ﷲ ތަޢާލާއަށް ތިބާ ސަޖިދަ ނުކުރި ނަމަވެސް ތިބާގެ ހިޔަނި ސަޖިދަކުރާކަން ޤުރްއާނުން-: ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ﷲ ތަޢާލާއަށް ތިބާ ސަޖިދަ ނުކުރި ނަމަވެސް ތިބާގެ ހިޔަނި ސަޖިދަކުރާކަން ޤުރްއާނުން-: ޢަލީ ހައްމުދާ

މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވަމުން އަންނަ އެއްކަމަކީ ނަމާދުކުރުމެވެ. ﷲ ތަޢާލާއަށް ކުރަންޖެހޭ ސަޖިދަތައް ކުރުމެވެ. ވީމާ ވިސްނައިލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. 

ފުރަތަމަ ކަމަކަށް ބަލައިލަން މަސައްކަތް މިކުރަނީ ﷲ ތަޢާލާ ވޮޑިގެންވާ ޢަރުޝީގެ ސައިޒަށެވެ. 

ﷲ ތައާލާ ވޮޑިގެންވާ ޢަރްޝި އުފުއްލަވަނަ ތިއްބަވާ 7 މަލާއިކަތުންނަށް ވިސްނައިލާށެވެ. އެއިގެ ތެރެއިން އެންމެ މަލާއިކަތެއްގެ ކަންފަތުފޫޅުފުޅުން ފެށިގެން ކޮނޑާއި ހަމައަށް ބޮޑުމިނަކީ 700 އަހަރުގެ ރާސްތާއެވެ. އަހަރެމެންނަށް ބަލައިފިނަމަ އެއީ އެންމެ އަތްތިލައެއްގެ ބޮޑުމިނެވެ. ވީމާ ޢަރުޝި އުފުއްލަވާ 7 މަލާއިކަތުންގެ ސައިޒާއިމެދު ވިސްނައިލާށެވެ. އެ 7 މަލާއިކަތުން އުފުއްލަވާ ޢަރުޝީގެ ސައިޒާއިމެދު ވިސްނައިލާށެވެ. ޢަރުޝީގައި ވޮޑިގެންވާ ﷲ ތަޢާލާ އާއިމެދު މެދު ވިސްނައިލާށެވެ! 

ޖިބްރީލްގެފާނުގެ އަސްލު ސިފަފުޅުގައި ރަސޫލް () ދެކެވަޑައިގެންނެވިއެވެ. ޖިބްރީލްގެފާނުގެ 600 ފިޔަފުޅުވެއެވެ. އެއިގެތެރެއިން އެންމެ ފިޔަފުޅެއް ހުޅުއްވަވައި ލެއްވެވި ނަމަވެސް މުޅި ކައުނު ފުރިގެންދާނެއެވެ. އުޑާއި އިރާއި ހަނދާއި ތަރިތައް ފޮރުވިގެންދާނެއެވެ. އެހެންކަމަށްވާއިރު 600 ފިޔަފުޅު އެކުގައި ހުޅުއްވަވައިލައްވަވައިފިނަމަ ވެގެންދާނެ ގޮތާއިމެދު ވިސްނައިލާށެވެ. 

މީސްތަކުންނޭވެ. އެންމެހައި ތަކެތި މިވަނީ ޢަރުޝީގެ ދަށުގައެވެ. ޢަރުޝީގެ ދަށުގައިވާ  އެންމެހައި ތަކެތި ﷲ ތައާލާއަށް ތަޞްބީޙަކިޔައެވެ. ސަޖިދަ ކުރެއެވެ. އެކަން ނުކުރަނީ ބަލިކަށިވެގެންވާ އިންސާނުންގެ ތެރެއިން އިބިލީހަށް ހެއްލި މަގުފުރެދިފައިވާ ބައަކާއި ޖިންނީންގެ ތެރެއިންވާ އެފަދަ ބައެކެވެ. އެމީހުން ދުވަހަކު ސަޖިދަ ނުކުރުމުން ﷲ ތަޢާލާއަށް އުނިވެވޮޑިގަންނަވާނީ ކޮން ކަމެއް ހެއްޔެވެ؟ ހަލާކުވެގެންދާނީ އެމީހަކު ނޫން ހެއްޔެވެ؟ 

"މީސްތަކުންނޭވެ! މާވަރުގަދަވެގަނެ، ބޮޑާވެގެން އުޅޭއިރު ތިބާގެ ހިޔަންޏަށް ތިބާއަށް ބާރު ނުފޯރުވޭކަން އެނގޭ ހެއްޔެވެ؟ ތިބާ ދުވަހަކު ﷲ ތަޢާލާއަށް ސަޖިދައެއް ނުކުރި ނަމަވެސް ތިބާގެ ކިބައިން އިޒުނައެއްވެސް ނެގުމަކާއި ނުލައި ތިބާގެ ހިޔަނި ގެންދަނީ ﷲ ތަޢާލާއަށް ސަޖިދަކުރަމުންނެވެ! ވީއިރު ތިބާގެ ހުރި ބާރަކީ ކޮބައިހެއްޔެވެ؟ އެންމެ ކުޑަމިނުން ތިބާގެ ހިޔަންޏަށްވެސް ތިބާއަށް އެއްވެސް ބާރެއް ނުފޯރުވޭއިރުއެވެ." 

ޙައްޖު ސޫރަތުގެ 18 ވަނަ އާޔަތް ބަލާށެވެ! 

"އުޑުތަކާއި، ބިމުގައިވާހާ ބައަކާއި، އިރާއި، ހަނދާއި، ތަރިތަކާއި، ފަރުބަދަތަކާއި، ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މީސްތަކުންކުރެ ގިނަބަޔަކު، اللَّه އަށް ސަޖިދަ ކުރާކަން ތިބާ ނުދަންނަމު ހެއްޔެވެ؟ އަދި (މީސްތަކުންކުރެ) ގިނަބައަކުގެމައްޗަށް ޢަޛާބް ޙައްޤު ވެގެންވެއެވެ. އަދި اللَّه، ނިކަމެތިކުރެއްވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް މާތްކޮށްހިތާނެ މީހަކު ނުވެތެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ." 

މިއާޔަތުން އެނގެނީ ތިބާ ރުހުނު ނަމަވެސް ނުރުހުނު ނަމަވެސް ތިބާގެ ހިޔަނި ﷲ ތަޢަލާއަށް ސަޖިދަކުރާނެ ކަމެވެ. ހިޔަނި ވޭހެއްޔެވެ؟ ވީއިރު ތިބާގެ އިޒުނަ އާއި ނުލައި ސަޖިދަ ކުރާނެއެވެ. ވީއިރު މާގަދަފަދަ މީހަކަށް ވެގެން ދުނިޔޭގައި އުޅޭއިރު ތިބާގެ އަތުގައި ވަނީ ކޮން ބާރެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން އަމިއްލަ ހިޔަންޏަށްވެސް އެއްވެސް ބާރެއް ނުފޯރުވެއެވެ. 

މީސްތަކުންނޭވެ! އަމިއްލަ ނިކަމެތިކަން އަމިއްލައަށް ޤަބޫލުކުރާށެވެ! ވީހައި ގިނައިން ﷲ ތަޢާލާއަށް ސަޖިދަކުރާ މީހަކަށްވާށެވެ! އަހަރެމެން އެކަކު އަނެކަކަށް ވާދަކުރަންވީ އެކަމުގައެވެ. ސަޖިދަ ކުރުމުގައެވެ! ކާމިޔާބު ލިބިގެންވާ މީހަކީ ސަޖިދަ ކުރުމުގައި ކާމިޔާބު ހޯދައިފި މީހެކެވެ. 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން