ބިރުވެތިވެބަލަ! އަނބިމީހާ ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދުނުކޮށް ނިކަމެތިކުރާމީހާ މާބޮޑަށް ނިކަމެތިކުރައްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ބިރުވެތިވެބަލަ! އަނބިމީހާ ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދުނުކޮށް ނިކަމެތިކުރާމީހާ މާބޮޑަށް ނިކަމެތިކުރައްވަވާނެ!

ކޮންމެ މީހެއްގެ ދިރިއުޅުމަށް ބެލިނަމަވެސް އެންމެ މުހިންމު އެއްކަމަކީ ފުދިގެން ދިރިއުޅެވުމެވެ. އެންމެންވެސް މަސައްކަތް މިކުރަނީ އެކަމަށެވެ. އެހެންކަމަށްވާއިރު ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އަތްމަތިވުން މިންވަރުކުރައްވަވައިފާނެ ސަބަބުތަކާއި ދުރުހެލިވެ ހުންނަން މަސައްކަތްކުރަން އެބަޖެހެއެވެ.

އަތްމަތި ދަތިވުމުގެ މައްސަލައަކީ އަބަދުވެސް އޮންނަ މައްސަލައެކެވެ. މިހާރު މިވަނީ އެކަން އިންތިހާއަށް ބޮޑުވެފައެވެ. އެހެންވެ ކޮންމެ ދުވަހަކުހެން އެތައް ބައަކު އެކަމުގެ ކަންބޮޑުވުން ފައުޅުކުރެއެވެ. ކިޔާނެ ޛިކުރަކަށް އެދެއެވެ. ކުރާނެ ދުޢާއަށްވެސް އެދެއެވެ.

އަތްމަތި ތަނަވަސްކޮށްދެއްވެވުން އެދި ކުރަންހުރި ކަންކަން ސުންނަތުން އެނގެން އެބަހުއްޓެވެ. ނަމަވެސް އަހަރެންގެ ހުށަހެޅުމަކީ ދުޢާކުރުމުގެ ކުރިން ފުރަތަމަކަމަކަށް ތިމާއަކީ ﷲ ތަޢާލާގެ ރަޙްމަތް ޙައްޤުވާ މީހަކުކަމުގައިވުމެވެ. ތިބާއަދާނުކުރެވޭ ޒިންމާއެއް އޮތްނަމަ އެކަން ފުރިހަމަ ކުރުމެވެ.

ދިރިއުޅުމުގެ ކަންކަން ދަތިވާނަމަ ފުރަތަމަވެސް ވިސްނަންވީ އެހެން މީހަކަށް އެއްވެސް އަނިޔާއެއް ދެވިފައިވާ ކަމާއިމެދުގައެވެ. ރަނގަޅަށް ވިސްނާށެވެ. އަދި އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ އަވަހަށް ގޮސް އެމީހެއްގެ ކިބައިން މަޢާފަށް އެދި ހިތް ޙަލާލް ހޯދާށެވެ! ތިބާއަށް ކުރިމަތިވަމުންދާ މުޞީބާތްތަކަކީ ތިބާއަށް އެހެން މީހަކަށް ކުރެވިފައިވާ ކުށެއްގެ ސަބަބުން ލިބޭ އަނިޔާއެއް ކަމަށްވެދާނެއެވެ.

ޚާއްޞަކޮށް ތިބާގެ އަނބިދަރިންނަށާއި މައިންބަފައިންނަށް އަނިޔާއެއް ކުރެވިފައިވާނަމަ އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. މައްސަލައެއް ކުރިމަތިވެގެން ދެމަފިރިން ވަކިވާ ނަމަވެސް ޞުލްޙަވެރިކަމާއިއެކު ރިވެތި ގޮތުގައި ވަކިވާން އޮންނަނީ މިސަބަބަށްޓަކައެވެ.

ދެމަފިރިން ވަކިވުމަށްފަހު ދަރިންނަށް އިހްމާލް ވެވޭނަމަ އެކަން ވާނީ ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. އެ އަނިޔާގެ ހިތިކަން ތިމާގެ ޙަޔާތަށް ފޯރާނެކަމަށް ބަލައި އަބަދުވެސް ބިރުވެތިވާން ޖެހޭނެއެވެ! ވީމާ އަމިއްލަ ދިރިއުޅުމުގެ ކަންކަން ދަތިވަމުން އަންނަ ނަމަ މިފަދަ ހުރިހާ ކަމަކަށް ވިސްނަންވާނެއެވެ! އަނބިދަރިންނާއި މައިންބަފައިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރެވޭކަން ކަށަވަރުކުރާށެވެ. ނޫން ނަމަ އެކަމުގެ ހިތިކަން ތިމާގެ އަމިއްލަ ހަޔާތުން ފެންނާނެއެވެ! އުފާވެރިކަމެއް ނުލިބޭނެއެވެ! އެއީ ވަރަށް ބިރުހުރި ކަމެކެވެ!

ބައެއް މީހުންނަށް ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުމުން ކަންބޮޑުވެގެން އުޅެއެވެ. ހިތާމައަކީ މިފަދަ ބައެއް މީހުންނަށް އެހެން މީހުންނާއިމެދު އެމީހުންނަށް ކަންކަން ކުރެވިފައި ހުންނަ ގޮތާއިމެދު ވިސްނައި ނުލެވޭކަމެވެ. މީހަކަށް މުޞީބާތްތަކެއް ކުރިމަތިވުމަށްފަހު ތިމާއަށް އެންމެ އަރާމާއި އުފަލުގައި ދިރިއުޅެވިދާނެ ކަމަށް ހީކުރެވޭކަމެވެ.

އެމީހެއްގެ ދިރިއުޅުން އުފާވެރިކުރަން ބޭނުންނަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމަކީ އެހެން މީހުންނަށް އުފާވެރިކަން ހޯދައިދިނުމެވެ. އެހެން މީހުންނަށް އުފާވެރިކަން ލިބޭނެ ގޮތްތަކަށް ކަންކަން މަގުފަހިކުރުމެވެ. އެފަދަ ކަމެއް ތިމާއަށް ކުރެވެން ނެތް ނަމަ އެންމެ ކުޑަމިނުން އެހެން މީހަކަށް ތަކްލީފެއް ލިބިދާނެ އެއްވެސް ކަމެއް ނުކޮށް ހުރުމެވެ.

ޙަދީޘްފުޅުގައި އޮތީ މީހާގެ އީމާންކަން ފުރިހަމަވާނީ ތިމާއަށް އެދޭ ކަންކަން އެހެން މީހުންނަސްވެސް ލިބުމަށް އެދިގެން ކަމަށެވެ. އެއްވެސް މީހަކީ ތިމާއަށް އެއްވެސް ތަކްލީފެއް ލިބުމަށް އެދޭނެ މީހެއް ނޫނެވެ. އެހެންކަމުން މި ޙަދީޘްފުޅުން އެނގެނީ އެހެން މީޙުންނަށް ތަކްލީފް ޖައްސުވާ މީހާގެ އީމާންކަން ފުރިހަމަނުވާކަމެވެ.

ތިމާއަށް އިންޞާފުލިބެން އެދޭފަދައިން އެހެން މީހުންނަށްވެސް އިންޞާފުލިބެން އެދެން ޖެހޭނެއެވެ. ތިމާގެ ޙައްޤުތައް ހިމާޔަތް ކުރެވެން އެދޭފަދައިން އެހެން މީހުންގެ ޙައްޤުތައް ހިމާޔަތް ކުރެވެން ވެސް އެދެން ޖެހޭނެއެވެ. އަދި އެކަމަށް މަސައްކަތްކުރަންވެސް ޖެހޭނެއެވެ. އެކަން އެނގިގެންދަނީ ﷲ ތަޢާލާގެ ވަހީ ބަސްފުޅުންނެވެ. "މީސްތަކުން އަނިޔާ ލިބިގަންނަނީ އެމީހުންގެ އަމިއްލަ އަތްތަކުން ކުރާ ކަމުގެ ސަބަބުން" ކަމަށް އޮތް ވަޙީ ބަސްފުޅުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން