ބިރުނުގަންނާތި! މިއޮތީ ޙަސަދަ ލައިގެން ނުއުޅޭ އެކަކަށްވެސް ކައިރިވެސް ނުވެވޭނެ މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ބިރުނުގަންނާތި! މިއޮތީ ޙަސަދަ ލައިގެން ނުއުޅޭ އެކަކަށްވެސް ކައިރިވެސް ނުވެވޭނެ މަގު!: މުފްތީ މެންކް

ޙަސަދަވެރިކަން މިއަދު ވެފައި މިއޮތީ އެންމެ ގިނަ ބައަކަށް އެންމެ ގިނައިން ގެއްލުންދޭ ހަތިޔާރަށެވެ. ބައެއް ޤައުމުތަކުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ޖީބުގައި ފިސްތޯލަ ގެންގުޅޭ އުޞޫލުން ކޮންމެ މީހަކާއިއެކުވެސް ހަސަދައިން ސަލާމަތްވެވޭނެ އައްޑަނަތައް ގެންގުޅުން މިއަދު މިއޮތީ މަޖުބޫރުވެފައެވެ. 

މިގޮތުން ކޮންމެ މީހަކުވެސް އެކުގައި ގެންގުޅޭ ހަތިޔާރަކަށް ހަދަންވީ ދެއިރު ކިޔާ ޛިކުރުތަކެވެ. ފަތިސްނަމާދުން ދުވަސްފެށުމެވެ. ﷲ ތައާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަނެގެން ހުންނަ މީހަކަށް ދެރައެއް ދެވޭނީ ކާކަށް ހެއްޔެވެ؟ އެއީ ހަަމ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.  ވީމާ އެކަންކުރުމަށްފަހު ދެން ވިސްނާށެވެ! 

ކޮންމެ މީހެއްގެވެސް ހަސަދަވެރިން ތިބޭނެއެވެ. ހަސަދަވެރިވުމަކީ އެންމެ ނުބައިކަންބޮޑު، އެންމެ ބޮޑު ފާފަތަކުގެ ތެރެއިން ފާފައެއް ނަމަވެސް އެކަމަށް ބިރުވެތިވާ މީހުން މިދަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. ގިނަ ބައެއްގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ އޭނާގެ އެންމެ ގާތް މީހުންނަށްވެސް އިތުރުބާރުކުރެވެން ނެތުމެވެ. އެންމެ ގާތް މީހުންގެ ތެރޭގައިވެސ ހަސަދަވެރިން ތިބޭތީ އެއީ ކޮންބައެއްކަން ދެނެގަންނަން ނުއެނގުމެވެ. އެހެންވެ އެކަމަށް ވިސްނަން ވަގުތު ހޭދަކުރާ މީހުން ވަރަށް ގިނައެވެ. 

ބުއްދި އާއި ޢިލްމާއި ﷲ ތައާލާ ދެއްވެވީ އެއިގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ. ވީމާ ބޭކާރު ކަންކަމަށް ވިސްނައި ފިކުރުކުރަން ވަގުތުތައް ނަގައިނުލާށެވެ! ގިނަ ބައަކު ރުޅިއަންނާތީ ނުވަތަ ހަސަދަވެރިވެގެން އުޅޭތީ ކަންބޮޑުވުމެއް ނެތެވެ. ސަބަބަކީ ކިތަންމެ ގިނަ ބައަކު ރުޅި އައި ނަމަވެސް އަދި ހަސަދަވެރިވީ ނަމަވެސް ތިބާއަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް އެއްވެސް މިންވަރަކަށް މަދެއް ނުވާނެއެވެ. ވާނީ އިތުރެވެ. ކުރާނީ ފައިދާއެވެ. 

ފައިދާ ކުރާނެ ކަމަށް މިބުނަނީ ހަސަދަވެރިވެ ހިތް ނުބައިކުރިވަރަކަށް އެކަމުން ތިބާއަށް ލިބޭނެ ސަވާބު އިތުރުވާނެތީއެވެ. ޤިޔާމަތް ދުވަހުން އެމީހާގެ ހެޔޮ އަމަލުތަކުން ތިބާއަށް ފައިދާލކުރާނެތީއެވެ. ވީމާ މީހަކު ނުވަތަ ބައަކު ހަސަދަވެރިވެ ނުބައި ބަސް ބުނާތީ ނުވަތަ ގެއްލުންދޭން މަސައްކަތްކުރާތީ ކަންބޮޑުވުމެއް ނެތެވެ. 

ނަމަވެސް އެކަން އެގޮތަށް މެދުވެރިވާނީ ތިބާ ހުރީ ޙައްޤު ގޮތުގައި ކަމަށްވާނަމައެވެ. ވީމާ އެންމެ މުހިންމު ކަމަކީ ތިމާ ޙައްޤު ގޮތުގައި ހުރުމެވެ. ތިމާ ޙައްޤު ގޮތުގައި ހުރިނަމަ އެކަން އެމީހަކަށް އެނގޭނެއެވެ. ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. 

ވީމާ ޙަސަދަވެރިންނާއިމެދު ވިސްނުމުގެ ބަދަލުގައި ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކުރާށެވެ! ﷲ ތައާލާ އެންގެވި އެންގެވުންތަކާއިމެދު ވިސްނައިފިކުރުކުރާށެވެ! ﷲ ތައާލާގެ ލޯބި ހޯދަން މަސައްކަތްކުރާށެވެ. ﷲ ތައާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ދުނިޔޭގައި ވެސް ދާނީ ކުރިއެރުން ލިބެމުންނެވެ. އާޚިރަތުގައިވެސް ކާމިޔާބު މިންވަރުފުލު ކުރައްވަވާނެތެވެ! އިން ޝާ ﷲ! 

ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާނަމަ ހަސަދަވެރިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ހަސަދަވެރިންގެ އަދަދު ކިތަންމެ ގިނަވި ނަމަވެސް ދެވޭނެ ހަމަ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ. ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކު ކަމުގައިވުމަށް މަސައްކަތް ކުރާށެވެ! ޙައްލަކީ ހަމައެއީއެވެ. 

- މުފްތި މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން