ﷲ ތަޢާލާ ޝިފާ ދެއްވަވާނެކަމުގެ ޔަޤީންކަމުގަ ޘާބިތުވި މީހެއްގެ ފުރާނަ ސަލާމަތްވި ސަބަބުގެ ވާހަކަ- ރަޙްމަތުން އުންމީދު ކަނޑާލައިގެން ނުވާނެ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ﷲ ތަޢާލާ ޝިފާ ދެއްވަވާނެކަމުގެ ޔަޤީންކަމުގަ ޘާބިތުވި މީހެއްގެ ފުރާނަ ސަލާމަތްވި ސަބަބުގެ ވާހަކަ- ރަޙްމަތުން އުންމީދު ކަނޑާލައިގެން ނުވާނެ ސަބަބު!

އަހުރެން ފުރަތަމަ މިވާހަކަ އަޑުއަހާށެވެ!  

މީހަކު އޮޕަރޭޝަނެއް ކުރަންޖެހުނެވެ. އޭނާ ޝިފާއަށް އެދި ދުޢާކުރިއެވެ. ޤުރްއާން ކިޔެވިއެވެ. އެހެން އަޅުކަންވެސް ކުރިއެވެ. އެކަމަކުވެސް ޖެހުނީ އޭނާ އޮޕަރޭޝަންކުރާށެވެ. 

އޭނާ މާޔޫސެއް ނުވެއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު އިތުބާރު ކަނޑައެއް ނުލައެވެ. 

އޮޕަރޭޝަނަށްފަހު ޑޮކްޓަރުން ބުނީ ޝައްކުވެގެން ފަރުވާދޭން އުޅުނު ބަލި އޭނާގެ ކިބައިގައި ނެތްކަމަށެވެ. ނަމަވެސް ކުރިން ޝައްކުވެސް ނުކުރެވި އޮތް މާނުރައްކާ މައްސަލައެއް ފެނުނު ކަމަށާއި އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ އޮޕަރޭޝަން ކުރިކަމުން ކަމަށެވެ. ނުއެނގި ގިނަދުވަސްތަކެއް ފާއިތުވިނަމަ ފުރާނަ ސަލާމަތް ނުކުރެވުން ވަރަށް ކައިރި ކަމަށެވެ. 

މީސްތަކުންނޭވެ! މިފަދަ އެތައް ބައިވަރު ޙާދިސާތަކެއް ކޮންމެ ދުވަހަކުވެސް ހިނގައެވެ. އެކަމަކު މީސްތަކުން ޣާފިލުވެފައިތިބޭވަރުން މިފަދަ ކަންކަމަށް ވިސްނައިނުލެވެނީއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އިތުބާރުކޮށް، ތެދުވެރިކަންމަތީގައި ތިބޭ އަޅުންނަށް އަބަދުވެސް ދާނީ ހެޔޮ ގޮތްތައް މެދުވެރިވަމުންނެވެ. 

މިވާހަކަ ދައްކަން މިޖެހެނީ ވަރަށް ގިނައިން ކުރެވޭ ސުވާލަކާއި ގުޅިގެންނެވެ. ބަލިވުމުން  ޝިފާއަށް އެދި އަހުރެން ޤުރްއާން ކިޔަވައިފީމެވެ. އެކަމަކުވެސް ޝިފާއެއް ނުލިބުނެވެ. ޖެހެނީ ބޭސްކެއުން ފަދަ ކަންކަން ކުރާށެވެ. އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟

އެހެން އެކަންވުމަށް މެދުވެރިވާ ސަބަބު ބަޔާކުރައްވަވައި އިބްން އަލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ފުރަތަމަ ކަމަކަށް ތިމާއަށް ﷲ ތަޢާލާ ޝިފާ ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައި ކިޔަވާށެވެ. ދެވަނަ ކަމަކަށް އެމީހާއަކީ ﷲ ތަޢާލާއަށް ތެދުވެރި، އިކްލާޞްތެރި އަޅަކަށްވާށެވެ."  

އަހުރެން ބުނަމެވެ. ޝިފާއަށް އެދި ޤުރްއާން ކިޔަވަންވީވެސް، ދުޢާކުރަންވީވެސް އެންމެ ފަހަކުން ނޫނެވެ. އެންމެކުރިންނެވެ. ބޭސްކުރުމާއި ދެން ކުރަންހުރި ކަންކަންކޮށް ސަބަބުތަކުގައި ހިފެހެއްޓުމަކީ އެއިގެ ފަހަތުން ކުރަންހުރި ކަންކަމެވެ. ނަމަވެސް މިއަދު އަހުރެމެންނަށް ކަންކަން ކުރެވެނީ އެގޮތަކަށް ނޫނެވެ. ޤުރްއާން ކިޔެވުމާއި ދުޢާކުރުން ވެފައި އޮންނަނީ ދެން އެހެން ގޮތެއް ނެތުމުން ކުރާކަމަކަށެވެ.

އެހެން ނުހަދާށެވެ! ބަލިވިނަމަވެސް އަދި އެހެންކަމެއް މެދުވެރިވިނަމަވެސް އެހީތެރިކަމަށް އެދި ފުރަތަމަ ދަންނަވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި ހަދާށެވެ! އަދި މާޔޫސްނުވެ ޘާބިތުވާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް ޔަޤީންކުރާށެވެ! އެމީހަކަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

- މަޢުލޫމާތު: ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން