މީހަކު ތިބާދެކެ ރުޅި އައިސް އެއްޗެތިގޮވާނަމަ ތިބާގެ ދިފާޢުގައި މަލާއިކަތުން ފައިބާވަޑައިގަންނަވަން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މީހަކު ތިބާދެކެ ރުޅި އައިސް އެއްޗެތިގޮވާނަމަ ތިބާގެ ދިފާޢުގައި މަލާއިކަތުން ފައިބާވަޑައިގަންނަވަން ބޭނުންހެއްޔެވެ؟

އަޅުގަނޑާއި ދިމާއަށް ފަހަރިއަކު ވަރަށް ގިނައިން އެއްޗެތި ގޮވައެވެ. ދެމީހުން އެކަނިވެއްޖެނަމަ އަޅުގަނޑު ރުޅިއަރުވަން ބަސްތައް ބުނެއެވެ. މިޙާލަތުގައި އޭނާއަށް ރައްދު ދިނުންތޯ ރަނގަޅީ؟

ކިޔުންތެރިޔާގެ ސުވާލުގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

މިރޭ ފުރަތަމަ މިކިޔައިދެނީ ޙަދީޘްފުޅެކެވެ. މައްކާގައި އިސްލާމްދީން ފެތރެންފެށި ދުވަސްވަރު އަބޫބަކުރުގެފާނާއި ރަސޫލް ﷺ ތިއްބަވަނިކޮށް މީހަކު އައިސް ވަރަށް ހަޑިހުތުރު ބަހުން އެއްޗެތިގޮވިއެވެ. ދެބާކަލުންކުރެ ބޭކަލު އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ރައްދެއް ނުދެއްވަވައެވެ. އޭނާ އެތަނުން ދިއުމަށްފަހު ދެވަނަ ފަހަރަށް ގޮސް ހަމައެ ނުބައި ބަސްތައް ތަކުރާރުކުރިއެވެ. އެފަހަރުވެސް ދެކާލުންކުރެ ބޭކަލަކު ރައްދެއް ނުދެއްވަވައެވެ. ހަމަހިމޭނުން ތިއްބެވީއެވެ.

އޭނާ 3 ވަނަ ފަހަރު އެނބުރި އައިސް ހަމަ އެފަދަ ބަސްތަކެއް ބުނުމުން އަބޫބަކުރުގެފާނަކަށް ކެތެއް ނުކުރެއްވެވުނެވެ. އޭނާއަށް ރައްދުދެއްވީއެވެ. އޭނާ ބުނާ ބަސްތައް ރައްދުވަނީ ޢޭނާއަށް ކަމަށް ވިދާޅުވިއެވެ. އެހިނދު ރަސޫލް ﷺ ތެދުވެވަޑައިގެން ވަޑައިގެން ދުރަށް ވަޑައިގަންވަން ފެށްޓެވުމުން އަބޫބަކުރުގެފާނަކަށް ކެތެއް ނުކުރެއްވެވުނެވެ. ފަހަތްޕުޅުން ވަޑައިގެން އަރައި ހަމަކުރެއްވެވިއެވެ.

ކުށެއް ކުރެއްވެވިއްޖެކަން ވިސްނިވަޑައިގެން މާފަށް އެދިވަޑައިގަތްހިނދު ރަސޫލް ﷺ ހަދީޘްފުޅު ކުރެއްވެވިއެވެ. "އޭނާ ދެފަހަރުމަތިން އައިސް ނުބައިބަސްތައް ބުނުމުން 2 ފަހަރުވެސް އަހަރެމެންގެ ޙިމާޔަތުގައި ﷲ ތަޢާލާ މަލާއިކަތުން ފޮނުއްވެވިއެވެ. ނަމަވެސް 3 ވަނަ ފަހަރު ކަލޭގެފާނު ރައްދު ދެއްވެވުމުން ﷲ ތަޢާލާ މަލާއިކަތުން އެތަނުން އަނބުރައި ގެންދެވިއެވެ. ދެން އެތަނަށް އައީ ޝައިޠޯނާއެވެ. ތެދުވެވަޑައިގެން ދުރަށް ވަޑައިގަތީ ޝައިޠޯނާ ހުރިތަނެއްގައި (ނުބައިކަންތައްތައް ކުރެވޭނެތީ) އެތަނުގައި ނުހުންނެވުމަށެވެ."

މިޙަދީޘްފުޅުން އެނގިގެންދަނީ މީހަކު ރުޅި އައިސް ނުބައިބަސް ބުނެހެދުމުން ރައްދުނުދީ ހަނުހުރުމަކީ އެމީހަކަށްޓަކައި ﷲ ތަޢާލާ ރަޙްމަތުގެ މަލާއިކަތުން ފޮނުއްވަވާނެ ކަމެއް ކަމެވެ. ރައްދު ދީފިނަމަ ޝައިޠޯނާ އައިސް ކަންކަން ގޯހުން ގޯހަށް ބަދަލުކުރުވާނެކަމެވެ.

ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ފައިދާކުރާނީ އެމީހެއްގެ ދިފާޢުގައި މަލާއިކަތުން ތިއްބެވުމުންނެވެ. ވީމާ މީހަކު ކިތަންމެ ހަޑި ބަސްތައް ބުނި ނަމަވެސް ރައްދުނުދީ ކެތްތެރިވާށެވެ.

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން