ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކީރިތި ގުރުއާނުގެ ތަފްސީރު ބުރާސްފަތި ދުވަހުގެރޭ ގައުމީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމް ނެރެދެއްވާނެ ކަމަށް އެމަނިކުފާނުގެ އިންތިޚާބީ އެޖެންޓު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މި އުފާވެރި ޚަބަރު ރައްޔިތުންނަށް ދެއްވީ ތިނަދޫ ސިޓީގައި ބޭއްވި ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މައިގަނޑު 15 އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ ޤާސިމްގެ މެނިފެސްޓޯގައި އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަރު ވަރުގަދަކުރުމުގެ 16 ވައުދެއް ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން އެއް ވައުދަކީ އަހަރުގެ ތެރޭގައި ގުރުއާން ތަފްސީރު ދިވެހި ބަހުން ޝާއިއުކުރުމުގެ ވައުދެވެ.
އަލީ ވަހީދު ވިދާޅުވީ "ބުރާސްފަތި ދުވަހުގެރޭ ޤާސިމް އިބްރާހީމް ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާނީ އެމަނިކުފާނުގެ ޚިދުުމަތުގެ ރަންހާރަށް އަނެއްކާވެސް އިތުރު ބޮޅެއް އިތުރުކުރަން. ﷲގެ އިރާދަފުޅުން ކީރިތި ގުރުއާނުގެ ތަފްސީލާއި ތަފްސީރު އެރޭ ދިވެހި ރައްޔިތުނަށްޓަކައި ގާސިމް އިބްރާހީމް ލޯންޗްކޮށްދެއްވާނެ. އޮންލައިންކޮށް ތިބޭފުޅުންނަށް އެފެނިގެންދާނެ" ކަމަށެވެ.
އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަތު ވަރުގަދަކުރުމުގެ ތެރެއަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރޭގައި އިސްލާމް ދީންނޫން އެހެން ދީނަކަށް ފުރުސަތު ނުދިނުމާއި، އިސްލާމީ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ނަމޫނާ ދެއްކުމާއި، ގުރުއާން ހިތުދަސްކުރާ ގައިދީންނަށް އަދަބު ލުއިކޮށް މައާފުކޮށްދިނުން ހިމެނެއެވެ.
އަދި ރާއްޖޭގެ ސަރަހައްދުތަކުގައި އިސްލާމިކް ސެންޓަރުތައް ގާއިމްކުރުމާއި، 65 އަހަރުން މަތީގެ 100 މީހުން ސަރުކާރުގެ ހަރަދުގައި ކޮންމެ އަހަރަކު ހައްޖަށް ފޮނުވުމާއި، ތައުލީމާއި ތަރުބިއްޔަތުގެ ތެރެއިން ދީނުގެ ސައްހަ އަގީދާ ފެތުރުމާއި، ދިވެހި ބަހުގެ ދީނީ ފޮތް އިތުރުކޮށް އިސްލާމީ ލައިބްރަރީއެއް ގާއިމްކުރުމާއި، 500 ހާފިޒުން އުފައްދައި 3000 ރުފިޔާގެ އެލަވެންސެއް ދިނުމާއި، ފަތުވާ މަޖިލިސް ހަރުދަނާކުރުންވެސް ހިމެނެއެވެ.
މީގެ އިތުރުން މަތީ ކޯސްތަކުން ދަސްވެނިވުމުގެ ކުރިން އިސްލާމީ އަހުލާގިއްޔާތު މޮޑިއުލްއެއް ކިޔަވައިދިނުމާއި، ފަތުވާ މަޖިލީހުގެ ލައަކީ ސަރުކާރުން އަަމަލުކުރަންޖެހޭ އުސޫލަކަށް ހެދުމާއި، ރާއްޖޭގައި ހަދާ ގާނޫނުތަކަކީ އިސްލާމީ ޝަރީއަތާއި އެއްގޮތްވާ ގަވާއިދުތަކާއި ގާނޫނުތަކެއްކަމުގައި ހެދުމާއި، ހެދޭ ގަވާއިދުތަކާއި ގާނޫނުތައް ކަށަވަރުކުރާ ޝަރުއީ ލަފާދޭ ގާނޫނީ ބާރު ލިބިދޭ ކޮނިޓީއެއް ގާއިމްކުރުމުގެ އިތުރަށް ދީނީ އިލްމުވެރިންގެ މަހާސިންދާތަކުން ނިންމާ ކަންކަމަކީ ސަރުކާރުގެ ސިޔާސަތު ކަމުގައި ހިމެނުންފަދަ އުންމީދީ ވައުދުތަކެއް ވަނީ ހިމަނާފައެވެ.
ހަބަރު: ވީނިއުސް