ކައިވެނި ރޫލިގެންވެސް އަދި ލޯބިވެރިޔާ ގެއްލުމުންވެސް ދެވަނަ ގުޅުމަކަށް ނުފަށާ މަޑުކޮށްލާ މީހުންނަށް ދެރަބަސް ނުބުނަންވީ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކައިވެނި ރޫލިގެންވެސް އަދި ލޯބިވެރިޔާ ގެއްލުމުންވެސް ދެވަނަ ގުޅުމަކަށް ނުފަށާ މަޑުކޮށްލާ މީހުންނަށް ދެރަބަސް ނުބުނަންވީ ސަބަބު-

ކައިވެނިކޮށްގެން ދިރިއުޅެމުން ދަނިކޮށް ކައިވެނި ރޫޅުނަސް، އަދި ލޯބިވެގެން އެކުގައި އުޅެނިކޮށް ގުޅުން ކެނޑުނަސް އެކަކު އިތުރު ކަމެއް ނުކޮށް ތަނަކޮޅެއް ގިނަ ދުވަހު މަޑުކުރާކަން އެއީ ފާހަގަ ކުރެވޭ ކަމެކެވެ. އަދި އެކަމުގެ ވާހަކަ އެމީހަކަށް ވިސްނޭ ގޮތަށް ދައްކައިވެސް އުޅެއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި އެއީ އޭނާގެ ބަލިކަށިކަމެވެ. ނުވަތަ އުނިސިފައެކެވެ. ނަމަވެސް އަހުރެންގެ ވިސްނުމުގައި އެކަން ތަފާތެވެ. އަހުރެންނަށް ވިސްނޭ ގޮތުން އިތުރު ކައިވެންޏެއް ނުކޮށް ނުވަތަ ލޯބިވެރިއަކު ނުހޯދައި ދުވަސްކޮޅަކު މަޑުކުރަނީ އެކަމުން އަނިޔާ ލިބުނު މީހާއެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ އަސަރު ފިލުވައިލެވެންދެން ކެތްތެރިވެ މަޑުކޮށްލަނީއެވެ. 

ދެވަނަ ގުޅުމަކަށް އަވަސްވެގަންނަނީ ބޭވަފާތެރިވި މީހާއެވެ. ބޭވަފާތެރިވި މީހާ އޭނާ ބޭނުންވާ އުފާތައް ނުހޯދައި އެންމެ ދުވަހަކުވެސް ހުންނާކަށް ބޭނުމެއް ނުވާނެއެވެ. އަދި އޭނާ ބޭވަފާތެރިވާނީވެސް ދެވަނަ ގޮތެއް ހޯދުމަށްފަހުގައެވެ. އެގުޅުމުގެ ތެރެއިންނެވެ. 

މިނޫން ގޮތަކަށްވެސް ކަމެއް ހިނގާފައި ނުވާނެކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް 99 އިންސައްތަ ފަހަރު ކަންކަން ހިނގާފައި ހުންނަނީ މިބުނި ގޮތަށެވެ. ވީމާ މިބުނި ފަދަ ދެ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވުމުން މަޑުކޮށްލައިގެން ހުންނަ މީހާއަށް ދެރަބަސް ނުބުނާށެވެ. އެފަދަ އަޑުތައް އޭނާއަށް އިއްވުމަކީވެސް ދެވޭ އަނިޔާއަކަށް ނޫނީ ނުވާނެއެވެ. 

- އަލަފް

މިއަދު އޮންލައިން