ކާމިޔާބާ ނަޞީބުލިބެން އެދޭމީހާ ފުރަތަމަ ޢިޖާބަދޭންޖެހޭ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކާމިޔާބާ ނަޞީބުލިބެން އެދޭމީހާ ފުރަތަމަ ޢިޖާބަދޭންޖެހޭ ކަންތައް-

ﷲ ތަޢާލާއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އެއްވެސް މީހެއްގެ ކިބައަކުންވެސް އަދި އެއްވެސް އެހެން ފަރާތަކުންވެސް ﷲ ތަޢާލާ އެއްވެސްކަމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. 

ކޮންމެ ނަމާދެއްގެ ބަންގީގައި ކާމިޔާބާއި ނަޞީބު ލިބެން އެދޭމީހާ ނަމާދަށް އައުމަށް ގޮވައިލެވެއެވެ. ފަތިސްނަމާދުގެ ބަންގީގައި ނިދާފައި އޮތުމަށްވުރެ ހޭލައި ނަމާދުކުރުމުގެ ފައިދާ މާބޮޑުކަމަށް ގޮވައިލެވެއެވެ. 

އެއީ މީހަކު ނަމާދުކުރުމުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާ އެއްވެސް ކަމެއް އޮވެގެނެއް ނޫނެވެ. އަދި މީހަކު ނުވަތަ ދުނިޔޭގެ އެންމެން ނަމާދުނުކުރި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ޛައްރެއްގެ މިންވަރުވެސް އުނިވާނެތީއެއްވެސް ނޫނެވެ. 

އެގޮތަށް ގޮވައިލެވެނީ މީސްތަކުން ދެކެ ﷲ ތަޢާލާ ލޯބިފުޅުވެ ވޮޑިގަންނަވާ މިންވަރު ބޮޑުކަމުންނެވެ. މީސްތަކުންނަށް ރަހްމަތް ލެއްވެވުމަށެވެ. މީސްތަކުން ޢަމަލުކުރުމުން ޢަމަލުކުރާ މީހުން ސުވަރުގެ ވެއްދެވުމަށެވެ. 

﴿2﴾ اللَّهُ الصَّمَدُ 

"އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ."

(އަލް އިޚްލާޞް: 2) 

ކާމިޔާބާއި ނަޞީބު ލިބުން އޮތީ ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުންނެވެ. ވީމާ އެކަންކަމަށް އެދޭމީހާ ފުރަތަމަކަމަކަށްވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ! ޚާއްޞަކޮށް ކަންނެތްވެ ނިދަން ނޯވެ ފަތިސްނަމާދުކުރާ މީހަކަށްވާށެވެ! ފަތިސްނަމާދުގެ ބަންގީގައި އެކަމަށް ތަކުރާރުކޮށް ގޮވައިލެވެނީ ސަބަބެއް ނެތި ކަމަށް ހީނުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން