ދަރިން ބޮޑެތިވެ ކައިވެންޏަށް އެދުމުން އެހީތެރިވެ ނުދިނުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ! އެނަގައިލެވެނީ ދަރިންގެ ދުނިޔެއާ އާޚިރަތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދަރިން ބޮޑެތިވެ ކައިވެންޏަށް އެދުމުން އެހީތެރިވެ ނުދިނުމަކީ ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ! އެނަގައިލެވެނީ ދަރިންގެ ދުނިޔެއާ އާޚިރަތް!

ޒަމާން ފަސްވެއްޖެ ކަމަށް ބުނެ ވިސްނުމަށް ގެންނަމުން އަންނަ ބަދަލުތަކުގެ ތެރެއިން އެންމެ ފައިދާހުރި ބަދަލަކަށްވާނީ ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވޭނެ ބަދަލެވެ. މީގެތެރޭގައި ދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމާއި އެކުދިންނަށް ސުވަރުގެ ހޯދައިދޭން މަސައްކަތްކުރުންވެސް ހިމެނެއެވެ.  

މިޒަމާނުގައި ޔުނިވަރސިޓިގައި ކިޔަވަމުންވެސް، ވަޒީފާ އަދާކުރަމުންވެސް އަންހެން ދަރިއަކު އައިސް މިވެނި މީހަކާއި ކައިވެނިކުރަން ބޭނުންކަމަށް ބުނެފާނެއެވެ. އެހާލަތުގައި ބައެއް މައިންބަފައިންނަށް އެކަންވަނީ ދުނިޔެ ޤިޔާމަތްވުން ފަދަ ކަމަކަށެވެ. ދުލުން ނުކިޔޭ އެއްޗެއްވެސް ނުއޮންނަ ހިސާބަށް ކަންކަން ގެންދެއެވެ.  

އެގޮތަށް ކަންތައް ނުކުރާށެވެ! ފުރަތަމަވެސް އޮތީ އުފާކުރުމެވެ. އެއީ ދަރިފުޅު އައިސް ރީތިކޮށް އެކަމަށް އެދުނީތީއެވެ. އެހިސާބުން މައިންބަފައިންގެ ވާޖިބަކަށްވާންޖެހޭނީ އެފިރިހެން މީހާގެ ޙާލަތުބެލުމެވެ. ޙަދީޘްފުޅުގައިވާފަދައިން އޭނާގެ އަޚްލާޤާއި ތަޤްވާވެރިކަންހުރި މިންވަރު ބެލުމެވެ. އަދި ދެފަރާތުގެ ޢާއިލާ މަޝްވަރާކޮށް ކައިވެނީގެ ކަންކަން ވީހައި އަވަސްކޮށްދިނުމެވެ.  

މިނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ ދަރިފުޅު ދާނީ އަތުން ދޫވެގެންނެވެ. "ޑޭޓްކުރަން" އޮންނާނީ ފެށިފައެވެ. އެންމެ ބޮޑެތި ފާފަތައް ދާނީ ކުރެވެމުންނެވެ. މައިންބަފައިން ނުޤަބޫލުވީތީ ލޯބިވުން ހުއްޓައިލާނީ ވަރަށް މަދުކުއްޖެކެވެ. އަހަރެމެން އެކަން ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއަދުގެ ޙާލަތަކީ މިއީއެވެ.  

ވީމާ ދަރިއަކު ނުބައި ޢަމަލުތައް ނުކޮށްހުރެ އައިސް މައިންބަފައިންގެ ގާތުން ކައިވެންޏަށް އެދިއްޖެނަމަ އެކަމަށް ފަޚުރުވެރިވާށެވެ. އެނގިގެން އެދަނީ ދަރިފުޅުގެ ހުރި ރަނގަޅުކަމެވެ. އޭނާ އެބުނަނީ ނުބައި އަމަލުކުރެވުމުން އޭނާ ސަލާމަތްކޮށްދިނުމަށެވެ. އެކަމުން އަންގައިދެނީ މައިންބަފައިން ދިން ތަރުބިއްޔަތުގެ އަސަރު ދަރިފުޅަށް ކޮށްފައިހުރިކަމެވެ.  

ކަންކަން ހުރިހާ ޒަމާނެއްގައި ހުންނާނީ އެއްގޮޮތަކަށް ނޫނެވެ. މިޒަމާނުގައި ރައްކައުތެރިކަން ލިބޭނީ މިޒަމާނަށް ވިސްނައިގެން ކަންކަން ކުރުމުންނެވެ. ވީމާ މިކިޔައިދިން ކަންކަމަށް ހުރިހާ މައިންބަފައިންވެސް ސަމާލުކަން ދިނުން ވަރަށް ބޮޑަށް އެދެމެވެ.

 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން 

މިއަދު އޮންލައިން