިބްރާހިމް ކަމަށެވެ.

އަމީން ވިދާޅުވީ މިއަދުގެ މުޖުތަމައުގައި ހުރި އިޖުތިމާއީ ބަލިމަޑުކަން ފިލުވާލަދޭނެ މެނިފެސްޓޯއެއް ގެނެސްދެއްވާފައިވަނީ ގާސިމް ކަމަށެވެ. އިސްލާމީ އަޤީދާ ހަރުދަނާ ކުރުމަށް ގާސިމްގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށާއި ދެކުނުނާއި އުތުރު އަދި ހުޅުމާލޭގައި އިސްލާމިކް ސެންޓަރު ގާއިމްކޮށްދެއްވާ، ވެރިކަމުގެ ފުރަތަމަ އަހަރު 500 ހާފިޒުން އުފައްދަވާއި، ދިވެހި ބަހުން ދީނީ ފޮތްތައް އެކުލަވާލައްވާ، އިސްލާމިކް ލައިބްރަރީތައް ގާއިމްކޮށްދެއްވާނެ ގާސިމްގެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ.

ތަރައްގީގެ ޔަގީން އެޖެންޑާއެއް ހިފައިގެން އައީ ޖުމްހޫރީ ޕާޓީގެ ލީޑަރު އެކަނި ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މައިގަނޑު 15 އަސާސެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޤާސިމް އިބްރާހީމްގެ ރިޔާސީ މެނިފެސްޓޯއަކީ، މިގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ގޮތަކަށް، ފަންނީ މާހިރުންނާއި ތަޖުރިބާކާރުންގެ ޓީމަކުން ތައްޔާރުކޮށްފައިވާ ފުރިހަމަ މެނިފެސްޓޯއެކެވެ.

 

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން