ބޭނުންތައް ނުފުދިގެން ޝަކުވާކުރާ މީހުން ފުރަތަމަ ކަމަކަށް ނިކަން ތިމާގެ ހިސާބުތައް މިކަންކަމުން އެކަނިވެސް ބަލައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބޭނުންތައް ނުފުދިގެން ޝަކުވާކުރާ މީހުން ފުރަތަމަ ކަމަކަށް ނިކަން ތިމާގެ ހިސާބުތައް މިކަންކަމުން އެކަނިވެސް ބަލައިލަބަލަ!

އެންމެ ގިނަބައެއްގެ ޝަކުވާއަކީ އެމީހަކު ޙާޞިލުކުރަން ބޭނުންވާ މިވެނި އެވެނި ކަންކަން ޙާޞިލު ނުކުރެވިހުރިކަމުގެ ޝަކުވާއެވެ. އެހެންވެ އެމީހުންނަށް ކުޑަ ބަހެއް ބުނެލާނަމެވެ. އަހުރެންވެސް ކުރަންހުރި ޝަކުވާ އެބަހުއްޓެވެ.

ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމާއި ހުއްދަކުރެއްވެވި ކަންކަން މުސްލިމުންނަށް އެނގެއެވެ. ޤުރްއާނާއި ސުންނަތްވެސް އެނގެއެވެ. ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވާ ކަންކަންވެސް އެނގެއެވެ. 

ﷲ ތަޢާލާ ބަނގުރާ ޙަރާމްކުރެއްވެވުމުން ޞަޙާބީން އެބޭކަލުންގެ ގެކޮޅުތަކުގައި ހުރި ބަނގުރާ ޖާޑިތައް ތަޅައިލީއެވެ. ބަނގުރާ ބުއިމަށް ދެވިހިފާފައި ތިބެމެ އެހިސާބުން އެކަންކުރުން އެކުގައި ނިންމައިލީއެވެ. އެއާއި ކައިރިވެސް ނުވީއެވެ. 

އަހުރެމެންގެ ކަންކަން މިއަދު ހުރި އެގޮތަށް ހެއްޔެވެ؟ ބަނގުރަލާއި ބެހޭ ގޮތުން ބާވައިލެއްވެވި ޙުކުމްފުޅުތަކަށް ބަދަލެއް އައީ ހެއްޔެވެ؟ ހަމަޤައިމުވެސް ﷲ ތަޢާލާގެ ޙަޟްރަތަކުން އެއްވެސް ބަދަލެއް ނައުދެއެވެ. 

ޒިނޭކުރުމާއި ބެހޭގޮތުންވެސް ކުރަންހުރީ ހަމަ މިސުވާލުތަކެވެ. ދޭންއޮތީވެސް ހަމަ މިޖަވާބެވެ. ދައްކަން އޮތީ ހަމަ އެއް ވާހަކައެކެވެ. ސުވާލަކީ ޒިނޭކުރަން ޖެހިލުންވަނީ ކިތައް މީހުން ހެއްޔެވެ؟ 

ދެން ބަލައިލަންވީ ނަމާދަށެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ މެންދުރުނަމާދުން ދުވަސް ފަށަން ހެއްޔެވެ؟ ނޫނީ ފަތިސްނަމާދުން ފަށަން ހެއްޔެވެ؟ އަހުރެމެންގެ ތެރެއިން ނަމާދުކުރާ ގިނަ މީހުންނަށްވެސް ދުވަސް ފެށެނީ ކޮން ނަމާދަކުން ހެއްޔެވެ؟ 

ފަތިސް ނަމާދު ނުކުރުމުން އެމީހަކަށް އެދުވަސް ގެއްލިގެންދިއައީކަން ކަނޑައެޅިގެން އެނގޭއިރު ފަތިސްނަމާދުނުކޮށް ހުރެގެން އެމީހަކު ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެން ކަންބޮޑުވުމަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ފުރަތަމަ ކަމަކަށް ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރާށެވެ. އެކަންކުރާ މީހެއްގެ ހިތުގައި އެއްވެސް ޝަކުވާއެއް ނުއޮންނާނެއެވެ. އެހެނީ ނުވެހުރިކަމެއް ނުވެހުރީ ކީއްވެގެންކަން އެމީހަކަށް ރަނގަޅަށް ޤަބޫލުކުރެވޭނެތީއެވެ. ﷲ ތަޢާލާގެ އިރާދަފުޅާއިމެދު ޝަކުވާނުކުރާނެތީއެވެ. ދެއްވަވާ މިންވަރަށް ޝުކުރުވެރިވާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން