އިސްލާމް ދީނަކީ އެއްވެސް ކަމެއްގައި ބުރަކަމެއް އޮތް ދީނެއް ނޫނެވެ. ބުރަ އުފުލަންޖެހޭ ދީނެއް ނޫނެވެ. މިޘާލަކަށް ޙައްޖަކީ ބުރަކަމެއްކަމަށް ބުނާނަމަ އެއީވެސް ރަނގަޅު ބުނުމެއް ނޫނެވެ. ޙައްޖު ވާޖިބުވަނީ މާލީ ގޮތުންނާއި އެހެންވެސް ގޮތްގޮތުން އެމީހަކަށް ކެރިކުޅަދާނަވެގެންވާނަމައެވެ.
ދެން އޮތީ ސުންނަތް އަޅުކަމެވެ. ދަމުނަމާދުކުރުމާއި ވިތުރި ކުރުމާއި ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ކުރުމަކީ އެއީ ކުރަންޖެހޭނެ ކަމެއް ކަމަށް ބަލައިގެން ކުރަން މަސައްކަތްކުރާ މީހަކަށް އެއްވެސް ބުރަކަމެއް ނޫނެވެ. ސުންނަތް ރޯދަތައް ހިފުމަކީވެސް ހަމަ އެފަދައިން އޮތް ކަމެކެވެ. ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު އަދި މަހުގެ 3 ދުވަހު ރޯދަހިފުމަކީ ކުރާ ހިތުން ކުރަން މަސައްކަތްކޮށްފި މީހަކަށް އެއްވެސް ބުރަކަމެއް ނޫނެވެ.
މިހާރަކަށް އައިސް ބައެއް މީހުން ދީނުގެ ކަންކަން ވަރަށް ބޮޑަށް ލުއިކުރަމުންގޮސް ސުންނަތް އަޅުކަން ނުކުރާ ބައަކުވެސް އެބައުޅެއެވެ. އަހުރެން ޤަބޫލުކުރާނީ އެއީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކުނަމަ، އިސްލާމް ދީނަށް ޢަމަލުކުރަން ލޯބިކުރާ މީހަކުނަމަ ވީހައި ގިނައިން ސުންނަތް އަޅުކަންކުރަން މަސައްކަތްކުރާނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ހަމައެއާއިއެކު މީޒާނުގައި ތިމާގެ ޢަމަލުތައް ކިރައިލެވޭހިނދު ހެޔޮކަމުގެ ކޮޅަށް ބަރުކުރަން އެދޭ މީހާ ހަމައެކަނި އަދާކުރާނީ ފަރުޟު އަޅުކަމެއް ނޫނެވެ. ކުރެވެން އޮތް ކޮންމެ ހެޔޮ ޢަމަލެއް ދާނީ ކުރަމުންނެވެ. މުސްލިމަކަށް ހިތްހަމަޖެހުން ލިބޭނީ ސުވަރުގެ ވަދެވުމުން ކަމަށް އޮންނަ ބަސްފުޅަށް ވިސްނައިލާށެވެ. އެބަސްފުޅުން އެނގިގެންދަނީ ސުވަރުގެ ހޯދަން ކުރަންޖެހޭ ކޮންމެ ކަމެއް އެމީހަކު ކުރާނެ ކަމެވެ.
ވީމާ އަހުރެން ވަރަށް އާދޭހާއިއެކު ބުނަމެވެ. އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެއް ކަމަށް ބަލައި ސުންނަތް އަޅުކަން ކުރަން ފަސްޖެހޭ މީހުންނާއިއެކު ނުއުޅޭށެވެ. އެމީހުންގެ ކިބައިން އެ ސިފަ ވާރުތަވެއްޖެނަމަ އެއީ ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. އެއީ ސުވަރުގެ އެދޭ މީހުން ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން