ބައިވެރިޔާ ކުރާ ސުވާލުތަކަށް ރަނގަޅު ޖަވާބު ނުދެވޭނަމަ ކުރެވޭ ތުހުމަތު ބޮޑުވެ ހޫނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބައިވެރިޔާ ކުރާ ސުވާލުތަކަށް ރަނގަޅު ޖަވާބު ނުދެވޭނަމަ ކުރެވޭ ތުހުމަތު ބޮޑުވެ ހޫނުވާނެ!

ދިރިއުޅުމުގެ ކަންކަމާއި ގުޅިގެން އުފެދޭ ސުވާލުތަކަށް ކޮންމެ މީހަކުވެސް ޖަވާބު ބޭނުންވާނެއެވެ. ބުއްދިއަށް ޤަބޫލުކުރެވޭ ފެންވަރުގެ ޖަވާބު ނުލިބޭނަމަ އެއީ މައްސަލައެކެވެ. ހަމައެފަދައިން ކޮންމެ ޖަވާބަކީ ބުއްދިއަށް ޤަބޫލުކުރެވޭނެ ޖަވާބެއް ނޫނެވެ. 

ދީނުގެ ކަންކަމުގައިވެސް އޮތީ ހަމަ އެގޮތެވެ. އެއްވެސް މީހެއްގެ ހިތުގައި ސުވާލެއް އުފެދިއްޖެނަމަ ޖަވާބު ބޭނުންވާނެއެވެ. އެ ޖަވާބަކީ ބުއްދިއަށް ޤަބޫލުކުރެވޭ ޖަވާބަކަށްވެސް ވާންޖެހޭނެއެވެ. ތިއަ ކަންތަކާ ސުވާލެއް ނުކުރެވޭނެ ކަމަށް ބުނުމަކީ ޖަވާބެއް ނޫނެވެ. ސުވާލު ނުކުރެވޭނެ ކަމަށް ބުނާނަމަ ނުކުރެވެންވީ ސަބަބު ބުނެދޭންޖެހޭނެއެވެ. 

އަހުރެންގެ ވިސްނުމަށް ޤަބޫލުކުރެވޭ ގޮތުގައި އަލަށް އިސްލާމްވާ މީހުން އިތުރުވާ އެންމެ ބޮޑު ސަބަބަކީވެސް އުފެދޭ ސުވާލުތަކަށް ޢިލްމުވެރިން ޖަވާބު ދެއްވާ ކަމެވެ. އެމީހާގެ ހިތަށް ހަމަޖެހުން ލިބޭ ވަރަށް ކަންކަން އޮޅުން ފިލުވައިދެއްވާކަމެވެ. 

ދެމަފިރިންގެ ޒަވާޖީ ޙަޔާތަށް ބެލިނަމަވެސް މިކަން އޮތީ ހަމަ މިފަދަ ގޮތަކަށެވެ. އެކަކު ކުރާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް އަނެކާގެ ކިބައިން ނުލިބޭނަމަ މައްސަލަތައް ޖެހުން ގާތްވާނެއެވެ. ކުރެވޭ ތުހުމަތުތައް ގިނަވާނެއެވެ. 

ސުވާލަކީ ހަމަ ހުރެފައި އުފެދޭ އެއްޗެއް ނޫނެވެ. ސުވާލު އުފެދޭނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންނެވެ. އެކަމެއް މެދުވެރިވުމުން އެމީހަކު ފުރަތަމަ ސުވާލެއް ނުކުރާނެއެވެ. އަމިއްލައަށް ވިސްނާނީއެވެ. ބައިވެރިޔާ އާއި ސުވާލުކުރާނީ އަމިއްލައަށް ޖަވާބު ނުހޯދިއްޖެނަމައެވެ. އެޙާލަތުގައި ތެދުބަހުން ސާފު ނުދެވިއްޖެނަމަ މައްސަލަ އުފެދޭނެއެވެ. 

ވީމާ ކޮންމެ ކަމެއްގައިވެސް އޮތީ ހަމަ މިގޮތެވެ. އުފެދޭ މައްސަލަތަކުގެ ޙައްލަކީ ރަނގަޅު ޖަވާބެވެ. ޚާއްޞަކޮށް ދެމަފިރިންގެ މައްސަލަތަކުގައެވެ. ސަބަބަކީ އެހެން ކަންކަމުގެ ޖަވާބު ފޮތްތަކުން ހޯދުނު ނަމަވެސް ދެމަފިރިންގެ މެދުގައި އުފެދޭ މައްސަލަތަކުގެ ޖަވާބު ފޮތްތަކުން ނުފެންނާނެތީއެވެ. އަނެކާ ތެދުބަހުން ޖަވާބު ދިނުމުން ނޫނީ ނުއެނގޭނެތީއެވެ.  

ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ އަދި މައްސަލަތައް ހޫނުވެގެންދާ އެންމެ ބޮޑު އެއްސަބަބަކީވެސް ކުރެވޭ ސުވާލުތަކަށް ޖަވާބު ނުލިބުމެވެ.

 

- އަލަފް

މިއަދު އޮންލައިން