ޝައިޠޯނާ އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަންދޭނީ އަންހެނުން މަގު ފުރެއްދުމަށެވެ. ސަބަބަކީ އަންހެނަކު މަގުފުރެއްދިއްޖެނަމަ އޭނާގެ ސަބަބުން އެތައްބައިވަރު އިތުރު ބައަކު ލައްވައި ފާފަކުރުވަން ޝައިޠޯނުންނަށް ފަސޭހަވެގެންދާނެތީއެވެ.
މިބުނި ބަހުގެ ތެދުކަން އެއީ ޝައްކުކުރަންޖެހޭނެ ކަމެއް ނޫނެވެ. އެކަމުގެ ހެކިތައް އަބަދުވެސް މިދަނީ ފެންނަމުންނެވެ.
ދެމަފިރިންގެ މެދުގައި މައްސަލަތައް ޖައްސުވަންވެސް ޝައިޠޯނާ އެއުކުޅު ބޭނުންކުރާނެއެވެ. ފިރިންނަށް އެހައި ފަސޭހައިން ގުޅޭނެ އަންހެނުން ލިބޭ ސަބަބަކީ ވެސް އެއީއެވެ. ގިނަ ފަހަރު އެއަންހެނަކަށް ފުރަތަމަ ވާނުވާވެސް ނުއެނގޭނެއެވެ. ހުންނާނީ އަވާމެންދުރެއްގައެވެ. އެފިރިހެނަކާއި ގުޅެވިއްޖެނަމަ ކުރާނެ ފައިދާތައް ވިސްނޭވަރުން އެކަން ކާމިޔާބު ނުވަނީސް ރަނގަޅަށް ނުވެސް ނިދޭނެއެވެ.
އެއީ ރަނގަޅު ދިރިއުޅެމުން އަންނަ ފިރިއެއް ކަމާއި މިކުރެވޭ ކަމަކީ ތިމާފަދަ އެހެން އަންހެނަކަށް ބޮޑު ދެރައެއް ދިނުންކަން ހިތަށްވެސް ނުއަރާނެއެވެ. އަދި ފަހުން އުފުލަންޖެހޭނެ ތަކްލީފްތަކާއި ލިބިދާނެ ހިތްދަތިކަމާއިމެދު ވިސްނައިވެސް ނުލެވޭނެއެވެ. ސަބަބަކީ ޝައިޠޯނުން މަންޒަރު ގިރިޓީކުރާލެއް ބޮޑުކަމުންނެވެ.
އެހެންވެ ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި ދެމަފިރިންގެ ދޭތެރެއަށް ވަދެގަންނަ އަންހެނުންނަށް އެވެވެނީ ޝައިޠޯނުންގެ އެޖެންޓުންނަށެވެ. ނުވަތަ ބައިވެރިންނަށެވެ. ވީމާ މިކަންކަމަކީ އަންހެނުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ. އެދެމަފިރިންގެ ދިރިއުޅުން ތިމާ ލައްވައި ހަލާކުކޮށްލުވި ފަދައިން ތިމާގެ ދިރިއުޅުންވެސް ބޮޑު ބިލާހަކަށް ހަދައިލާނެކަމާއިމެދު ވިސްނަންވާނެއެވެ.
މިކަންކަމަކީ އަބަދުހެން ގިނަބއަކަށް ކުރަންޖެހޭ ތަޖުރިބާއެއްކަން ޤަބޫލުކުރެވޭއިރުވެސް ސަމާލުކަން ނުދެވެނީ ހަމަ ޝައިޠޯނާގެ ސަބަބުންނެވެ. އޮތީ ވިސްނައި ހޭލުންތެރިވާން މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން