ކޮންމެ މުސްލިމަކަށް ފިލާވަޅެއް!: ރަސޫލް ޞޢވ ގެ އެންމެ އަސަރުގަދަ ވަޞިއްޔަތްފުޅުތަކުން ވެސް ޚާއްޞަ ބައެއް ވަޞިއްޔަތްފުޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ކޮންމެ މުސްލިމަކަށް ފިލާވަޅެއް!: ރަސޫލް ޞޢވ ގެ އެންމެ އަސަރުގަދަ ވަޞިއްޔަތްފުޅުތަކުން ވެސް ޚާއްޞަ ބައެއް ވަޞިއްޔަތްފުޅު!

އަހުރެމެންގެ ދިރިއުޅުމަށް އަންނަމުން މިދާ ބަދަލުތަކާއިއެކު ޤުރްއާނާއި ސުންނަތާއިވެސް ދުރަށް އެބަ ދެވެއެވެ. އެހެންކަމުން އެންމެންގެ ސަލާމަތަށްޓަކައި މިރޭ މިހާމަކުރަނީ ރަސޫލް ()ގެ އެންމެ ފަހުގެ ވަޞިއްޔަތްފުޅުތަކުގެ ތެރެއިންވެސް ވަރަށް ޚާއްޞަ ކަމަށް ފާހަގަކޮށްލެވޭ ބައެއް ވަޞިއްޔަތްފުޅުތަކެވެ. ސަމާލުކަންދީގެން އަޑުއަހާށެވެ! 

މުސްލިމުންނަކީ އެއްވެސް މަހާނައެއްގެ ކައިރިއަށް ގޮސް އަޅުކަން ކޮށްގެން ވާނެ ބައެއް ނޫނެވެ. އެހެނީ ރަސޫލް () ވަނީ އިތުރު އެކަލޭގެފާނުގެ މަހާނަފުޅަކީވެސް އަޅުކަންކުރާ ތަނަކަށް ނުހަދަން ޞަޙާބީންނަށް ވަޞިއްޔަތް ކުރައްވަވައިފައެވެ. އެއީ ޝިރުކުގެ އަމަލަކަށް އެކަންވާނެތީއެވެ. އެހެންކަމުން އީސާގެފާނަށް ތަބައަވެގެން ތިބި މީހުން އަމަލުކުރި ފަދައިން ޢަމަލު ނުކުރެއްވުމަށް ރަސޫލް () ވަނީ ޞަޙާބީންނަށް އަމުރުފުޅު ކުރައްވަވައިފައެވެ.

ވީމާ އެއްވެސް މީޙެއްގެ މަހާނައަކީ މުހިންމުތަނެއް ކަމުގައި ހަދައި އެތަނުގައި އަޅުކަން ނުކުރާށެވެ! އެފަދަ ކަމެއް ބައަކުކުރާ ތަނެއްގައި ނުވެސް ހުންނާށެވެ! އެހެނީ އެމީހުން އެކުރަނީ ނުބައިކަން ބޮޑު ފާފައެކެވެ. ޝިރުކުގެ ޢަމަލެކެވެ.  

އެއާއިއެކު ޞަހާބީންނަށް ޙަދީޘްފުޅު ކުރެއްވެވީ އިސްލާމް ދީނަށް އެއްވެސް ކަމެއް އިތުރުނުކުރެއްވެވުމަށެވެ. އަދި އުނިވެސް ނުކުރެއްވެވުމަށެވެ. އިސްލާމް ދީން ފުރިހަމަ ކުރައްވަވައިފީމޭ ﷲ ތަޢާލާ ވަޙީކުރެއްވެވި ޢާޔަތަށް ފުރިހަމައަށް އަމަލުކުރެއްވެވުމަށެވެ.  

ނަމަވެސް އެއީ އެންމެފަހުން ބާވައިލެއްވެވި އާޔަތެއް ނޫނެވެ. އެންމެފަހުން ބާވައިލެއްވެވި އާޔަތަކީ ބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ "އެދުވަހެއްގައި، اللَّه ގެ ޙަޟްރަތަށް ތިއަބައިމީހުން ރުޖޫޢަ ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ."  

މިއާޔަތް ބާވައި ލެއްވެވުމުން ރަސޫލް () ޞަހާބީންނަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިމަންކަލޭގެފާނުގެ ފުރަގަސްފުޅު ތިއަބައިމީހުންގެ ކުރިމަތީގައި މިވަނީއެވެ. ތިމަން ކަލާގެފާނުގެ ޝަރަފާއި ޢިއްޒަތް ވެސް ތިއަބައިމީހުންގެ ކުރިމަތީގައި މިވަނީއެވެ. ތިމަން ކަލޭގެފާނަށް އެއްވެސް ބޭކަލެއްގެ ބުރަކަށިފުޅުގައި ޖެއްސެވިފައިވާނަމަ އެކަމުގެ ބަދަލު މިއަދު ހިއްޕަވާށެވެ. ތިއައިން އެއްވެސް ބޭކަލެއްގެ ޝަރަފާއި އިއްޒަތަށް ތިމަންކަލޭގެފާނަށް އަރައިވަޑައިގެންނެވިފައިވާނަމަ އެކަމުގެ ބަދަލުވެސް މިއަދު ހިއްޕަވާށެވެ!" 

މިގޮތަށް ޙަދީޘްފުޅު ކުރެއްވެވުމުގެ ބޭނުންފުޅަކީ އެއްވެސް މީހަކާއިމެދު އެއްވެސް ކަމެއް ގޯސްކޮށް ކުރެވިފައިވާނަމަ އެކަމުގެ ބަދަލު މިދުނިޔޭގައި އަދާކޮށް ނިންމުމުގެ މުހިންމުކަން ބަޔާންކޮށް ދެއްވެވުމެވެ. އެހެންވެ އަމިއްލަފުޅަށް އެކަން ކުރައްވަވައި މީސްތަކުންނަށް ނަމޫނާ ދެއްކެވީއެވެ.  

މީސްތަކުންނޭވެ! މިއީ އަހަރެމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އަހަރެމެންނަށް އެނގިތިބެގެންނާއި ނުއެނގި ތިބެ ނަމަވެސް މީސްތަކުން ކުށްވެރި ކުރަމުއެވެ. މިއީ މަޢާފަށް އެދެން ޖެހޭ ކަންކަމެވެ. މިދުނިޔޭގައި މާފަށް އެދެވިދާނެއެވެ. ތައުބާވެވިދާނެއެވެ. ނަމަވެސް މަރުވުމަށްފަހު އެހުރިހައި ފުރުޞަތުތަކެއް ގެއްލިގެން ދެއެވެ. ވީމާ ޤިޔާމަތް ދުވަހު އެމީހާ މަޙްޞަރު ކުރެވޭނީ ކުށްވެރިއެއްގެ ގޮތުގައެވެ. އެކަމުން ސަލާމަތް ވެވޭނީ އެކަންކަމަށް މިދުނިޔޭގައި މަޢާފަށް އެދި މައްސަލަތައް ޙައްލުކުރެވިގެންނެވެ. ނޫން ނަމަ ޖެހޭނީ އެމީހަކު ކުރި ހެޔޮ އަމަލުތަކުން ބަދަލުދޭށެވެ!  

މީސްތަކުންނޭވެ! ރަސޫލް () ގަދައަޅުއްވަވައި ވަޞިއްޔަތް ކުރައްވަވާފައިވަނީ ކީރިތި ޤްރްއާނާއި ރަސޫލް ()ގެ ސުންނަތުގައި ހިފެހެއްޓުމަށެވެ. ވީމާ އަހަރެމެން ކޮންމެ ކަމެއްގައިވެސް ޖެހޭނީ ކީރިތި ޤްރްއާނަށާއި ސުންނަތަށް އަމަލުކުރާށެވެ. އެއަށް ހަމަ އެކަކަށްވެސް އިންކާރެއް ނުކުރެވޭނެއެވެ. ބައެއް އުނިކޮށް މަދެއްވެސް ނުކުރެވޭނެއެވެ. އެންމެ ކަމަކަށް ނަމަވެސް އިންކާރެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް މިއަދު އަހަރެމެން މިތިބަ ހާލަތަށް ވިސްނައިލާށެވެ! އެބަ ޢަމަލުކުރެވޭ ހެއްޔެވެ؟  

އެންމެ މުހިންމުކަން ބޮޑީ ރަސޫލް ބަލިހާލުކޮޅުގައި އެނދުދާންކޮޅުގައި އޮންނަވައި ދެއްވެވި ނަޞޭޙަތްފުޅެވެ. ކުރެއްވެވި ވަޞިއްޔަތްފުޅެވެ. އެއީ ނަމާދަށް ރައްކައުތެރިވުމަށާއި ޒަކާތް ދެއްކުމަށް ކުރެއްވެވި ވަޞިއްޔަތްފުޅެވެ. ވީމާ މި ވަޞިއްޔަތްފުޅަށް އަހަރެމެން އެންމެން ވެސް ވަރަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެއެވެ.  

މިއަދު ވެގެން މިއުޅޭ ގޮތަކީ މިކަންކަމަށް ވިސްނައި ފިކުރުކުރާ މީހުން މަދުވުމެވެ. އެހެންކަމުން މިކަންކަން ނުވެސް އެނގެނީއެވެ. މިކަންކަމުގެ މުހިންމުކަން ނުވެސް ވިސްނެނީއެވެ. ޖާހިލުކަންމަތީގައި ތިބެގެން އަމިއްލަ ރައުޔުތައް ކުރިއަށް ނެރެ ތިމާއަށް ޤަބޫލުކުރެވޭ ގޮތްތަކަށް ޢަމަލުކުރަނީއެވެ. އެގޮތަށް އެކަންތައްތައް ނުކުރާށެވެ! ބަޤަރާ ސޫރަތުގެ މި ބަޔާންކުރި އާޔަތަށް ވިސްނައި ފިކުރުކުރާށެވެ! އާޚީރަތް ދުވަހު ސަލާމަތްކަން ލިބޭނެ މަގު އިޚްތިޔާރު ކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން