ދެމަފިރިންގެ ގުޅުން ބަދަހިކޮށްދޭނެ ބައެއް ކާނާ އާއި ކޮންމެހެން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ދެމަފިރިންގެ ގުޅުން ބަދަހިކޮށްދޭނެ ބައެއް ކާނާ އާއި ކޮންމެހެން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-

ދެމަފިރިން އެއްދާންކުރުމުގަ ޖެހޭ މައްސަލަތައް ޙައްލުކުރަންވެސް ދެމަފިރިންގެ ގުޅުން ބަދަހިކުރަންވެސް ކުރަންޖެހޭނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެއްދާން ކުރުމުގެ މައްސަލަތައް ޙައްލަކުރުމަށްޓަކައި އޮތީ ހަމައެކަނި ބޭސް ބޭނުންކުރުމެއް ނޫނެވެ. ކާތަކެއްޗާއި ކެއުންބުއިމުގެ ޢާދަތައްވެސް އެކަންކަމުގައި އެހީތެރިވެދެއެވެ. 

އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޢާއިލާތައް ރޫޅުމެވެ. ވަރިގިނަވުމެވެ. އެކަމުގެ އެންމެ ޢާންމު އެއް މައްސަލައަކީ ދެމަފިރިންގެ ގުޅުމެވެ. ދެމަފިރިންގެ ގުޅުމަށް ކުރިމަތިވާ އެންމެ ޢާންމު އެއް މައްސަލައަކީ ދެމަފިރިން އެކުގައި އެއްދާންކުރުމުގެ މައްސަލަތަކެވެ. 

އެއްދާން ކުރުމުގައި ދެބާވަތެއްގެ މައްސަލަ ފާހަގަކުރެވެއެވެ. އެއް ބާވަތަކީ ދެމަފިރިން އެކުގައި ނުނިދުމެވެ. އަނބިމީހާ ނިދާފަހުން ފިރިން ގެއަށް އައުމެވެ. ދެވަނަ ބާވަތަކީ އެކުގައި އެއްދާން ކުރުމުގައި ދިމާވާ މައްސަލަތަކެވެ. 

މިފަދަ ވާހަކަ ދެއްކުމުން މިއީ ދީނީ ޢިލްމުވެރިން ދައްކަން އެކަށީގެން ނުވާ ވާހަކަތައް ކަމަށް ހީކުރެވިދާނެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މިކަންކަމުގެ ވާހަކަތައް ދައްކަން އެބަޖެހެއެވެ. މުޖުތަމައު ސަލާމަތްކުރެވެން އޮތީ މިވާހަކަތައް ދައްކައިގެން ކަމުގައިވާތީއެވެ. 

ވަރިގިނަވާވަރަކަށް ފާހިޝް އަމަލުތައް ކުރެވުން ގިނަވެއެވެ. ލިބިފައިތިބޭ ދަރިން ނިކަމެތިވެ ތަރުބިއްޔަތު ނުކުރެވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. ވީމާ މިއީ ދީނާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ޤަބޫލުކުރަން އެބަ ޖެހެއެވެ. 

މިގޮތުން ދެމަފިރިންގެ ގުޅުން ބަދަހިގޮތުގައި ދަމަހައްޓަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށް ކައިބޮއި ހެދުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން އެބަޖެހެއެވެ. ބޭރުން ކެއުން މަދުކޮށް ދެމަފިރިން އެކުގައި ކައިބޮއިހެދުން ގިނަކުރަންޖެހެއެވެ. އަދި ކީއްހެއްޔެވެ؟ އިސްލާމް ދީނުގައިވާފަދައިން ލަސްލަހުން ކައިބޮއި ހެދުމަކީ ދެމަފިރިންގެ ގުޅުމަށް ބޭނުންވާ ޞިއްޙީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތައް އަންނަ ކަމެއްކަން މިހާރުގެ ހޯދުންތަކުން ވަނީ އެނގިފައެވެ. ހަމައެއާއިއެކު ނިދި ފުރިހަމައަށް ލިބެންޖެހެއެވެ. 

އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. ދެމަފިރިންގެ ގުޅުމަށް ބޭނުންވާ ޞިއްޙީ ދުޅަހެޔޮ ކަމަށް ވައްތީނި، ދޮންކެޔޮ އަދި އެވޮކާޑޯ ފަދަ ބާވަތްތައް އެހީތެރިވެދޭކަން ވެސް މިހާރުގެ ހޯދުންތަކުން އެނގެއެވެ. ވީމާ ދުޅަހެޔޮ ޞިއްހަތެއްގައި ތިބުމަށް ލިބޭ މިންވަރަކުން މިފަދަ ފައިދާހުރި ތަކެތި ބޭނުންކުރާށެވެ. ޞިއްހަތަށް ފައިދާ ނުކުރާނެ ބޭކާރުތަކެތި ކެއުމާއި ބޭރުން ކެއުން މަދުކުރުމުން މިފަދަ ތަކެތި ގަންނާނެ ފައިސާ ބާކީކުރެވޭނެއެވެ. 

ނާރުތަކުގެ ބާރުގަދަކުރަން ހަދާފައި ހުންނަ ބޭސް ބޭނުންކުރުމުން ލިބޭ ގެއްލުން މާބޮޑެވެ. ވަގުތީ ގޮތުން ފައިދާއެއް ކުރިނަމަވެސް ގިނައިން ބޭނުންކުރަން ފެށުމުން ލިބޭ ގެއްލުން މާބޮޑުވާކަން ދިރާސާތަކުން އެނގެއެވެ. 

ވީމާ ދެމަފިރިން ވެސް ދުޅަހެޔޮކަންމަތީގައި ތިބުމަށާއި ގުޅުން ބަދަހިކުރަން މިބުނެދިން ކަންކަމަށް ސަމާލުކަންދޭށެވެ. 

1 ރޭގަނޑުގެ ވަގުތުތައް ބޭކާރުގޮތުގައި ހޭދަނުކޮށް އަވަހަށް ނިދުން

2 ދެމަފިރިން އެކުގައި ނިދަން އޮށޯތުން

3 ދެމަފިރިން އެކުގައި ކައިބޮއިހެދުމާއި ލަސްލަހުން ކެއުން

4 ވައްތީނި، ދޮންކެޔޮ، އެވޮކާޑޯ ފަދަ ތަކެތި ކެއުން

5 ނާރުތަކުގެ ބާރުގަދަކުރަން ހަދާފައި ހުންނަ ބޭސް ބޭނުން ނުކުރުން

6 މަސްތުވާ އެއްޗެއް ބޭނުން ނުކުރުން

މިކަމުގައި ކުޑަބަހެއް ބުނެލާނަމެވެ. މަސްތުވާ އެއްޗެއް (ބަނގުރާ ނަމަވެސް) ކިތަންމެ ކުޑަ މިންވަރަކަށް ބޭނުންކުރިނަމަވެސް ސިކުނޑިއަށް ގެއްލުންދެއެވެ. އެކަމުގެ ނަތީޖާއަކަށްވަނީ ނާރުތަކުގެ ބާރު ދެރަވެ ޖިންސީ ގޮތުން ބަލިކަށިވުމެވެ.

މިކަންކަމަށް ސަމާލުކަން ދިނުމާއިއެކު ދެމަފިރިންނަށް ހުރިހާ ގޮތަކުންވެސް ދުޅަހެޔޮ ޞިއްހަތެއް ދެއްވަވައި ޢުމުރަށް ލޯބިން އެކުގައި ލެއްވެވުން އެދި ދުޢާކުރަންވާނެއެވެ! ﷲ ތަޢާލާއީ އެކަލާނގެއަށް ކިޔަމަންތެރިވެ ތިބެ ކުރާ ދުޢާ ޢިޖާބަކުރައްވަވައި ހެޔޮ ރަހްމަތް ލައްވަވާ ރަސްކަލާނގެއެވެ. އަދި ބޭނުންވާ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރުމުން އުފާފުޅުވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ވީމާ ބޭނުންވާ ކޮންމެ ކަމަކަށް އެދިގެންވެސް އޮތީ ގިނަގިނައިން ދުޢާކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން