ކޮމާޝަލް ބޭންކްތަކުން ލިބޭ ފައިދާއަށް ބިރުވެތިވާންޖެހޭނެ! ބޭނުންކުރަން ހެޔޮނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ކޮމާޝަލް ބޭންކްތަކުން ލިބޭ ފައިދާއަށް ބިރުވެތިވާންޖެހޭނެ! ބޭނުންކުރަން ހެޔޮނުވާނެ!: މުފްތީ މެންކް

ކޮމާޝަލް ބޭންކްތަކުން ކޮންމެ އަހަރަކު ފައިދާގެ ގޮތުގައި ޖަމާކުރާ ފައިސާ ބޭނުންކުރުން ހުއްދަވާނެތޯ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ ރާއްޖޭގައިވެސް މިހާރު އިސްލާމިކް 2 ބޭންކް ހުރުމުން އަވަހަށް އެކައުންޓް އިސްލާމިކް ބޭންކަކަށް ބަދަލުކޮށްލާށެވެ. އަދި ތިރީގައިވާ ލިޔުމުން ސުވާލުގެ ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ބައެއް ޤައުމުތަކުގެ ޤާނޫނުތައް ހަދާފައި ހުންނަނީ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ އިމުގެ ތެރެއަކުން ނޫނެވެ. އެފަދަ ޤައުމުތަކުގައި ކޮމާޝަލް ބޭންކްތައް ހިންގައެވެ. ތިބާ ދިރިއުޅޭ ޤައުމަކީ އެފަދަ ޤާނޫނުތައް ހަދައި ހިންގާ ޤައުމަކަށްވެދާނެއެވެ. އެހެންވެއްޖެނަމަ އެފަދަ ބޭންކެއްގައި އެކައުންޓް ހުޅުވަން މަޖުބޫރުވެދާނެއެވެ. 

އެޙާލަތުގައި ކޮމާޝަލް ބޭންކެއްގައި އެކައުންޓެއް ހުޅުވިނަމަވެސް އެކައުންޓުގައި ހުންނަ ފައިސާއަށް ބަލައި ފައިދާގެ ގޮތުގައި ބޭންކުން ޖަމާކުރާ ފައިސާ ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެއީ ކަނޑައެޅިގެން ރިބާއެވެ. ކިތަންމެ ކުޑަމިންވަރެއް ބޭންކުން ޖަމާކުރި ނަމަވެސްމެއެވެ. 

އެގޮތަށް ޖަމާކުރާ ފައސާ އެކައުންޓުންނަގައި ފަޤީރަކަށް ޞަދަޤާތްކުރާށެވެ. ތިބާ އެއިން ބޭނުން ނުކުރާށެވެ. ކުރިން ބުނި ފަދައިން އެއިން ކިތަންމެ ކުޑަމިންވަރެއް ނަމަވެސް އަމިއްލައަށް ބޭނުން ނުކުރާށެވެ! ރިބާގެ ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ބޭނުންކުރުމަކީ އެންމެ ބޮޑެތި ޙަރާމް ކަންތަކުގެ ތެރެއިން ހިމެނޭ އެންމެ ބޮޑު އެއް ފާފައެވެ. 

މީސްތަކުންނޭވެ! ރިބާގެ ކިތަންމެ ކުޑަ މިންވަރެއް ބޭނުންކުރި ނަމަވެސް އެކަމަކީ ބޮޑުވެގެންވާ މުޞީބާތެއްގެ ގޮތުގައި ދެދުނިޔޭގައިވެސް އެމީހަކަށް ފެނިގެންދާނެއެވެ. ވީމާ އެއީ ކިތަންމެހައިވެސް ބިރުހުރި ކަމެކެވެ. 

ހަމައެއާއިއެކު ކިތަންމެ ބޮޑު ކަމެއް ޖެހުނު ނަމަވެސް ކިތަންމެ ގާތް މީހެއްގެ އަތުން ނަމަވެސް ދަރަންޏަށް ނަގާ ފައިސާގެ އަދަދަށްވުރެ އިތުރަށް އެއްވެސް މިންވަރެއް ދޭންޖެހޭނެ ގޮތަށް ފައިސާ ނުނަގާށެވެ. އިތުރަށް އެދެވެނީ ރިބާއެވެ. ފައިސާ ދިން މީހާއަށް އެފައިސާ ޙަރާމްވާ ފަދައިން އިތުރަށް ދިނުންވެސް ހަމަ ޙަރާމެވެ. 

ވީމާ މިކަންކަމަށް ވިސްނައި ބިރުވެތިވާށެވެ! ﷲ ތަޢާލާގެ ކޯފާ އެމީހަކަށް ލައްވަވާނީ ކޮންފަދައަކުން ކަމެއް ނުއެނގޭނެއެވެ. އަދި އާޚިރަތް ދުވަހު ކުރިމަތިލާންޖެހޭނީ ކިހައިވަރެއްގެ ގަދަފަދަ ޢަޛާބަކާއި ކަމެއްވެސް ނުއެނގޭނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން 

(ކޮމާޝަލް ބޭންކަކީ އިސްލާމިކް ބޭންކިންގ ނިޒާމުން ބޭރުން ހިންގާ ބޭންކެވެ. ރާއްޖޭގައި ހުރީ އިސްލާމީ ބޭންކިންގ ނިޒާމުން ހިންގާ އެންމެ 2 ބޭންކެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ބީއެމްއެލް އިސްލާމިކް އެވެ. ބޭންކް އޮފް މޯލްޑިވްސްއާއި ދެންހުރި ބޭންކްތަކަކީ ވެސް ކޮމާޝަލް ބޭންކެވެ.)

މިއަދު އޮންލައިން