ލޯބީގެ ގުޅުން ފެށުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ އެންމެ މުހިންމު ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ލޯބީގެ ގުޅުން ފެށުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ އެންމެ މުހިންމު ކަންތައް-

މީހަކު ލޯބި ހުށަހަޅައިގެން ނަމަވެސް އަދި އަމިއްލައަށް މީހަކު ދެކެ ލޯބިވެގެން ނަމަވެސް މީހަކާއިއެކު ލޯބީގެ ގޮތުން ގުޅުން އުފައްދާނަމަ އޭނާގެ ކިބައިން ތިމާ އެދޭ ކަންކަމުގެ ލިސްޓް ވަރަށް ފުރިހަމައަށް ކިޔައިދޭންވާނެއެވެ. ގުޅެންވާނީ އެމީހަކު އެކަންކަމަށް އެއްބަސްވާނަމައެވެ.  

ގުޅުން އުފައްދައިފިނަމަ އަދި ގުޅުން ކުރިއަށް ގެންދާއިރު އެކަންކަމަށް ފޭލްވާ މީހުންނާއި އޮތީ ވަކިވުމެވެ. ސަބަބަކީ އެމަރުޙަލާގައި ފޭލްވި މީހެއްގެ ކިބައިން ޒަވާޖީ ޙަޔާތުގައި މާބޮޑެތި މައްސަލަތައް ކުރިމަތިވާނެތީއެވެ. އެއިރުން ލިބޭ ހިތްދަތިކަން މާބޮޑުވާނެތީއެވެ.  

ގިނަ ފަހަރަށް ކަންކަން ވާގޮތަކީ މިބުނި ލިސްޓް ކިޔައިނުދެވެނީއެވެ. ގުޅުން އުފައްދަން އަވަސްވެގެނެވެނީއެވެ. ގުޅުމުގެ ވަކި ހިސާބަކުން ލިސްޓްގައި ހުރި ކަންކަން ކިޔައިދޭން ފެށުމުން މައްސަލަތައް ކުރިމަތިވަނީއެވެ.

އެއިރު އޮންނަނީ ދެމީހުންނަށް ވަކިވާން އުނދަގޫ ޙާލަތަކަށް ކަންކަން ގޮސްފައެވެ. މާބޮޑަށް ލޯބިވެވިފައެވެ. އެފަދަ ގޮތަކަށް އުޅެމުން ގޮސް ކައިވެނިކުރާ ހިސާބުން ބޮޑެތި މައްސަލަތައް ކުރިމަތިވެ މާބޮޑަށް ހިތްދަތިކަން ލިބެއެވެ.  

މިޒަމާނަކީ ލިޔެކިޔުމުން ވެވޭ އެއްބަސްވުންތަކަށްވެސް ޢަމަލުނުކުރުން ގިނަވަމުން އަންނަ ޒަމާނެވެ. ވަޢުދާއި އަހުދުތަކުގައި އަގެއް އޮންނަ ކަމަށް ނުބަލައި އެމީހަކު ބޭނުންވާ ގޮތަކަށް ކަންކަ ބަދަލުކުރަމުން ގެންދާ ޒަމާނެވެ. ވީމާ އަނގަބަހުން ވެވޭ އެއްބަސްވުންތަކުގައި މާބޮޑު ބުރަދަނެއް ނުވެސް އޮންނާނެއެވެ.  

ދެމީހުންގެ ގުޅުން ފަށަމުން ވެވޭ އެއްބަސްވުންތަކަށް ޢަމަލުނުކުރާނަމަ އެހިސާބުން ގުޅުން އަވަހަށް ނިންމާލަން މިބުނަނީ އެފަދަ ސަބަބުތަކަށްޓަކައެވެ.

 

--އަލަފް

 

 

މިއަދު އޮންލައިން