އަހުރެމެންގެ ދިރިއުޅުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ކުރެވޭ ކަމެއް ކަމަށް ހަދަން ބޭނުންވާ މީހާ ވިސްނަންވާނީ ހަމައެކަނި ކުރާ ޢަމަލުތަކާއިމެދުގައި އެކަންޏެއް ނޫނެވެ. ބުނެވޭ ބަސްތަކާއިމެދުގައިވެސް ވިސްނަންވާނެއެވެ. އަދި ބޮޑަށް ވިސްނަންވީވެސް ބުނެވޭ ބަސްތަކާއިމެދުގައިކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ.
އެކަމުގެ ސަބަބަކީ މީހަކަށް އެންމެ ގިނައިން ކުރެވޭނެ ކަމަކީ ދުލުން ބަސްބުނުން ކަމުގައިވާތީއެވެ. އަބަދުހެން އޮންނާނީ ކޮންމެވެސް ބަހެއް ބުނަންޖެހިފައި ކަމަށްވާތީއެވެ. މިއީ ޢާއިލީ ދިރިއުޅުމުގައިވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަންތަކެވެ. ޚާއްޞަކޮށް އަންހެނުންނަށެވެ.
އަންހެނުންނަށް ކަމަށް މިބުނަނީ ކައިވެންޏަސްފަހު ގިނައިން އުޅެންޖެހިފައި އޮންނާނީ ފިރިމީހާގެ ޢާއިލާ އާއިއެކުގައެވެ. ބައެއް ގޭގެއިން ތިމާއަށް އަމާޒުވާނީ އަޑުއަހަން ފަސޭހަ ބަސްތަކެއް ނޫނެވެ. އަދި ބަލައިގަންނަން ފަސޭހަ ކަންކަމެއްވެސް ނޫނެވެ. ވީމާ ތިމާގެ ދުލުން ބުނެވޭ ބަސްތަކަށް ދޭސަމާލުކަން އިތުރުކުރަން އެބަ ޖެހެއެވެ.
ތިމާގެ ދުލުން ނުބައި ބަހެއް ނުބުނާނަމަ އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާނެކަން އަބަދުވެސް ހިތުގައި ބާއްވަން ވާނެއެވެ. އިވޭ އަޑުތަކަށް ކޮންމެހެން ޖަވާބު ދިނުމެއްވެސް ނެތެވެ. އަދި ޖަވާބުދޭން ޖެހޭ ޙާލަތުގައިވެސް ހެޔޮ ބަހެއް ނޫނީ ދުލުން ނުބުނާށެވެ. ތިބާގެ ފަތުގައި އެންމެ ޕޮއިންޓެއްވެސް ތިބާއަށް މައިނަސްވިޔަނުދޭށެވެ. (ފާފައިގެ ކޮޅަށް ބުރަވެދާނެ އެންމެ ބަހެއްވެސް ނުބުނާށެވެ.)
އެއިރުން ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދާނީ އުފުލެމުންނެވެ. އެމީހުން އެބުނާ ނުބައިބަސްތައްވެސް ﷲ ތަޢާލާ ވޮޑިގެންވެއެވެ. އުފައްދާ ފިތުނަތައްވެސް ދެނެވޮޑިގެންވެއެވެ. އެކަންކަމަށް ވިސްނައި ތިބާގެ ބަސްމަގާއި ޢަމަލުތައް ސީދާ ކުރުމުން ﷲ ތަޢާލާ އަށް ނަޞްރު ދެއްވަވާނެތެވެ. ހީވެސް ނުކުރެވޭހައި ގޮތް ގޮތުން ހަސަދަވެރިން ބަލިކުރައްވައި ނިކަމެތި ކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން