ބައެއް މީހުން ކެތްތެރިކަން މާނަކުރަނީ ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ހިތާމަނުކުރުމަށެވެ. ނަމަވެސް އެއީ ރަނގަޅުމާނައެއް ނޫނެވެ. ހިތަށް އަސަރުކުރީމާ ހިތާމަކުރެވޭނެއެވެ. ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންވެސް ހިތާމަފުޅު ކުރެއްވެވިއެވެ.
ޔޫސުފްގެފާނު ގެއްލިވަޑައިގަތުމުން ހިތާމަކުރައްވަމުން ގޮސް ބައްޕާފުޅު ޔަޢްޤޫބްގެފާނުގެ ދެލޯފުޅުވެ އެކުގައި ހުދުވެ ލޯފުޅަށް ފެނުން ގެއްލިވަޑައިގަތެވެ. ނަމަވެސް ޤުރްއާނުގައި ވަޙީ ކުރައްވަވާފައިވަނީ އެކަލޭގެފާނަކީ ކެތްތެރިއެއް ކަމަށެވެ. ވީމާ ހިތާމަކުރުމާއި ކެތްތެރިކަމާއި އެއީ ތަފާތު ދެކަމެކެވެ.
ކެތްތެރިކަމަކީ ނުވަތަ ކެތްތެރިވުމަކީ ހިތްދަތި ޙާލަތުގައިވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑާނުލައި، ދިރިއުޅެން ކުރަންޖެހޭ ކަންކަމާއި ކުރަންޖެހޭ އަޅުކަން ކުރުމުގައި ސާބިތުވުމެވެ. އެޙާލަތުން ސަލާމަތްކުރައްވަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައި ދެމިހުރުމެވެ.
ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން ހުންނަން ޖެހޭ ދެހާލަތެއް ވެއެވެ. އެއީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުމާއި އަދި ހިތާމައާއި ހިތްދަތިކަން ލިބޭޙާލަތެވެ. މީގެތެރޭގައި މާލީ ދަތިކަން ކުރިމަތިވުންވެސް ހިމެނިގެންދެއެވެ.
އުފަލާއި ހިތްހަމަޖެހުން ލިބިގެން މުޅި އުމުރު ހޭދަކުރުމަކީ ހަމައެއްވެސް މީހަކަށް ދެއްވަވާނެ ނިޢްމަތެއް ނޫނެވެ. ފައިސާގެ ތަނަވަސްކަން ދެއްވަވާފައިވާ މީހުންނަށް ހިތާމަ އާއި ހިތްދަތިކަން ކުރިމަތިކުރައްވަވާނެތެވެ. ބަލިމަޑުމަކަމާއި އެހެންވެސް މުޞީބާތްތައް ކުރިމަތިކުރައްވަވާނެތެވެ. މިހެން ގޮސް ކޮނަމެވެސް މުޞީބާތެއްގައި އުޅެން ނުޖެހޭނެ ހަމައެކަކުވެސް ދުނިޔޭގައި ނުހުންނާނެއެވެ.
ވަގުތަކީވެސް ﷲ ތަޢާލާގެ މަޚްލޫޤެކެވެ. ވަޤުތު ބަދަލުކުރައްވަވާނެކަމަށް އޮތް ވަޙީ ބަސްފުޅުން އެނގިގެންދަނީ މިބުނާ ބަހުގެ ޙަޤީޤަތެވެ.
ތައްޔާރަށް ހުންނަންވީ އުފާވެރިކަން މިންވަރުކުރެއްވެވުމުން ޝުކުރުވެރިވާށެވެ! ތަނަވަސްކަން ދެއްވެވުމުން ދީލަތިވާށެވެ! ހިތާމަ އާއި ހިތްދަތިކަމާއި މާލީ ދަތިތައް ފަދަ ކަންކަން މިންވަރުކުރެއްވެވުމުން ކެތްތެރިވާށެވެ!
ހުރިހާ ވަގުތެއްގައި ހިތްހަމަޖެހުން ލިބުންވަނީ ސުވަރުގޭގައެވެ. އެއީ މިދުނިޔޭގައި ހަމައެކަކަށްވެސް ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން