އެއްވެސް މުސްލިމަކަށް ކުރުން ހުއްދަވެގެން ނުވާ ކަންތައްތަކެއް އެބަހުއްޓެވެ. އެއިގެ ތެރެއިން އެއްކަމަކީ ތިމާގެ މުސްލިމް އަޚާއަކީ ތިމާއަށްވުރެ ދަށުދަރަޖައިގެ މީހަކު ކަމުގައި ހީކުރުމެވެ.
އޭނާއަކީ އަންހެނަކަށްވެސްވެދާނެއެވެ. އަދި ފިރިހެނަކަށްވެސް ވެދާނެއެވެ. ކޮންމެ ސިފައެއްގައި ހުރި މީހަކަށްވެސް ވެދާނެއެވެ. ކިތަންމެ ބޮޑު ނިކަމެއްޗަކުކަމުގައިވެސް ވެދާނެއެވެ. އަދި ތިބާއަކީ ހުރިހާ ކަމަކުން މާމަތީގައި ހުރި މީހަކަށްވެސް ވެދާނެއެވެ. މާގިނައިން އަޅުކަންކުރާ މީހަކު ކަމުގައިވެސް ވެދާނެއެވެ. އޭނާއަށްވުރެ މާގިނަ ނިޢުމަތްތައް ދެއްވަވާފައިވާ މީހަކަށްވެސް ވެދާނެއެވެ.
ދެމީހުންގެ ކިބައިގައި ދުނިޔަވީ ގޮތުން ކިތަންމެ ބޮޑު ތަފާތުތަކެއް ހުރިނަމަވެސް އަނެކާއަކީ ތިމާއަށްވުރެ ނިކަމެތިމީހަކު ކަމުގައި ދުށުން ﷲ ތަޢާލާ ވަނީ ވަރަށް ބޮޑަށް މަނާކުރައްވަވާފައެވެ. އަދި އެއީ ﷲ ތަޢާލާ ރުހިވޮޑިނުގެން ކޯފާ ލައްވަވާ ކަމެއްކަން އަލްޤަމަރު ސޫރަތުން އެނގިގެންދާނެއެވެ.
އަހުރެމެންނަށް ދުނިޔޭގައި ކިތަންމެ ގިނަ ނިޢުމަތްތަކެއް ދެއްވަޥާފައިވީނަމަވެސް އަހުރެމެންނަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އޮތީ ކޮންދަރަޖައެއްކަމެއް، އަދި އަނެކާއަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އޮތީ ކޮން ދަރަޖައެއް ކަމެއް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން