ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތަކުން ފާފަތަކުން ސަލާމަތް ނުވެވިދާނެ ކަމަށް ބުނާ ވާހަކައަށް ތަފްޞީލެއް ލިބިދާނެތަ؟
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިއަ މައްސަލައަށް ތިރީގައިވާ ލިޔުމުން އެކަށީގެންވާ ޖަވާބެއް ލިބިދާނެކަމަށް އުންމީދުކުރާ ކަމަށެވެ.
ކޮންމެ މީހަކުވެސް މަރުވާނެކަން ޤަބޫލުކުރެއެވެ. ނުއެނގެނީ މަރުވާނެ ވަގުތެވެ. ވީމާ ފުރަތަމަ ކަމަކީ މަރަށް ތައްޔާރުވުމެވެ. މަރަށް ތައްޔާރުވުމުގެ ގޮތުން ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރާފަދައިން ކުރަންޖެހިފައިވާ 2 ކަމެއް އެބައޮތެވެ.
ފުރަތަމަ ކަމަކީ އެ ޕޯސްޓެއް، ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އެހެން މީހުން ބެލުމުން ތިމާ ފާފަވެރިވާނެ ގޮތަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްތައް އަވަހަށް ޑިލީޓްކުރުމެވެ. މީގެ ތެރޭގައި އެހެން މީހުންނަސް ބުނެވިފައިވާ ނުބައި ބަސްތަކާއި މީސްމީހުން ފަޟީޙަތްކުރަން ކުރެވިފައިވާ ޕޯސްޓްތަކާއި ފޮޓޯތަކާއި ވީޑިއޯތައްވެސް ހިމެނެއެވެ.
ދެވަނަ ކަމަކީ އެފަދަ ޕޯސްޓެއް ދެން އިތުރަށް ނުކުރުމެވެ.
ބިރުވެތިވާށެވެ. މިއިން ކޮންމެ ކަމަކީވެސް ތިމާ ކައްވަޅުގައި އޮތް ނަމަވެސް އިތުރަށް ފާފަވެރިވަމުންދާނެ ކަންކަމެވެ. ޢަޛާބް އިތުރުވަމުންދާނެ ކަންކަމެވެ. ނަމަވެސް ސޯޝަލް މީޑިއާ ބޭނުންކުރާ މީޙުންގެ ތެރެއިން ގިނަ ބައަކު މިކަމަށް ބިރުވެތިވާ ތަނެއް ނުފެނެއެވެ. ހިތަށް އެރިހައި އެއްޗެއް ގެންދަނީ ޕޯސްޓްކުރަމުންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސޯޝަލް މީޑިއާ ބޭނުންކުރަންވީ މަރުވުމަށްފަހުގައިވެސް ތިމާއަށް ޘަވާބު އިތުރުވަމުންދާނެ ކަންކަން ކުރުމަށެވެ! ހެޔޮ ބަސްބުނެ އެފަދަ މެސެޖްތައް ޕޯސްޓްކުރަމުން ގެންދާށެވެ. ޢިލްމުވެރިން ދެއްވާ ހެޔޮ ނަބޭޙަތާއި ޞަޙީޙް ޙަދީޘްފުޅުތަކާއި ކީރިތި ޤުރްއާނުގެ އާޔަތްތައް ޕޯސްޓްކުރަމުން ގެންދާށެވެ. އެކަންކަން ކުރަން ތިމާއަކީ ބޮޑު ޢިލްމުވެރިއަކަށް ވާކަށްވެސް ނުޖެހެއެވެ.
އެއިރުން ތިބާ މަރުވާފަހުންވެސް އެ މެސެޖްތައް މީހުން ބެލުމުން ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. ކައްވަޅުގައި އޮތްނަމަވެސް ދާނީ ޘަވާބު އިތުރުވަމުންނެވެ. އިން ޝާ ﷲ
ޑިލީޓް ކުރުމަށާއި އިތުރަށް ޕޯސްޓް ނުކުރަން މިބުނީ ޕޯސްޓްކުރެވިފައިވާ ތިމާ ފާފަވެރިވާނެ ތަކެއްޗެވެ. ޕޯސްޓްކުރަން މިބުނަނީ ތިމާގެ އާޚިރަތަށް އެކަމުން ފައިދާކުރާނެ ތަކެއްޗެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން