ދިރިއުޅުމުގެ ކަންކަން މިހާރު ހަމަޖެހިފައި މިއޮންނަ ގޮތުން ރިވެތި ގޮތުގައި ޙަލާލް ދިރިއުޅުމެއް އުލެވެން އޮތީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. ވަރަށް ގިނަ ވަޤުތުތަކުގައި މަސައްކަތްކޮށްގެންނެވެ. އެކަން އެންމެންވެސް ޤަބޫލުކުރެއެވެ.
ދެން މިނުކުންނަ މައްސަލައަކީ އަޅުކަންކުރާނެ ވަޤުތު ނުލިބުމުގެ މައްސަލައެވެ. ވަޤުތަކީ ހޯދުމުން ލިބޭނެ އެއްޗެކެވެ. ވަޤުތު އަހަރެމެންގެ ފަހަތަކުން ނުއަންނާނެއެވެ. ވަޤުތުގެ ފަހަތުން ދުވަންޖެހޭނީ އަހުރެމެންނަށެވެ.
ނިކަން ވިސްނައިލަބަލާށެވެ! މަސައްކަތް ކިތަންމެ ބުރަނަމަވެސް ފަރުޟު ނަމާދުތައް ކުރަންޖެހެއެވެ. އެކަން ނުކޮށް ނުހުރެވޭނެއެވެ. މާނައަކީ ކިތަންމެ މަސައްކަތް ބުރަނަމަވެސް ނަމާދުގެ ވަޤުތު ޖެހުމުން ޖެހޭނީ ނަމާދުކުރާށެވެ.
ދެން އޮތީ އިތުރަށް އަޅުކަންކުރުމެވެ. އިތުރަށް އަޅުކަންކުރާނެ ވަޤުތު ހޯދޭނެ ގޮތްތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެއްގޮތަކީ މަސައްކަތުގެ ތެރެއިން ލިބޭ ހުސްވަޤުތުތަކުގެ ބޭނުން ހިފުމެވެ. މިހެން ބުނުމުން ކުރާނެ ސުވާލަކީ އެލިބޭ ވަޤުތުކޮޅުގައި މީސްތަކުންގެ ތެރޭގައި ހުރެ ކުރެވޭނީ ކޮން އަޅުކަމެއް ހެއްޔެވެ؟ އެހެންވެ މިދެނީ އެސުވާލުގެ ޖަވާބެވެ.
އަޅުކަމުގެ ތެރެއިން އެންމެ މަތިވެރި އަޅުކަމަކީ ﷲ ތަޢާލާ ހަނދުމަކުރުމެވެ. ޛިކުރުކުރުމެވެ. މިއީ ކޮންމެ ވަޤުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރެވިދާނެ ކަމެކެވެ. ދުލުން ކިޔަން އުނދަގޫވާފަދަ ޙާލަތުތަކުގައި ހިތަށް އަރުވައިގެންވެސް ކުރެވެން އޮތް ކަމެކެވެ. ވީމާ އޮތީ އެމީހަކަށް ކުރަން ކެރުނު ވަރެއް ނޫން ހެއްޔެވެ؟
ޙަޤީޤަތަކީ މިކަންކަމަށް އަހުރެމެންނަށް ވިސްނައިނުލެވޭ ކަމެވެ. ހުރިހާ ސަމާލުކަމެއް ދުނިޔަވީ ކަންކަމަށް ދޫކޮށްލެވޭ ކަމެވެ. ﷲ ތަޢާލާ އަހުރެމެންނަށް ކަންކަން މެދުވެރިކުރައްވަވަނީ ވިސްނައިގެން ޢަމަލުކުރަން މަސައްކަތްކޮށްފި މީހަކަށް އަޅުކަން ކުރެވޭނެ ގޮތަށެވެ. އެކަން ފަސޭހަކޮށް ދެއްވަވާފައިވާ މިންވަރު މިބުނީއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީވެސް އެންމެ މަތިވެރި އަޅުކަން ކަމުގައި ލައްވަވާފައި އެވަނީ ހަމަ އަހުރެމެންނަށް އަޅުކަންކުރަން ފަސޭހަކޮށް ދެއްވެވުމަށެވެ. ވީމާ އޮތީ އެމީހަކަށް އަޅުކަން ކުރަން ކެރުނު ވަރެކެވެ.
- މަޢުލޫމާތު: ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން