ދެއަންތބަށް ކައިވެނިކުރަން ހުއްދަ ނުދޭ އަނބިން ނަރަކައަށް "ފޮނުވާލުމުގެ" ކުރިން ނިކަން ޖަވާބު ދީބަލަ!: ސުންނަތުގަ އޮތީ ހަމައެކަނި 4 އަނބިން ހަމަކުރަންތަ؟ މިސުންނަތްކަށް ޢަމަލުކުރަންތަ؟
ވަރަށް ގިނަ ކަނބަލުން ގުޅާފައި ފިރިމީހާ ސުންނަތަށް ޢަމަލުކުރަން ދެ އަނބިން ހަމަކުރަން އުޅޭ ކަމުގެ ވާހަކަދައްކައެވެ. ހުއްދަ ނުދީފިނަމަ އެކަނބަލުންނަށް ޢަޛާބު ލިބިދާނެ ކަމާއިމެދުވެސް ސުވާލުކުރެއެވެ.
ޤަބޫލުކުރަން އުނދަގޫވިނަމަވެސް އެވާހަކަ ދައްކާއިރު ހިތަށް ލިބޭ ވޭނަށް ކެތް ނުކުރެވިގެން އަޑުން ނަގާ ރޮވޭ ކުދިން ވަރަށް ގިނައެވެ. ބައެއް ކުދިންނަށް އަނބުރައި ގަތުންފަދަ ކަންކަން ކުރިމަތިވާތީ މިހާރު އަހަރެން ވާހަކަ ދައްކާނަމަ އެތަނުގައި ދެވަނަ މީހަކު ބަހައްޓަންވެސް ބާރުއަޅަމެވެ.
އެހެންކަމުން ދެވަނަ ކައިވެނި ކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ބައެއް ސުންނަތްތައް ފާހަގަކޮށްލާނަމެވެ.
1 ރަވާތިބު ސުންނަތުގެ 12 ރަކްޢަތްކުރުން
2 ރޭ އަޅުކަންކުރުން
3 ސުންނަތް ރޯދަތައް ހިފުން (ހޯމަ، ބުރާސްފަތި އަދި 13،14،15)
ދެން މިފާހަގަކޮށްލަނީ ގޭތެރޭގައި ކޮންމެހެން އަދާކުރަންޖެހޭ ބައެއް ސުންނަތްތަކާއި ކޮންމެހެން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ މިންވަރެކެވެ.
1 އަނބިދަރިންނާ ބައްދަލުވާއިރު ހިނިތުންވެގެން ހުރުން
2 އަނބިދަރިންނަށް އޯގާތެރިވުން
3 ރުޅި ނައުމާއި ކޮންމެ ކަމެއްގައިވެސް މަޑުމައިތިރިކަމާއި ކެތްތެރިކަން އިސްކުރުން
4 ގެވެށި މަސައްކަތްކުރުން / އަނބި މީހާއަށް އެހީތެރިވުން
5 މިހާރު ހުރި އަނބިމީހާއަށް ވަގުތުދީ އޭނާ އާއިއެކު އެއް ވަގުތެއްގައި އެއްދާނުގައި ނިދާ މީހަކަށްވުން
6 ލިބޭ އާމްދަނީއަށް މަކަރު ނުހަދާ އިސްރާފްނުކޮށް އަނބިދަރިންނަށް ޚަރަދުކުރުން
7 މިހާރު ތިބި އަނބިދަރިންނަށް ޚަރަދުކޮށްފައި އިތުރު އަންތބަކަށް ޚަރަދުކުރާނެ ވަރަށް އާމްދަނީ ލިބުން
މި ސުންނަތްތަކާއި ޝަރުޠުތައް ފުރިހަމަކުރަމުން ނުގެންދެވޭނަމަ ދެވަނަ ކައިވެންޏެއް ކުރުމުގެ ސުންނަތް ޙާޞިލުކުރަން މަސައްކަތްކުރުމުން ކުރާނެ ފައިދާއަށްވުރެ ބޮޑުވާނީ ލިބޭނެ ގެއްލުމެވެ. ސިކުނޑިއަށް ލިބޭނީ އިތުރު ތަކްލީފެވެ. އަނބިން ހުއްދަދޭއިރު ވެސް މި ޗެކްލިސްޓަށް ބަލައިލުން ރަނގަޅުވާނެއެވެ. މިއީ އެންމެ މަދު މިންވަރެވެ. އެންމެ ކުޑަ ޗެކްލިސްޓެވެ.
އަދި ކީއްހެއްޔެވެ؟ ބޭނުންވާ ގޮތަކަށް ޗެކްލިސްޓް ތައްޔާރުކުރުމުގެ ޙައްޤުވެސް މިހާރު އިން އަނބިމީހާއަށް ލިބިގެންވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން